އެމްޔޫ ސްޓޯރު ފަޅާލި މައްސަލަ: ކުށް ސާބިތު ނުވާ ކަމަށް ކުރި ހުކުމް އިސްތިއުނާފު ކުރަނީ

އެމްޔޫ ސްޓޯރުގެ ތިޖޫރީތައް ފަޅާލާފައި -- ފޮޓޯ: ފުލުހުން

ދެހާސް ސޯޅަ ވަނަ އަހަރު ފިލާ ބިލްޑިންގް އާ އިންވެގެން ހުންނަ އެމްޔޫ ސްޓޯރުގެ އޮފީހުގައި ހުރި ތިން ތިޖޫރީ ފަޅާލައި ވައްކަން ކުރި މައްސަލަ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ފިލާ ބިލްޑިންގުގެ ސެކިއުރިޓީ އަށް ހުރި މީހާ ރަޙީނު ކުރުމަށް ފަހު، އެމްޔޫ ސްޓޯރުގެ އޮފީހުގައި ހުރި ތިން ތިޖޫރީ ފަޅާލާފައި ވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ 2:30 އެހާކަށް ހާއިރު އެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ލ. ގަން، ތުނޑި، ހިމާޔަތް، މޫސާ ޔޫސުފް، މ. އޭޝިޔާ، އަހްމަދު ފާރިސް، މއ. ކަޅުފެހިގެ، އަހްމަދު ޝިފާން، ހ. ބުރެކިގެއާގެ، އިސްމާއީލް ސަޔާހު، އަދި ހ. ރޯޝަންވިލާ، ޔޫސުފް ޝާހީންގެ މައްޗަށެވެ.

އެމީހުންގެ މައްޗަށް އުފުލީ މުދަލަށް ގެއްލުންދިނުމުގެ ދައުވާ އާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ދައުވާ އާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ އެވެ.

މި މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ވަކިވަކިން ހުކުމް ކުރެއްވީ، އެމީހުންގެ މައްޗަށް އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށެވެ.

އެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް މިއަދު ޕީޖީ އޮފީހުން ވަނީ މީޑިއާތަކަށް ބުނެފަ އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްތަކުގައި ބުނެފައި ވަނީ ދައުވާ ކުރި މީހުން ކުށް ކުރި ކަމަށް ސާބިތުވާ ހެކިތަކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާތައް ސާބިތު ނުވާ ކަމަށެވެ.

އެމްޔޫ ސްޓޯރު ފަޅާލައި ފަސް މިލިއަން ނެގި މައްސަލަ ސާބިތެއް ނުވި

comment ކޮމެންޓް