ޕީޖީ ޝަމީމް އިސްތިއުފާ ދޭން ޖެހޭ ކަމަށް ނަޝީދު ވިދާޅުވެއްޖެ

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު — ފޮޓޯ/ މަޖިލިސް

ވެންޓިލޭޓަރު ކޮރަޕްޝަން ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ފެއިލްވެއްޖެ ކަމަށާއި އޭނާ އެ މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގައި މައި ޕާޓީ، އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާ ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ، އެ ޕާޓީގެ ގައުމީ މަޖިލިސް ވަޓްސްއަޕް ގްރޫޕުގަ އެވެ.

ކޮވިޑު19އަށް ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީީސީ)އިން ތަހުގީގު ނިންމައި، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުން ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައެވެ. އަދި ލިބުނު އާ މައުލޫމާތުތަކާއެކުވެސް އުންސުރު ހަމަނުވާކަމަށް ބުނެ އެ މައްސަލައިގައި ދައުވާ ނުކުރާނެ ކަމަށް ޕީޖީ އޮފީހުން އިއްޔެ ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ގައުމީ މަޖިލިސް ވަޓްސްއަޕް ގްރޫޕަށް އިނގިރޭސީ ބަހުން މިރޭ ފޮނުވި މެސެޖްގައި ވިދާޅުވީ، އެމަނިކުފާނުވެސް ގަބޫލުކުރައްވާ ގޮތުގައި ޕީޖީ ޝަމީމް އެ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.

"ވެންޓިލޭޓަރު ވައްކަން ބެލުމަށް ޕީޖީ ވަނީ ފެއިލްވެފައި. ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ވަނީ ފައިސާ ދީފައި، އެހެން ނަމަވެސް ވެންޓިލޭޓަރުތައް ނުލިބޭ. ދެން ކޮން އުންސުރެއް ކިޔާކަށް،" ރައީސް ނަޝީދު ފޮނުވި މެސެޖުގައި ވެއެވެ.

ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ކުރިތާ މިހާރު އެތަށް ދުވަސްތަކެއްވީއިރުވެސް، އެ ވެންޓިލޭޓަރުތަކުގެ ތެރެއިން އަދި ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.

ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 އޭސީސީ އިން ޕީޖީއަށް ފޮނުވި އެވެ. އެހެން ނަމަވެސް އެއިން އެއްވެސް މީހަކަށް ދައުވާ ނުކުރަމަށް ޕީޖީން ވަނީ ނިންމާފައެވެ.

comment ކޮމެންޓް