މީގެ ހަތް އަހަރު ކުރިން ސިފައިންގޭގެ ކެޕްޓަނެއްގެ މަގާމުގައި ހުރި އަތިރީގެ، ގދ. ފިޔޯރީ އަބްދުލްމުއިޒު މުސްތަފާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅައި އޭނާއަށް އަލުން ވަޒީފާ ދޭން ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
މުއިޒު ވަޒީފާ އިން ވަކިކުރީ އޭރުގެ ބްރިގޭޑިއާ ޖެނެރަލް، އަދި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އަށް އެއްބާރުލުން ދޭނެ ކަމަށް ބުނެ ލިޔުން ތައްޔާރުކޮށް އެހެން މީހުން ގާތުގައި ބުނެފައިވާ ގޮތާ ހިލާފަށް، ސިފައިންގެ ތެރޭގައި ހަމަނުޖެހުމާއި ބައިބައިވުން އުޅޭކަން ހާމަކުރުމަށް ސޯޝަލް މީޑިއާގައި އެ ލިޔުން އާންމުކޮށް، މުއިޒުގެ ކޮމާންޑުގެ ދަށުގައިވާ ޓްރޫޕްސް ބޭނުންކޮށްގެން ނުރައްކާތެރި އަމަލުތަކެއް ހިންގުމުގެ ވިސްނުން ގެންގުޅެ އެކަމަށް ރާވާފައިވާތީ ކަމަށް ބުނެ 2013 ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.
އެ މައްސަލައިގައި ޝަމާލް ވެސް ވަޒީފާއިން ވަކިކުރި އެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހައި ކޯޓުން ވަނީ ޝަމާލަށް އަލުން ވަޒީފާ ދޭން ހުކުމް ކޮށްފަ އެވެ. ހުކުމާ އެއްގޮތަށް ޝަމާލް އަށް އަލުން ވަޒީފާ ދިނެވެ.
މުއިޒު ވަޒީފާ އިން ވަކިކުރި ނިންމުން ބާތިލުކޮށްދިނުމަށާއި އޭނާގެ ވަޒީފާ އިޔާދަކޮށްދިނުމަށް ޑިފެންސް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި މުއިޒްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.
ދެހާސްސާދަ ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ ކޯޓުން ނިންމީ 2016 ވަނަ އަހަރު އެވެ. ސިވިލް ކޯޓުން ނިންމީ މުއިޒު ވަޒީފާއިން ވަކިކުރަން ޑިފެންސް އިން ނިންމި ނިންމުން ބަދަލުކުރާނެ ތަނެއް ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ ނިންމުން މުއިޒްގެ ފަރާތުން ހައިކޯޓުގައި ވެސް އިސްތިއުނާފު ކުރި އެވެ. ހައިކޯޓުން ނިންމީ ސިވިލް ކޯޓުގެ ނިންމުން ބާތިލުކުރާނެ ތަނެއް ނެތް ކަމަށެވެ. މުއިޒްގެ ފަރާތުން ވަނީ އެ ނިންމުން ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކޮށްފަ އެވެ.
ސުޕްރީމް ކޯޓުން މައްސަލަ ބެލުމަށް ފަހު ކުރި ހުކުމްގައި ބުނެފައި ވަނީ މުއިޒް ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުރުވެރިކަން ގާއިމުވެފައި ނުވާކަމަށް ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އިގުރާރުވެފައިވާ ކަމަށެވެ.
އެހެންކަމުން ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ނިންމުން ބާތިލުކޮށް، އެމްއެންޑީއެފްގައި އޭނާ އަދާކުރަމުން ދިޔަ ވަޒީފާއަށް ރުޖޫއަކުރުމަށް ދައުލަތުގެ މައްޗަށް ވަނީ އަންގައިފަ އެވެ. އަދި މުއިޒު ވަޒީފާއިން ވަކިކުރީ ބޭއިންސާފުން ކަމަށްވާތީ، އޭނާއަށް އަދުލުވެރި ބަދަލު ހައްގުވާކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.