ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއަށް

ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން، ސަރުކާރުން މޯލްޑިވްސްް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މ. މުލަށް، ވ. ރަކީދޫ، ރ. ފައިނު، ބ. ތުޅާދޫ އަދި ރ. ރަސްމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށެވެ.

މަޝްރޫއުތައް ހަވާލުކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ
އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ.

މ. މުލަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު

އެއީ 17.66 މިލއަން ރުފިޔާގެ މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ ދަށުން، 411.90 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. މަސައްކަތް ހަވާލުކޮށްފައި ވަނީ 105 ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ.

ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު

އެ މަޝްރޫއުއަކީ 9.16 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މަޝްރޫއުގެ ދަށުން، 200 މީޓަރުގެ ސަރަޙައްދެއްގައި
ބޭރުތޮށިލުމާއި، 40 މީޓަރުގެ ގްރޮއިންސް ޖަހާނެ އެވެ. މަސައްކަތް ފަށާތާ 105 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެ އެވެ. އެ މަޝްރޫއުގެ އީއައިއޭ މަސައްކަތް ނިމޭނީ އޭޕްރީލް މަހުގެ ނިޔަލަށެވެ.

ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު

މިއީ 8.96 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ ދަށުން، 250 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖަހާނެ އެވެ. މަޝްރޫއުއަކީ 180 ދުވަހުގެތެރޭ ނިންމުމަށް ހަމަޖެހިފައިވާ
މަޝްރޫއުއެކެވެ.

ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު
މިއީ 10.13 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މަޝްރޫއުގެ ދަށުން، 280 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖަހަން ޖެހޭއިރު، 150 ދުވަހުގެތެރޭގައި މަސައްކަތް ނިންމަންޖެހޭނެ އެވެ.

ރ. ރަސްމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު

މިއީ 11.68 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މަޝްރޫއުގެ ދަށުން، 336 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. މި މަޝްރޫއުއަކީ 180 ދުވަހުގެތެރޭ ނިންމަން ޖެހޭ މަޝްރޫއުއެކެވެ.

comment ކޮމެންޓް