ކޮވިޑް-19: ތިނަދުއިން 300 ސާމްޕަލް، އިތުރު ކޭސްއެއް ނުފެނޭ

ގދ. ތިނަދޫ (ފޮޓޯ)/ޔާމިންފޮޓޯގްރާފާ)

ކޮވިޑް-19ގެ ކޭސްތަކެއް ފެނިގެން މޮނިޓަރިންގް އަށް ލާފައިވާ ގދ. ތިނަދޫއިން 300 ސާމްޕަލް ނަގާފައިވާއިރު އަދި މިހާތަނަށް އިތުރު ޕޮޒިޓިވް ކޭސްއެއް ފެނިފައިނުވާކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފި އެވެ.

ތިނަދޫ ކައުންސިލް ރައީސް އަލީ އަމްޖަދު 'ސަން' އަށް ވިދާޅުވިގޮތުގައި މިވަގުތު ތިނަދޫގައި 91 މީހަކު ވަނީ ކަރަންޓީނު ކުރެވިފަ އެވެ. ބައްޔަށް ޓެސްޓުކުރުމަށް ނެގުނު 300 ސާމްޕަލް ގެ ތެރެއިން 134 ސާމްޕަލްއެއް ނެގެޓިވްވެފައިވާއިރު ބާކީ 166 ސާމްޕަލްގެ ނަތީޖާ އަދި ނުލިބި ހުރި ކަމަށް އަމްޖަދު ވިދާޅުވި އެވެ. 8،000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ތިނަދޫއިން އަދިވެސް އިތުރަށް ރެންޑަމް ސާމްޕަލް ނަގަމުންދާކަމަށް އަމްޖަދު ވިދާޅުވި އެވެ.

"އަދިވެސް ރަށް އޮތީ މޮނިޓަރިންގް ގައި. އިތުރު އެހެން ކޭސްއެއް ނުފެންނަ ނަމަ ކުރިޔަށް އޮތް ތިން ދުވަސް ތެރޭ މޮނިޓަރިންގް ހާލަތުން ނަގާނެކަމަށް ބަލަނީ،" އަމްޖަދު ވިދާޅުވި އެވެ.

ތިނަދޫ މިފަހަރު މޮނިޓަރިންގް އަށް ލީ މިމަހުގެ 27 ވަނަ ދުވަހު އެރަށުގެ ފްލޫ ކްލިނިކުން ބަލީގެ އަލަމާތްތައް ހުރެގެން ސާމްޕަލް ނެގި ފަސް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އޭގެ ފަހުން އެ ރަށުން ކަރަންޓީނުގައި ތިބި ތިން މީހަކު ބައްޔަށް ޕޮޒިޓިވްވެ ރަށުން ޖުމްލަ ފެނުނު ކޭސްތަކުގެ އަދަދު ވަނީ އަށަކަށް އަރައިފަ އެވެ.

ރަށަށް ބަލި ފެތުރުނު ގޮތް ސީދާ ދަނެގަނެވިފައިނުވާއިރު ތިނަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލް ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވި ގޮތުގައި އެރަށަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރިސޯޓަކުން އައި ބަޔަކު ވަނީ ރަށުން ފުރި ފަހުން ޕޮޒިޓިވްވެފަ އެވެ.

"ސީދާ ބަލި ފެތުރުނީ ކިހިނެތް ކަމެއް ނޭނގޭނެތާ. އެކަމަކު މިތާ ކައިރި ރިސޯޓަކުން އައި ބަޔަކު ވަނީ ފުރިފަހުން ޕޮޒިޓިވްވިކަމަށް މައުލޫމާތު ލިބިފަ. ދެން މި ދުވަސްވަރު ލުއިތަކާއެކު ތަންކޮޅެއް ދަތުރު ކުރުންވެސް އިތުރުވެފައިވާތީވެ، ބައެއް ފަރާތްތަކުން އެބަ އާދޭ ރަށަށް ހުއްދަ ނުނަގާވެސް،" ސައީދު ވިދާޅުވި އެވެ. އެހެންނަމަވެސް ރަށުން ޕޮޒިޓިވްވި މީހުންނާއި ރިސޯޓުން އައި ފަރާތްތަކާއި ދެމެދު ސީދާ ކޮންޓެކްޓެއް އޮތްކަން އަދި ދަނެގަނެވިފައިނުވާކަމަށް ސައީދު ވިދާޅުވި އެވެ.

އިތުރަށް ވާހަކަދައްކަވަމުން ސައީދު ވިދާޅުވިގޮތުގައި ތިނަދޫގައި ބައްޔަށް ޓެސްޓުކުރެވެން ހުރި ނަމަވެސް ކެޕޭސިޓީގެ ދަތިތަކާއެކު މިވަގުތު ސާމްޕަލްތައް ފޮނުވަނީ މާލެ އަށެވެ. އެހެންނަމަވެސް ތިނަދޫގައި ހަދާފައިވާ ކޮވިޑް-19 އަށް ފަރުވާ ދޭ ފެސިލިޓީ މިހާރު ހުރީ ބަލި މީހުން ގެންދެވޭ ގޮތަށް ތައްޔާރަށްކަމަށް ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް