މާފަންނު ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ހުޅުވައިފި

މާފަންނު ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ހުޅުވުން -- ފޮޓޯ/ ޕޮލިސް

މާލެ ސިޓީ ވެސްޓު ޕާކު ހިމެނޭ ސަރަހައްދުގައި ގާއިމުކުރި މާފަންނު ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައިފި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތް ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، އިންސާނީ މުޖުތަމައެއްގެ ތެރޭގައި ހަމަޖެހުމާއި މަސްލަހަތު ގާއިމުކޮށް، ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެބައެއްގެ މެދުގައި އުފެދިފައި އޮންނަ މުއައްސަސާއަކީ އަބަދުވެސް އެންމެ ލޮބުވެތި އެންމެ ޝަރަފުވެރި، ގަދަރާއި އިހުތިރާމް ލިބިގެންވާ މުއައްސަސާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި އެޒިންމާ ފުލުހުން އަދާކުރަމުންދާތާ 88 އަހަރު ވެގެންގޮސްފައިވާ ކަމަށާއި، އެ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކޮށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުން އައިސް، މިއަހަރު މި ބައްދަލުކުރީ އުފާވެރި މުނާސަބަތު ތަކާއެކު ކަމަށް ވިދާޅުވި އެވެ.

މާފަންނު ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ހުޅުވުން -- ފޮޓޯ/ ޕޮލިސް

އެގޮތުން ފުލުހުންގެ ހިދުމަތުގެ ގާނޫނު އަލަށް ވުޖޫދުކުރެވި އަމަލުކުރެވިގެންދިއުމަކީ ފުލުހުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކާއި ހިތްހަމަޖެހުމެއްކަމަށާއި ފުލުހުންގެ މަސައްކަތަށް މަގުދައްކައިދޭ ފުލުހުންގެ ދުރު، ދިގު ރާސްތާއަށް އަލިކޮށްދޭ ބައްތިއެއްކަމަށް ވިދާޅުވި އެވެ.

ހުރިހާ ފުލުހުންނަކީ ފުލުހުންގެ އާ ގާނޫނަށް އަހުލުވެރި، ގާނޫނުގައި ބުނާ ކަންކަމަށް ފުރިހަމައަށް އެނގޭ ބަޔަކަށް ވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ. އަދި އާ ގާނޫނުގެ ދަށުން ގިނަ ގަވާއިދުތަކެއް ހެދިގެންދާނެކަމަށާއި އެއީ ފުލުހުންގެ ހިދުމަތް ފުރިހަމައަށް ބައްޓަންކޮށްދީ ސަފުތައް ތަރުތީބުކޮށްދީ މަސައްކަތުގެ ރާސްތާ ކަނޑައަޅައިދޭނެ މަސައްކަތަކަށް ވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގާނޫނާއި ގަވާއިދުތަކަށް ބިނާކޮށް ދެވޭ ހިދުމަތް ވެގެންދާނީ ދިވެހިން އުންމީދުކުރާ، ދިވެހިން ބޭނުންވާ، ދިވެހިން އެބަޔަކަށްޓަކައި ފަހުރުވެރިވާ ފުލުހުންގެ މުއައްސަސާއެއް ގާއިމު ކުރުމުގެ މަސައްކަތަކަށް ކަމަށެވެ.

ހަމައެއާއެކު ހިދުމަތެއް ދިނުމަށްޓަކައި ނުވަތަ ޒިންމާއެއް އަދާކުރުމަށްޓަކައި އެމަސައްކަތެއް ކުރުމަށްޓަކައި ކޮންމެހެން ލިބިގަންނަންޖެހޭ ގާބިލުކަމާއި ހުނަރު ލިބިގަތުމާއެކު އެ މަސައްކަތުގައި އިހުލާސްތެރިކަމުގެ ސިފަ ވަރަށް ފުރިހަމަގޮތުގައި އެމީހެއްގެ ކިބައިގައި އަށަގަންނުވަން ޖެހޭކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގާބިލުކަމާއި އިހުލާސްތެރިކަން އެމީހެއްގެ ކިބައިގައި އަށަގެންނެވިއްޖެނަމަ އެމީހަކު ވެގެންދާނީ މަސައްކަތުގައި ނަމޫނާ އަކަށް ކަމަށެވެ. އަދި ކޮންމެ ފުލުހަކީ ގާނޫނާއި ގާނޫނުގެ ދަށުގެން ހެދޭ ގަވާއިދުތަކާ އެކުގައި ނަމޫނާއަކަށް ވެއްޖެނަމަ، މުއައްސަސާއަށްޓަކައި އެންމެންވެސް ފަހުރުވެރިވެ އުފާކުރާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ފުލުހުންގެ އިޖުތިމާއީ ޒިންމާ ވަރަށް ބޮޑުކަމަށެވެ. އެގޮތުން ރައްޔިތަކަށް ދަތިވާ، އުނދަގޫވާ އަދި ކަންބޮޑުވާ ކޮންމެ ކަމަކީ ފުލުހުން އެކަމަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަތުކުރިއޮޅާލައި ތައްޔާރަށް ތިބެންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އޯގާތެރިކަމާއި ކުލުނާ އިހުތިރާމާއެކު ހިދުމަތް ފޯރުކޮށްދިނުމަކީ ކޮންމެ ފުލުހެއްގެވެސް މަސްއޫލިއްޔަތާއި ޒިންމާކަމަށް ވިދާޅުވި އެވެ.

ހަމައެއާއެކު މާފަންނު ޕޮލިސް ސްޓޭޝަންގެ އިމާރާތުގެ ސަބަބުން އަވަށްޓެރި ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ ކަންބޮޑުވުންތައް ފުލުހުންނާ ހިއްސާކޮށް ފުލުހުންނާ ބައްދަލުކޮށް ރައްޔިތުންގެ ހިޔާލުތައް ހިއްސާކުރެއްވުމަށް ފަސޭހަތަކެއް ވެގެންދާނެކަމަށް ވިދާޅުވި އެވެ.

މާފަންނު ޕޮލިސް ސްޓޭޝަން ކުރިން ހިންގަމުންއައީ ފަންހިޔާ ބިލްޑިންގ ގައެވެ. މާފަންނު ޕޮލިސް އާ އިމާރާތަކަށް ބަދަލުވެގެންދިއުމާއެކު އެ ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި މެރިން އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް