ސައިނޯފާމް ވެކްސިންގެ ދެވަނަ ބެޗް މިރޭ ރާއްޖެ ގެންނަނީ

މާޗް 25، 2021: ޗައިނާ އިން ރާއްޖެއަށް ހަދިޔާ ކުރި ސައިނޯފާމް ވެކްސިން ރަމްޒީކޮށް ހަވާލު ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ސައިނޯފާމް ވެކްސިންގެ ދެވަނަ ބެޗް މިރޭ ރާއްޖެ ގެންނާނެއެވެ.

ވެކްސިން ރާއްޖެ ގެންނަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. ވެކްސިންގެ ފުރަތަމަ ބެޗު ބަލައިވެސް މޯލްޑިވިއަންގެ ފްލައިޓެއް ޗައިނާ އަށް ހާއްސަ ދަތުރެއްް ކުރިއެވެ.

ރާއްޖޭގައި ސައިނޯފާމް ވެކްސިނަށް ހުއްދަ ދީފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ވެކްސިން ރާއްޖޭގައި ދޭން ފެށީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒްގެ ޖަހާ މީހުންނަށް ދެނީ ސައިނޯފާމް ވެކްސިން އެވެ.

ސަރުކާރުން ބުނެފައި ވަނީ ޗައިނާ އިން ހަދިޔާކުރި ދެލައްކަ ޑޯޒްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު، އެ ވެކްސިން ޖަހާ މީހުންނަށް ދެވަނަ ޑޯޒް ޖެހުމަށް، އަނެއް އެއްލައްކަ ޑޯޒް ބަހައްޓާނެ ކަމަށެވެ.

ރާއްޖޭގައި ސައިނޯފާމް ވެކްސިން ދެނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.

ރާއްޖޭގައި އެސްޓްރަޒެނެކާ ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށް އަންނަ މަހުން ފެށިގެން ދެވަނަ ޑޯޒް ޖަހަން ފަށާއިރު އެ ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ވަނީ އިއްޔެ ރާއްޖެ ގެނެސްފައެވެ. އެއީ އިންޑިއާގެ ސީރަމް އިސްޓިޓިއުޓް އާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ގެނައި ވެކްސިނެވެ. ސަރުކާރުން ވަނީ އެ ވެކްސިންގެ ތިން ލައްކަ ޑޯޒް ގަތުމަށް ސައިނޯފާމް ކުންފުންޏާއެކު އެއްބަސްވެފައެވެ.

އެސްޓްރަޒެނެކާ ސިންގަޕޫރު ކުންފުންޏާ އެކުވެސް ސަރުކާރުން ވަނީ ހަތް ލައްކަ ޑޯޒް ގެ ވެކްސިން ގަތުމަށް އެއްބަސްވުމެއް އެކުލަވާލައިފައެވެ.

ރާއްޖެއިން ވަނީ ފައިޒާ ވެކްސިނަށްވެސް ހުއްދަ ދީފަ އެވެ. އެ ވެކްސިންގެ 5،850 ވެކްސިން ޑޯޒު ރާއްޖެ ގެނެސްފައިވާއިރު އަދި އެ ވެކްސިން ދޭން ފަށައިފައެއް ނުވެ އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެއިން 233،875 މީހުން ވަނީ ވެކްސިން ޖަހައިފައެވެ.

comment ކޮމެންޓް