ވައިކަރަދޫ މުހައްމަދުބޭ ނިޔާވުމުގެ ކުރިން: "މި ދަތުރަކީ ހަޔާތުގައި ކުރާ އެންމެ ފަހު ދަތުރަށް ވެސް ވެދާނެ"

އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވި ވައިކަރަދޫ މުހައްމަދުބޭ: އޭނާ ނިޔާވުމުގެ ކުރިން ބުނީ "މި ދަތުރަކީ ހަޔާތުގައި ކުރާ އެންމެ ފަހު ދަތުރަށް ވެސް ވެދާނެ" ކަމަށް --

ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވި އުމުރުން 86 އަހަރުގެ މުޙައްމަދު ޙަސަން ކުރި މި ދަތުރަކީ އޭނާގެ އެންމެ ފަހު ދަތުރުކަމަށް ބުނި ކަމަށާއި، މުޙައްމަދު ޙަސަން ހިތްވަރާއެކު ދެ ޢުމްރާ ފުރިހަމަކުރި ކަމަށް، ދަތުރުގައި ބައިވެރިވި މީހަކު ބުނެފިއެވެ.

ހދ. ވައިކަރަދުއަށް ނިސްބަތްވާ މުޙައްމަދު ޙަސަން ނިޔާވީ މިއަދުގެ ވަގުތެއްގައެވެ. އޭނާ ނިޔާވީ މިމަހުގެ 17ވަނަ ދުވަހުން ފެށިގެން މައްކާގެ އައް-ނޫރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ކަމަށް، ޤިބްލަ ގްރޫޕުގެ ފަރާތުން 'ސަން'އަށް މިއަދު ބުންޏެވެ.

https://sun.mv/217080

މުޙައްމަދު ޙަސަނާއެކު އުމްރާއަށް ދިޔަ މީހަކު ކަމަށްވާ އިބްރާހީމް ރަފޫ 'ފޭސްބުކް'ގައި ކުރި ޕޯސްޓެއްގައި ވަނީ، މުޙައްމަދު ޙަސަން ވަރަށް ހިތްވަރާއެކު ދެ ޢުމްރާ ފުރިހަމަކުރި ކަމަށެވެ. އަދި "ބޭބެގެ އެ ދަތުރަކީ ފަހަރުގައި ހަޔާތުގައި ކުރާ އެންމެ ފަހު ދަތުރަށް ވެގެން ގޮސްދާނެ" ކަމަށް ބުނި ކަމަށް، މައްކާގައި ތިބި އާޢިލާގެ މީހުންނާ ހަވާލާދީ ރަފޫ ބުންޏެވެ.

"މި ބޭބެއާއެކު ދަތުރުގައި ބައިވެރިވި ބޭބެގެ ދަރިފުޅު ޝުޖާ ދަތުރުމަތީގައި ބައްޕައާއެކު ކުރީ ތައުރީފް ހައްގު ހިއްވަރެއް" އެ ޕޯސްޓުގައިވެއެވެ.

މީގެ އިތުރުން އިބްރާހީމް ޝަމީމްގެ ނަމުގައި މީހަކު ކުރި ޕޯސްޓެއްގައިވަނީ މުޙައްމަދު ޙަސަނަކީ، އޭނާގެ ބައްޕައާ ދެބެއިންގެ ދެދަރި މީހަކަށްވާއިރު، މުޙައްމަދު ޙަސަން އެތައް ގުނައަކުން އެހީތެރިވި ކަމަށާއި، އެގޮތުން އާއިލީ ގުޅުމުގެ އިތުރުން އޭނާގެ ބައްޕައާ ގާތް ރަހުމަތްތެރިކަމުގެ ގުޅުމެއް އޮތް ކަމަށް ބުންޏެވެ.

"މުޙައްމަދުބޭ އަބަދު މިސްކިތުން ފެންނާނެ، [މިސްކިތުގެ ބޭރުން އަހަރެންގެ] ބައްޕަ ނުފެންނަ ނަމަ، [ގެއަށް] އައިސް ހާލުވެސް ބަލާނެ، [މުޙައްމަދުބޭ] އަކީ ވަރަށް ހެޔޮ ތިމާގެ މީހެއް އަދި ގާތް އަވަށްޓެރިއެއްވެސްމެ، ހަމައެކަނި ބައްޕައަކާ އެކަންޏެއް ނޫން، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންނަށްވެސް ވަރަށް ހެޔޮ،" އިބްރާހީމް ޝަމީމްގެ ޕޯސްޓުގައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި މިމަހު ކުރީކޮޅު، ޢުމްރާގެ އަޅުކަމުގައި އުޅުއްވަނިކޮށް، ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރެއްވި އިބްރާހީމް ރަޝީދު ވަނީ މިމަހު ކުރީކޮޅު ނިޔާވެފައެވެ. އިބްރާހީމް ރަޝީދުވެސް ނިސްބަތްވަނީ ވައިކަރަދުއަށެވެ.

ޙައްޖާއި އުމްރާއަށްދާ ބައެއް މީހުން މަރުވުމުގެ ހިތާމަވެރި ހާދިސާތައް މީގެ ކުރިން ހިނގާފައިވެއެވެ. ޚާއްސަކޮށް ދުވަސްވީ ބައެއް މީހުން މީގެ ކުރިން ވެސް މަރުވެފައިވެއެވެ.

comment ކޮމެންޓް