ނަޝީދު ވިދާޅުވަނީ، މޫސުމަށް އަންނަ ބަދަލާ ބެހޭ ބިލަކީ ތަރައްގީއަށް ފުރުސަތެއް ކަމަށް

މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގާނޫނަކީ ތަރައްގީއަށް ފުރުސަތެއް ކަމަށާއި އެއީ ތަރައްގީއަށް އޮތް ހުރަހެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ކްލައިމެޓް ޗޭންޖް ބިލާ ބެހޭ ގޮތުން އާންމުންގެ މަޝްވަރާ ހޯދުމަށް މަޖިލީހުގައި ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީގެ މުގައްރިރު، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ބައިވެރިވެވަޑައިގެންނެވި އެވެ.

ބިލުން އިގްތިސާދީ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބުނެ، ތަރައްގީއަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމްކުރަމުން ނެޓް ޒީރޯއާ ހިސާބަށް ވާސިލުވުމަކީ ކުރެވިދާނެ ކަމެއް ކަމާ މެދު އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތަކުން ސުވާލު ކުރެއްވުމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ، އެއީ ތަރައްގީއަށް ފުރުސަތެއް ކަމަށެވެ. އަދި އެއީ ހުރަހެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގައިމު ވެސް މި ދެކެނީ މިއީ ތަރައްގީއަށް ފުރުސަތެއް ކަމަށް، ހުރަހެއް ނޫން ކަމަށް. ރިނިއުބަލް އެނާޖީގައި ތަރައްގީވުން މާ ފަސޭހަ ކަމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ގާނޫނުން ނެރެން ބޭނުންވާ އެއް ނަތީޖާއަކީ މިހާރު ވެސް ހޯދަމުންދާ އިގްތިސާދީ އަދި މާލީ ނަތީޖާތައް ނެރެމުން ތިމާވެއްޓަށާއި މާހައުލަށާއި ދުނިޔެއަށް ގެއްލުން ކުޑަކޮށް ތަރައްގީގެ މަސައްކަތްތައް ހިންގޭނެ ގޮތްތައް ހޯދުން ކަމަށެވެ.

އެގޮތަށް މަސައްކަތް ކުރަން ބޭނުންވާ ޓެކްނޮލޮޖީ މި ޒާމުނުގައި ލިބެން އެބަ ހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން، އިއާދަނުކުރެވޭ ހަކަތައިން ކަރަންޓު އުފެއްދުން ނޫން ގޮތްތަކެއް ވެސް މި ޒަމާނުގައި ތައާރަފުވެފައިވާކަން ފާހަގަކުރެއްވި އެވެ.

"މި އެބަ ބިލު އަމާޒުކޮށްދޭން ޖެހޭ އެ ދިމާލަށް އަޅުގަނޑުމެންގެ މިސްރާބު ބެހެއްޓުމަށް. އެ މިސްރާބުގައި ވެސް އިގްތިސާދީ ނަތީޖާތައް ވެސް ނެރެމުން ދިޔުން،" ނަޝީދު ވިދާޅުވި އެވެ.

ނަތީޖާ ރަނގަޅުކޮށްފައި ތިމާވެއްޓަށް ގެއްލުން ކުޑަކޮށް ކުރެވޭނެ ބައިވަރު ކަންކަން އެބަ ހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ބޮޑު ހިލަ ތޮށި އަޅަން މީޓަރަަކަށް 7000 ޑޮލަރު ހަރަދުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ބޭރު ތޮށި އަޅަން މީޓަރަކަށް 4000، އެއްގަމު ރިވެޓުމެންޓަށް މީޓަރަކަށް 3000 ޑޮލަރު ހަރަދުވާ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން، އެވަރަށް ހިލަ ޖަހަން ހަރަދުކޮށްގެން އެއްގަން ސަލާމަތް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އަމާޒު ހިފަންވީ މީޓަރަކަށް 20 ޑޮލަރު ހަދަރުކޮށްގެން ގޮނޑުދޮށް ހިމާޔަތް ކުރެވޭ ގޮތް ހެދުމަށް ކަމަށެވެ. އެގޮތުން ފަރާއި ފާތައް ހައްދައިގެން އެކަން ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ފަރެއް ހެއްދުމަކީ އަޅުގަނޑުމެން ހިންގާ އުމްރާނީ މަސައްކަތަކަށް ހަދަން ޖެހޭ. ބަނދަރެއް ހަދާއިރުގައި ކިހިނެއްތޯ އެ ބަނދަރަށް އަޅުގަނޑުމެން ފަރެއް ނެރޭނީ،"

