ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިންޒާރު އެމެރިކާއިން އިންޑިއާއަށް ދީފި

އެމެރިކާގެ ދިފާއީ ވަޒީރު އިންޑިއާގެ ދިފާއީ ވަޒީރާ އިއްޔެ ބައްދަލުކުރައްވަނީ

އެމެރިކާއާ ކިތަންމެ ގާތްގުޅުންތަކެއް ބޭއްވިޔަސް އެމެރިކާ ފިޔަވައި އެހެން ގައުމަކުން ހަތިޔާރު ގަންނަ ނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިންޒާރު އެމެރިކާއިން އިއްޔެ އިންޑިއާއަށް ވަނީ ދީފިއެވެ.

މި އިންޒާރު ދެއްވީ އިންޑިއާއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އެވެ. ނިއުދިއްލީގައި އިންޑިއާގެ ދިފާއީ ވަޒީރު ރަޖްނަތް ސިންގް އާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އޮސްޓިން ވިދާޅުވީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވާން ބޭނުންނަމަ އިންޑިއާއަށް އޮތީ ރަޝިޔާގެ ހަތިޔާރާއި ރަޝިޔާގެ ހަތިޔާރާ ގުޅޭ ސްޕޭއާ ޕާޓްސް ގަތުން ހުއްޓާލުމެވެ. އަދި އިންޑިއާއިން ހަތިޔާރު ގަންނަ ގައުމަކީ ހަމައެކަނި އެމެރިކާ ކަމުގައި ހެދުމެވެ.

އިންޑިއާއަކީ ޒަމާނުއްސުރެ ރަޝިއާގެ އަސްކަރީ ބައިވެރިއެކެވެ. އިންޑިއާގެ ހަތިޔާރުގެ ގާތްގަނޑަކަށް 80 ޕަސެންޓަކީ ރަޝިއާގެ ހަތިޔާރެވެ. އެމެރިކާގެ ބައިވެރިއެއްގެ ގޮތުގައި އިންޑިއާ ފާޅުވާންފެށީ ވަރަށް ފަހުންނެވެ. ދުނިޔޭގެ ބޮޑުބާރެއްގެ ގޮތުގައި ޗައިނާ ފާޅުވާން ފަށައި އިގްތިސާދާއި މަތީޓެކްނޮލޮޖީގެ ހުރިހާ ކަމެއްގައި އެމެރިކާއާ ވާދަކުރަން ޗައިނާ ފެށުމާއެކު ދުނިޔޭގެ ހަމައެކަނި އެންމެ ބޮޑު ބާރުގެ ގޮތުގައި އެމެރިކާ އޮންނަ އޮތުން ދާދިއަވަހަށް ނިމުމަކަށް އަންނާނެކަމުގެ ބިރު އެމެރިކާ އިހްސާސްކުރަން ޖެހުނު ހިސާބުންނެވެ.

ޗައިނާ އާ ކުރިމަތިލުމަށް އެމެރިކާ ބޭނުންކުރަނީ ސަރަހައްދުގެ ގައުމުތައް

މިހިސާބުން ޗައިނާ އާ ކުރިމަތިލުމަށް އެމެރިކާ މަސައްކަތް ކުރަމުން ގެންދަނީ ސަރަހައްދުގެ ގައުމުތަކުގެ ބޭނުން ހިފައިގެންނެވެ. އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރަންދުރް މޯދީގެ ވެރިކަމުގައި އިންޑިއާއާއި އެމެރިކާގެ ގުޅުންތައް ބަދަހިވެގެން ގޮސްފައިވިނަމަވެސް އިންޑިއާއާއި ރަޝިޔާގެ އަސްކަރީ ގުޅުންތައް އަދި ވެސް ބޮޑެވެ. މޯދީގެ ވެރިކަމުގައި ވެސް އެމެރިކާއިން އިންޑިއާއަށް ގިނަ އަދަދެއްގެ ހަތިޔާރު ވިއްކައިގެން ބޮޑު ނަފާއެއް ހޯދަން އެމެރިކާ ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. މީގެބަދަލުގައި އިންޑިއާ ގެންދަނީ އެގައުމަށް ބޭނުންވާ ހަތިޔާރު އަމިއްލައަށް އުފައްދައި ހަތިޔާރުގެ ޓެކްނޮލޮޖީގައި އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތް ކުރަމުންނެވެ.

