ކޮވިޑްއާ ހެދި ހުރާގައިވެސް ރައްޔިތުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފި

ކ. ހުރާ --- ފޮޓޯ: ބުކިންގ.ކޮމް

ކ. ހުރާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ އެ ރަށުގެ ރައްޔިތުންވެސް ގެއިން ބޭރަށް ނުނުކުތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އަންގައިފި އެވެ.

މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ހުރާ މޮނީޓަރިން ހާލަތަށް ގެންދިޔައީ އެރަށުން ބަލިވެގެން މާލެއަށް ގެންދިޔަ އުމުރުން ދުވަސްވީ މީހަކު ވައިރަހަށް ޕޮޒިޓިވްވެގެންނެވެ. އެ ފަހުން އެ ރަށުން މިހާތަނަށް ނެގި 515 ސާމްޕަލްގެ ތެރެއިން 104 ސާމްޕަލް ވަނީ ޕޮޒިޓިވްވެފަ އެވެ.

ހުރާގައި ކޭސްތައް ގިނަވެފައިވާއިރު، މިއަދު އެޗްޕީއޭއިން ވަނީ ހަތް ދުވަހުގެ މުއްދަތަކަށް އެ ރަށުގައި ހާއްސަ ފިޔަވަޅުތައް އަޅަން އަންގައިފަަ އެވެ.

އެ ފިޔަވަޅުތަކަކީ:

  • ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް، މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓާލުން.
  • އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެ އުޅުން ހުއްޓައިލުން.
  • އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން.
  • ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުން.
  • ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލުން. އޭގެ ތެރޭގައި ޑެލިވަރީ ހިދުމަތް ނުހިމެނެ އެވެ.
  • ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
  • ކުޅިވަރު ގެހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން.
  • ފިރާތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ދޭއިރު، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ހިދުމަތް ދިނުން.
  • ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ބޭއްވުން ހުއްޓާލުން

އެ ފިޔަވަޅުތަކުން އިސްތިސްނާ ވާނީ ހަމައެކަނި ސިފައިންނާއި، ފުލުހުންނާއި، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލާންސާއި، ޓާސްކްފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކާއި، އިމަޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަން ދާ ފަރާތްތަށް ކަމަށް އެޗްޕީއޭގެ އެންގުމުގައިވެ އެވެ.

comment ކޮމެންޓް