ބިން ނުހިއްކާ ވެސް އުޅެވޭނެ ގޮތްތަކެއް ހުންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ބިން ނުހިއްކައި އެއާޕޯޓުވެސް އެޅިދާނެ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު ފްލޯޓިން ޓެކްނޮލޮކީ ބޭނުން ކުރެވިދާނެކަން ވެސް ފާހަގަކުރެއްވި އެވެ.

"ހަމައެކަނި އެނގޭ ކަންތައް އެއީ އަޅުގަނޑުމެން ކުރާ ކަންތައް ކަމަށް ބަލައިގެން އަޅުގަނޑުމެން ތިބެންޏާ އަޅުގަނޑުމެންގެ ރާއްޖެއެއް ސަލާމަތް ނުކުރޭނެ އަދި ދުނިޔެ ވެސް ސަލާމަތް ނުކުރެވޭނެ. ހިނގާ ކަންތައްތައް ހިނގާ ގޮތަށް ހިންގަމުން ގެންދިޔައިމަ ވެގެން އުޅޭ ގޮތެއް މި އުޅެނީ،"

ސަރުކާރުގެ ފަރާތުން ހުށަހެޅި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބިލަށް އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

އެ ކޮމިޓީގެ މުގައްރިރު، މެމްބަރު ސަލީމް ވިދާޅުވި ގޮތުގައި، 2030ގެ ނިޔަލަށް ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށް މަގުދެއްކުމަކީ އެ ބިލުގެ އެންމެ މުހިންމު އެއް މަގުސަދެވެ. އެގޮތުން، ސިޔާސަތުތަކާއި އިދާރީ އިންތިޒާމުތަކާއި ފައިސާ މެނޭޖު ކުރުމާއި މުއައްސަސާތަކުގެ ދައުރާ ބެހޭ ކަންކަން ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބިލު ގާނޫނަކަށް ވުމުން މިނިސްޓަރު ކާބަން ބަޖެޓެއް ހަދައި މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ ބަޖެޓަށް މަޖިލީހުގެ ރުހުން ހޯދަން ވެސް ޖެހެ އެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދުރުރާސްތާ އަދި މެދުރާސްތާގެ ޕްލޭނެއް އެންވަޔަރަމެންޓް މިނިސްޓްރީއިން ހަދަން ޖެހޭނެ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގައުމީ އެކްޝަން ޕްލޭނެއްވެސް އެކުލަވާލަން ޖެހޭނެ އެވެ.

މިނިސްޓްރީގެ ތެރޭގައި ހިމެނޭ ކްލައިމެޓް ޗޭންޖް ޑިޕާޓްމެންޓަށް ގާނޫނީ ހައިސިއްޔަތުވެސް ބިލުން ދޭނެ ކަމަށް ސަލީމް މިއަދު ވިދާޅުވި އެވެ.

ކްލައިމެޓް ޑިޕްލޮމެޓެއްގެ ގޮތުގައި މަސައްކަތް ކުރަން ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖްގެ މަގާމު އުފެދިގެންދާނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ވިސްނުން ހުރީ، އެއީ ރައީސް އޮފީހުގެ މަގާމަކަށް ހެދުމަށެވެ. ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް މަސައްކަތް ކުރާނީ، ކްލައިމެޓް ޑިޕްލޮމެސީގެ ރޮނގުން ރާއްޖެ ތަމްސީލުކޮށް، ބޭނުންވާ ފައިސާ ހޯދައިދީ، ގައުމުތަކާއެކު އެ ރޮނގުން ގުޅުން ބަދަހި ކުރުމަށެވެ.

އޭގެ އިތުރުން، ކްލައިމެޓް ޗޭންޖްގެ ރޮނގުން ރާއްޖެއަށް ލިބޭ ފަންޑުތައް ބަލަހައްޓާނެ ދެފުށް ފެންނަ އިދާރާއެއް ގާއިމް ކުރެވިގެންދާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

comment ކޮމެންޓް