ރަޝިއާގައި އުފައްދާ އެސް 400 މަރުކާގެ ދިފާއީ ނިޒާމު

އަނެއްކޮޅުން ރަޝިއާ އިން އުފައްދާ ވައިގެ ދިފާއީ ނިޒާމެއް ކަމަށްވާ އެސް 400 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމު ގަތުމަށް ވެސް އިންޑިއާވަނީ ނިންމައިފަ އެވެ. މިއީ އެމެރިކާގައި އުފައްދާ މިބާވަތުގެ ނިޒާމުތަކަށް ވުރެ މާ ގާބިލް އަދި މާއަގުހެޔޮ ނިޒާމެއްކަމަށް ރިޕޯޓްތައް ބުނާއިރު ތުރުކީއާއި ގްރީސްފަދަ އެމެރިކާގެ އަސްކަރީ ބައިވެރިން ވެސް ވަނީ އެސް 400 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމު ރަޝިއާއިން ގަނެފައެވެ. މި ނިޒާމުގަތުމުން އެމެރިކާވަނީ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

އިންޑިއާވަނީ އެމެރިކާގެ ފިއްތުންތަކާ ދެކޮޅުހަދައި އެސް 400 މަރުކާގެ ނިޒާމު ގަތުމަށް ނިންމާފައި

އިންޑިއާއިން ވެސް ވަނީ އެމެރިކާގެ ފިއްތުންތަކާ ދެކޮޅު ހަދައި އެސް 400 މަރުކާގެ ނިޒާމު ގަތުމަށްޓަކައި 2019 ވަނައަހަރު 800 މިލިޔަން ޑޮލަރު ގެ ޕޭމަންޓެއް ރަޝިއާއަށް ދީފަ އެވެ. މިއީ މި ނިޒާމުގެ ފުރަތަމަ ޕޭމަންޓް ކަމަށްވާއިރު މީގެ ދެވަނަ ޕޭމަންޓް މިއަހަރު އިންޑިއާއިން ރަޝިއާއަށް ދިނުމަށް ނިންމާފައިވާ ކަމަށް ޚަބަރުތައްބުނެ އެވެ. އިންޑިއާގެ ނޫސްތައް ބުނާ ގޮތުން އެސް 400 މަރުކާގެ ނިޒާމުގެ ބެޓެރިތަކާއި އޭގެ ބައެއް ބައިތައް މިއަހަރު ރަޝިއާއިން އިންޑިއާއަށް ފޯރުކޮށްދޭނެއެވެ.

އިންޑިއާ ބުނާ ގޮތުން އެގައުމުން ހަތިޔާރު ގަންނާނެ ގައުމުތައް ކަނޑައަޅާނީ އެގައުމުގެ އަމިއްލަ މަސްލަހަތަށް ބަލައިގެން

އިންޑިއާއިން ވަނީ އެގައުމަކީ މިނިވަން މުސްތަގިއްލު ގައުމެއްކަމާއި އެގައުމު ހަތިޔާރު ގަންނާނެ ގައުމުތައް ކަނޑައަޅާނީ އެގައުމުގެ އަމިއްލަ މަސްލަހަތަށް ބަލައިގެންކަން މީގެކުރިން އެމެރިކާއަށް އަންގާފަ އެވެ. އަދި ވަކިގައުމަކުން ހަތިޔާރު ނުގަނެ އެހެން ގައުމަކުން ހަތިޔާރު ގަތުމަށް މަޖްބޫރުކޮށް ބިރުދެއްކުމަކީ ބައިނަލްއަގްވާމީ މިނިވަން ވިޔަފާރީގެ އުސޫލާ ޚިލާފުކަމެއްކަން ވެސް ކުރިން އިންޑިއާ ވަނީ ނުސީދާގޮތެއްގައި އެމެރިކާއަށް އަންގައިފަ އެވެ.

