އިންޑިއާއިން ޕާކިސްތާނާ އެކުވެރި ގުޅުމެއް ބާއްވަން ބޭނުންވޭ: މޯދީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން -- ފޮޓޯ: ރޮއިޓާސް

ދިއްލީ (މާޗް 24): އިންޑިއާއިން ޕާކިސްތާނާ އެކުވެރި ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއަށް ލިޔުއްވި ސިޓީއެއްގައި ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު ޚާންއަށް މޯދީ އެ ސިޓީ ލިޔުއްވީ، ޕާކިސްތާން ވަކި ދައުލަތެއްގެ ގޮތުގައި އުފެދުމަށް މަގުފަހިކޮށްދިން ލާހޯރު ރެޒޮލިއުޝަންއަށް އިއްޔެ 81 އަހަރު ފުރުމުގެ މުނާސަބަތުގައި މަރުހަބާ ވިދާޅުވަމުންނެވެ.

"އަވަށްޓެރި ގައުމެއްގެ ގޮތުން، އިންޑިއާއިން ބޭނުންވޭ ޕާކިސްތާނާ އެކުވެރި ގުޅުމެއް ބާއްވަން. އަދި އެކަމަށްޓަކައި ބިރުވެރިކަމާއި ދެކޮޅުވެރިކަމެއް ނެތް، އިތުބާރު ކުރެވޭ ފަދަ މާހައުލެއް އޮންނަން ޖެހޭ،" މޯދީގެ ސިޓީގައިވެ އެވެ.

މީގެ ކުރިން 2019އިގައި އިންޑިއާއިން ޖައްމޫ އެންޑް ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލާ، އެއީ މައި ސަރުކާރުން ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަކަށް ހެދުމުން ޕާކިސްތާނާ އޮތް ގުޅުން ހީނަރުވި އެވެ. ނަމަވެސް މޯދީ އެ ސިޓީ ފޮނުއްވީ ދެ ގައުމުން މިހާރު ގުޅުން ބަދަހި ކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން ޚާން ވަނީ އިންޑިއާއާ އެކު ރަނގަޅު ގުޅުމެއް ބާއްވަން ޕާކިސްތާނުން ބޭނުންވާ ކަމަށާއި ނަމަވެސް މީގެ ކުރިން އޭނާ ކުރެއްވި މަސައްކަތްތަކަށް އިންޑިއާއިން އެކަށީގެންވާ ޖަވާބެއް ދީފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެން ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރަން ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ އިންޑިއާއިން ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ގަމަރު ޖާވިދު ބަޖުވާ ވަނީ ކަޝްމީރުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް