ދެހާސް ސޯޅަ ވަނަ އަހަރު ފިލާ ބިލްޑިންގް އާ އިންވެގެން ހުންނަ އެމްޔޫ ސްޓޯރުގެ އޮފީހުގައި ހުރި ތިން ތިޖޫރީ ފަޅާލައި ވައްކަން ކުރި މައްސަލަ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ފިލާ ބިލްޑިންގުގެ ސެކިއުރިޓީ އަށް ހުރި މީހާ ރަޙީނު ކުރުމަށް ފަހު، އެމްޔޫ ސްޓޯރުގެ އޮފީހުގައި ހުރި ތިން ތިޖޫރީ ފަޅާލާފައި ވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ 2:30 އެހާކަށް ހާއިރު އެވެ.
އެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށް ދައުލަތުން ހަތަރު ދައުވާއެއް އުފުލި އެވެ.
ދައުލަތުން ދައުވާ އުފުލީ މޫސާ ޔޫސުފް، ހިމާޔަތް ތުނޑި / ލ. ގަން، އަހްމަދު ފާރިސް، މ.އޭޝިޔާ / މާލެ، އަހްމަދު ޝިފާން، މއ. ކަޅުފެހިގެ / މާލެ، އިސްމާއީލް ސަޔާހް، ހ. ބުރެކިގެއާގެ / މާލެ އަދި ޔޫސުފް ޝާހީން، ހ.ރޯޝަންވިލާ / މާލެ ގެ މައްޗަށެވެ.
އެމީހުން ހ.ބުރަކިގޭގައި ދިރިއުޅުނު ކޮޓަރި ބަލައި ފާސްކުރިއިރު އެކޮޓަރީގެ ވައިގޮޅި ތެރެއަށް ބޮޑެތި ދަބަސް ތަކެއް އުކާލާފައި ވަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދަބަސްތަކުގައި ގިނަ އަދަދެއްގެ ފައިސާ ހުރިކަން ފާހަގަކުރެވި އެދަބަސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބެލި އިރު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި އެއް ލައްކަ 17 ހާސް ޔޫއެސް ޑޮލަރު އެ ދަބަސްތަކުގައި ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި އެމީހުން ވައްކަން ކޮށްފައި ވަނީ ފިލާ ބިލްޑިންގުގައި ހުރި ސެކިއުރިޓީ މީހާ ރަހީނުކުރުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ.
އެމީހުންގެ މައްޗަށް އުފުލީ މުދަލަށް ގެއްލުންދިނުމުގެ ދައުވާ އާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ދައުވާ އާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލައިގައި މި މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަކިވަކިން ހުކުމް ކުރީ، އެމީހުންގެ މައްޗަށް އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށެވެ.
އެމީހުން ވަނީ ހަތަރު ދައުވާ އަށް ވެސް އިންކާރުކޮށްފަ އެވެ. އަދި ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ގިނަ އަދަދެއްގެ ހެކިހުށަހަޅާފަ އެވެ.
މުދަލަށް ގެއްލުންދިނުމުގެ ދައުވާގައި ގާޒީ އަލީ އާދަމް އިއްވެވި ހުކުމުގައި ބުނެފައި ވަނީ، މައްސަލައިގެ ތުހުމަތުވާ މީހުން ފިލާ ބިލްޑިންގެ 10 ވަނަ ފަންގިފިލާގައި ހުންނަ އެމްޔޫ ސްޓޯރާއި ގުޑް ސްމާޓް އޮފީހުގެ ދޮރުތަކަށް ގެއްލުން ދިނުމަށް ކޮށްފައިވާ އަމަލަކީ ކޮބައިކަމާއި، ތިޖޫރީ ހަލާކުކޮށްލުމުގެ ގޮތުން ކޮށްފައިވާ އަމަލަކީ ކޮބައިކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި އެއްވެސް ހައްކަކު، ތުހުމަތުވާ މީހުން އެ އަމަލު ހިންގިތައް ދެކެފައިވާ ކަމަށް ވެސް ބުނެފައި ނުވާކަމަށް ހުކުމްގައިވެ އެވެ. އަދި އޮފީހުގެ އެއްވެސް ތަނަކުން އަދި އެއްޗަކުން ވެސް ތުހުމަތުވާ މީހުންގެ ފިންގަޕްރިންޓް އަދި ޑީއެންއޭ ޕްރޮފައިލް ވެސް ލިބިފައި ނުވާ ކަމަށް ހުކުމްގައި ވެއެވެ.
އެހެންކަމުން، އެއްވެސް ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ވަނީ ހުކުމް ކޮށްފަ އެވެ.
އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާގެ ހުކުމްގައި ބުނެފައި ވަނީ ދައުވާ ލިބޭ އެއްވެސް މީހަކު އޮފީހަށް ވަންނަނިކޮށް ނުވަތަ ވަދެ އުޅެނިކޮށް އެއްވެސް މީހަކަށް ފެނިފައި ނުވާ ކަމަށެވެ.
ހުއްދަނޫންގޮތުގައި މީހުން ހިފެހެއްޓުމުގެ މައްސަލައިގެ ހުކުމްގައި ބުނެފައި ވަނީ ތުހުމަތުވާ މީހުން ގަދަކަމުން މީހަކު ހިފަހައްޓަނިކޮށް ފެނިފައިވާ ކަމަށް އެއްވެސް ހެއްކަކު ހެކިބަސް ދީފައި ނުވާ ކަމަށެވެ. އަދި އަތްފައި ބަނދެފައި އޮތް މީހާއަށް ވެސް، އޭނާއާ މެދު އެ އަމަލު ހިންގީ ސީދާ ކުށުގެ ތުހުމަތުވާ މީހުންކަން ބުނެދެވިފައި ނުވާ ކަމަށެވެ. އަދި އެކަން އެނގޭނެ މާއްދީ ހެއްކެއް ވެސް ދައުލަތުން ހުށަހަޅާފައި ނުވާކަމަށް ހުކުމްގައިވެ އެވެ.
ވައްކަމުގެ މައްސަލައިގެ ހުކުމްގައި ވަނީ، ތިން ތިޖޫރީ ފަޅާލައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގައި އެ ފަސް މީހުން ބައިވެރިވި ކަމުގެ ހެއްކެއް ނެތް ކަމަށެވެ. އަދި ދައުވާ ލިބޭ މީހުންގެ ބެލުމުގެ ދަށުން ފައިސާ ފެނިފައި ނުވާ ކަމަށާއި، ފެނުނު ފައިސާ އާއި އެ ފަސް މީހުންނާ ގުޅުވޭނެ ހެއްކެއް ނެތް ކަމަށް ހުކުމްކޮށް، ދައުވާ ސާބިތުނުވާކަމަށް ވަނީ ހުކުމްކޮށްފަ އެވެ.
ފުލުހުން މީގެކުރިން ބުނެފައި ވަނީ އެ މައްސަލާގައި އަތުލައި ގަނެވުނު ފައިސާއަކީ އެހާތަނަށް ކުރެވިފައިވާ ވައްކަންތަކުގައި އަތުލައި ގަނެވުނު އެންމެ ގިނަ އަދަދެއްގެ ފައިސާ ކަމަށެވެ.