ނަމަވެސް އެމެރިކާ ފިޔަވައި އެހެން ގައުމަކުން ހަތިޔާރު ގަންނަނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިންޒާރު އެމެރިކާގެ ދިފާއީ ވަޒީރު ދެއްވުމުން މިފަހަރު އިންޑިއާއިން އަދި ރައްދެއް ނުދެ އެވެ. ނަމަވެސް އިންޑިއާގެ ނޫސްތައް ބުނާ ގޮތުން އެސް 400 މަރުކާގެ ނިޒާމު ގަތުމަށް ރަޝިއާއާ އެކު ވެފައިވާ އެއްބަސްވުން އިންޑިއާއިން ކުރިޔަށް ގެންދާނެއެވެ. އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އިއްޔެ ނިއުދިއްލީއަށް ވަޑައިގެން އިންޑިއާގެ ދިފާއީ ވަޒީރު ރަޖްނަތް ސިންގް އާ ބައްދަލުކުރެއްވުމުގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާވެސްވަނީ ބައްދަލުކުރައްވާފައެވެ.

އެމެރިކާގެ ގްރޫޕްގެ ތެރެއަށް ވަނުމަށް ދެކުނު ކޮރެޔާ ވަނީ ފަސްޖެހިފައި

ޗައިނާ ކުރިމަތިލުމަށް އެމެރިކާ ބޭނުންކުރަނީ ޗައިނާއާ އަވަށްޓެރި ގައުމުތަށް ކަމަށްވާ އިންޑިއާ، ޖަޕާން، އޮސްޓްރޭލިއާ މިތިން ގައުމު ހިމަނައިގެން ކުއެޑް ގްރޫޕްގެ ނަމުގައި ޖަމާއަތެއް އުފައްދައިގެންނެވެ. މި ގްރޫޕްގެ ތެރެއަށް ވަނުމަށް ދެކުނު ކޮރެޔާ ފަސްޖެހިފައިވާ އިރު ސްރީލަންކާ ވަނީ ކަނޑައެޅިގެން ދެކޮޅު ހަދައިފަ އެވެ.

އެމެރިކާގެ ދިފާއީ ވަޒީރު މޯދީ އާ ބައްދަލުކުރައްވަނީ

އެމެރިކާގެ ދިފާއީ ވަޒީރު އިންޑިއާއަށް ވަޑައިގެންނެވީ ޖަޕާނަށާއި ދެކުނު ކޮރޮއާ އަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހުގަ އެވެ. ޖަޕާނާއި ޗައިނާއަކީ ޒަމާނުއްސުރެ މައްސަލަތައް އޮންނަ ދެގައުމު ކަމަށްވާތީ ޗައިނާއާ ކުރިމަތިލުމުގައި ޖަޕާނުގެ ބޭނުންހިފަން އެމެރިކާއަށް ފަސޭހައެވެ. ނަމަވެސް ދެކުނުކޮރެއާއަކީ ޖަޕާނުގެ ހަތުރުވެރިއަކަށްވެފައި ޗައިނާގެ ރަހްމަތްތެރިއަކަށްވާތީ ދެކުނުކޮރެއާއަށް އެމެރިކާގެ ދިފާއީ ވަޒީރު ކުރެއްވި ދަތުރުފުޅުގައި ޗައިނާ ކުށްވެރިކޮށް ދެކުނު ކޮރެއާގެ ދިފާއީ ވަޒީރާ ގުޅިގެން ބަޔާނެއް ނެރުމުގައި އެމެރިކާ ވަނީ ނާކާމިޔާބުވެފަ އެވެ.

އިންޑިއާއަކީ ވެސް ޗައިނާއާ މައްސަލަތައް އުޅޭ ގައުމެއްކަމަށްވާތީ ޗައިނާއާ ދެކޮޅަށް ކުރާ މަސައްކަތުގައި އިންޑިއާގެ ބޭނުންހިފިދާނެ ކަމަށް އެމެރިކާ ދެކެއެވެ. ނަމަވެސް ޗައިނާއަކީ އިންޑިއާގެ އަވަށްޓެރި ގައުމަކަށްވެފައި ޗައިނާއަކީ އިންޑިއާގެ ތަރައްގީގެ ވަރަށް މުހިއްމު ބައިވެރިއަކަށްވާތީ ޗައިނާއާ ދެކޮޅަށް އެމެރިކާ ބޭނުން ހުރިހާކަމެއް އިންޑިއާ ލައްވައި ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

ހަތިޔާރު ވިއްކުމަށްޓަކައި ގައުމުތަކަށް ބިރުދައްކައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ މީގެކުރިން އެމެރިކާ ކުރާކަމެއްނޫނެވެ.

