ކަނުހުރާ ރިސޯޓު ވިއްކާލަނީ

ޅ. ކަނުހުރާ ---

ޅ. ކަނުހުރާ ގައި ހިންގާ ކަނުހުރާ ރިސޯޓު ވިއްކާލަން ނިންމައިފި އެވެ.

އެ ރިސޯޓްގެ ލީސް އެގްރިމެންޓުގެ ދަށުން ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރުމަށް ޓޫރިޒަމްގައި އެދިފައިވާ ކަމަށް އެ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.

ލީސް އެގްރިމެންޓުގެ ދަށުން ލިބިދޭ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދަ އަށް އެދެނީ ރިސޯޓު ވިއްކާލުމަށެވެ.

ޓޫރިޒަމް އިން މިއަދު ކުރި އިއުލާނުގައި ވަނީ ކަނުހުރާ އާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ، ދެ ހަފްތާ ތެތޭ އެކަން ޓޫރިޒަމް މިނިސްޓްރީ އަށް ލިޔުމުން އެންގުމަށެވެ.

ކަނުހުރާ ހިންގަނީ މޮރިޝަސްގެ ސަން ލިމިޓެޑް ކުންފުނިންނެވެ.

ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން ލެޝާ އޯޝަންސް ކިޔާ ކުންފުންޏަކަށް ކަނުހުރާ ވިއްކާލުމުގެ ކަންތައް މި އަހަރުގެ ޖުލައިގެ ނިޔަލަށް ކުރާނެ އެވެ. ކަނުހުރާގެ ނުއުފުލޭ މުދަލުގެ އަގު 2.4 ބިލިއަން ދިވެހި ރުފިޔާ އަށް އަރަނެ ކަމަށްވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ.

ކަނުހުރާ ރިސޯޓަކީ ފަސް ތަރީގެ ކަރުހުރާ ރިސޯޓުގައި އެކި ފެންވަރުގެ 80 ވިލާ ހުރެެއެވެ.

މަސްލެއްގިހުރާ އަދި ޖެހުނުހުރާ ގުޅުވާލާ ކަނުހުރާ އަޕްގްރޭޑުކޮށް ހުޅުވީ 2017 ވަނަ އަހަރު އެވެ. މީގެ ކުރިން ވަން އެންޑް އޮންލީ ބްރޭންޑުގެ ދަށުންވެސް އެ ރަށް ހިނގިއެވެ.

comment ކޮމެންޓް