ޗިޗޯރޭ އަށް ނޭޝަނަލް އެވޯޑެއް، ހާއްސަ ކުރީ ސުޝާންތަށް

ޗިޗޯރޭގެ ތަރިން---

ދެހާސް ނަވާރަ ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ޗިޗޯރޭ" އަށް އެވޯޑެއް ލިބިއްޖެއެވެ.

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރުން ކަމަށްވާ ސުޝާންތު ސިންހް ރާޖްޕުތު އާ ޝްރައްދާ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމަށް ވަނީ 67 ވަނަ ނޭޝަނަލް ފިލްމު އެވޯޑްސްގައި އެންމެ މޮޅު ހިންދީ ފިލްމުގެ އެވޯޑު ލިބިފައެވެ.

ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނަޑިއަދުވާލާ އެވޯޑާ ހަވާލުވިއިރު އޭނާ މި އެވޯޑު ހާއްސަކުރީ މި ފިލްމުގެ ލީޑު ތަރި، މިދިޔަ ޖޫން މަހު މަރުވި އެކްޓަރު ސުޝާންތަށެވެ. އޭނާ ބުނީ ސުޝާންތު ވަކިވުމަކީ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށާއި މި ފިލްމަކީ އެތައް ގޮތަކުން އޭނާއަށް ވަރަށްވެސް ހާއްސަ ފިލްމެއް ކަމަށެވެ.

ނިތޭޝް ތިވާރީގެ ޑައިރެކްޝަނުގެ ދަށުން މި ފިލްމު ގެނެސްދިން އިރު މި ފިލްމަކީ ހޮސްޓެލެއްގައި އެކުގައި އުޅުުނު ރަހުމަތްތެރިންގެ ވާހަކަ ކިޔަދޭ ފިލްމެކެވެ. އަދި މި ފިލްމުގައި އަމިއްލަ ދިރިއުޅުމުގެ މުހިއްމު ކަމުގެ ވާހަކަ ވަރަށް ރަނގަޅަށް ކިޔައިދީފައިވެއެވެ.

ދެތަރިންގެ އިތުރުން މި ފިލްމުގައި ދެން ހަރަކާތްތެރިވި ލީޑު އެކްޓަރުންނަކީ ވަރުން ޝަރުމާ، ނަވީން ޕޮލިޝެޓީ، ތާހިރު ބާސިން، ޕްރަޓެއިކް ބައްބާރު، ތުޝާރު ޕާންޑޭ އަދި ސަހާޝް ކުމާރެވެ.

comment ކޮމެންޓް