އެމެރިކާ ހަތިޔާރު ގައުމުތަކަށް ވިއްކުމަށް ޓަކައި އެމެރިކާއިން ގައުމުތަކަށް ބިރުދައްކައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ މީގެކުރިން އެމެރިކާ ކުރާކަމެއްނޫނެވެ. ނަމަވެސް މިހާރު އެމެރިކާގެ ހަތިޔާރު ގައުމުތަކަށް ވިއްކުމަށް ޓަކައި ބިރުދައްކައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންފެށުމުގެ އެއްސަބަބަކީ ބައިނަލްއަގްވާމީ ހަތިޔާރުގެ ބާޒާރުގައި ރަޝިއާއާއި ޗައިނާގެ ހަތިޔާރާ ވާދަކުރަން އެމެރިކާއަށް ނުކުޅެދުމެވެ. ދެވަނަ ސަބަބަކީ އިންޑިއާއާއި ތުރުކީފަދަ ސަރަހައްދީ ބާރުތަކުން އެގައުމަކަށް ބޭނުންވާ ހަތިޔާރު އަމިއްލައަށް އުފައްދަން ފަށާފައިވާތީ ހަތިޔާރު ވިއްކައިގެން ކުރިން ނަގަމުން ގެންދިޔަ ބޮޑު ނަފާ އެމެރިކާއަށް މިހާރު ނުލިބުމެވެ.

އެމެރިކާގެ އުފެއްދުތަކުގެ ބޮޑުބަޔަކީ ހަތިޔާރެވެ. އެމެރިކާގެ ހަތިޔާރުގެ މައްސަލައަކީ ރަޝިއާއާއި ޗައިނާގެ ހަތިޔާރާ އަޅާބަލާއިރު އިންތިހާއަށް އަގު ބޮޑުވުމެވެ. އެއްފެންވަރެއްގެ ހަތިޔާރު ވެސް އެމެރިކާގެ ހަތިޔާރު ނަމަ ޑަބަލް އަގު ބޮޑުވާ މައްސަލައެވެ. އެމެރިކާގެ ހަތިޔާރު މިހާރު މައިގަނޑު ގޮތެއްގައި ގަންނަނީ ސައޫދީ އަރަބިއާ އާއި ޔޫއޭއީ ފަދަ އެގައުމުތަކުގެ ވިރާސީ ރަސްކަމުގެ ނިޒާމުތައް އެމެރިކާގެ އެހީގައި ދަމަހައްޓާ ގައުމުތަކުންނެވެ.

ދުނިޔޭގެ ބާޒާރުގައި އެމެރިކާއަށް ވާދަނުކުރެވޭ މައިގަނޑު ސަބަބަކީ އެމެރިކާގެ ތަކެތީގެ އަގު އިންތިއާހައަށް ބޮޑުވުން

ދުނިޔޭގެ ބާޒާރުގައި އެމެރިކާގެ އެނޫން އުފެއްދުންތައްް ވެސް ޗައިނާގެ އުފެއްދުންތަކުގެ ކުރިމަތީގައި ވާދަނުކުރެވޭ މައިގަނޑު ސަބަބަކީ އެމެރިކާގެ ތަކެތީގެ އަގު އިންތިއާހައަށް ބޮޑުވެފައި އަގު ހެޔޮކޮށް ތަކެތި އުފެއްދުމުގެ ގާބިލްކަން ނެތުމެވެ. މިމައްސަލަ ބޮޑުވާތީ އެމެރިކާ ގެންދަނީ އެހެންގައުމުތަކުން އެމެރިކާއަށް އިންޕޯޓްކުރާ އުފެއްދުންތަކުގެ އަގު ބޮޑުކުރުމަށްޓަކައި ޓެރިފް އިތުރުކޮށް އެތަކެތީގެ އަގުބޮޑުކުރުމަށް މަސައްކަތް ކުރަމުންނެވެ. މިއީ އެމެރިކާ ޕްރޮމޯޓްކުރާ މިނިވަން ވިޔަފާރީގެ އުސޫލާ މުޅިން ޚިލާފު ކަމެއްނަމަވެސް ޗައިނާގެ އުފެއްދުންތަކުގެ އިތުރުން އިންޑިއާގެ އުފެއްދުންތަކާ ދެކޮޅަށް ވެސް އެމެރިކާވަނީ މިގޮތަށް އަމަލުކުރަން ފަށައިފަ އެވެ.

comment ކޮމެންޓް