އާ ގާނޫނުގެ ދަށުން ފުލުހުން ހުވާކޮށްފި

ފުލުހުންގެ ހިދުމަތުގައި ތިބި އޮފިސަރުން ހުވާކުރުން -- ފޮޓޯ: ޕޮލިސް

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަސް އިއްޔެ އަމަލު ކުރަން ފެށުމާއެކު ހިދުމަތުގައި ތިބި ފުލުހުން އާ ގާނޫނުގެ ދަށުން ހުވާ ކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލު ކުރަން ފަށާފައިފަވަނީ އިއްޔެ އެވެ.

އެ ގާނޫނުގައި ފުލުހުންގެ ހިދުމަތުގެ ހާއްސަ ސިފަތަކުގެ ގޮތުގައި ފުލުހުންނަކީ ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ހިދުމަތެއްގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ.

މުޅި ރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ހިދުމަތެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، އަދި ވަޒީފާއާބެހޭ ގާނޫނުން އިސްތިސްނާ ލިބިގެންވާ ހިދުމަތެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ވަނީ ކަނޑައަޅައިފަ އެވެ.

ފުލުހުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މަގާމުގެ ގޮތުން ފުލުހުންނަށް ލިިދޭ ބާރުގެ ބޭނުން ކުރަންވާނީ ހުދޫދެއްގެ ތެރެއިން، ހިފަހައްޓަން ޖެހޭ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

ތައަައްސުބުން އެއްކިވާބެތިބެ، ފަރުވާތެރިކަމާއެކު ޒިންމާ އަދާކުރުމަށް ވެސް އުއްތަމަ ފަނޑިޔާރު ވަނީ ފުލުހުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

"ފުލުހުންގެ ކޮންމެ އަމަލަކަށްވެސް ޖަވާބުދާރީ ވާންޖެހޭނެ ކަން ދަންނަން ވާނެ" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމއިްޔާތުގައި ހޯމް މިނިސްޓަުރ އިމްރާން އަބްދުﷲ އާއި ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

comment ކޮމެންޓް