ރައީސް ސޯލިހު ގަތަރުގެ އަމީރު ތަމީމް ބިން ހަމަދުއާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލްޘާނީއާއެކު މަޝްވަރާ ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ގަތަރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލްޘާނީއާ ބައްދަލުުކުރައްވައިފި އެވެ.

ގަތަރާއެކު އަލުން ގުޅުން ގާއިމް ކުރަން ރައީސް ސޯލިހު އެގައުމަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގަ އެވެ. އެމަނިކުފާނާއެކު ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި، ރައީސް އޮފީހުގެ އިސް ބޭފުޅުން ވަޑައިގެންނެވި އެވެ.

މިއަދު އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ވަފުދުގެ އިސް ބޭފުޅުންނާއެކު ގަތަރުގެ އަމީރު ތަމީމް ބިން ހަމަދާ ބައްދަލުކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ދެ ބޭފުޅުން ވަނީ ރާއްޖެއާއި ގަތަރާ ދެމެދު ގުޅުން ވަރުގަދަ ކުރުމާ ބެހޭގޮތުން ވާހަކަ ދައްކަވައިފަ އެވެ. އަދި ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ވަރުގަދަކޮށް، އިންވެސްޓްމެންޓު ފުރުސަތުތަކާ ބެހޭގޮތުން ވާހަކަ ދެއްކެވި އެވެ.

އޭގެ އިތުރުން، ކޮވިޑް-19 ޕެންޑެމިކްގެ އަސަރު ދެ ގައުމަށް ކުރިވަރާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަ ދެއްކެވި އެވެ. އެގޮތުން، ޕެންޑެމިކްގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމުގެ މުހިންމުކަމާއި، ލާމަރުކަޒު ކުރުމާއި، ދެމެެހެއްޓެނިވި ތަރައްގީގެ މުހިންމުކަން އެނގިގެން ގޮސްފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ރާއްޖެއާއި ގަތަރުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ރާއްޖެއިން އެގައުމަށް ނަން ރެޒިޑެންޓް ކޯޑިނޭޓަރެއް ކަނޑައެޅުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖޫން، 2017 ގައި ރާއްޖެއިން ގަތަރާ އެކު އޮތް ހާރިޖީ ގުޅުންތައް ނިމުމަކަށް ގެނައީ ސައުދީ އަރަބިއްޔާ އާއި ގަތަރުގެ ގުޅުން ގޯސްވެ، ސައުދީއިން ގަތަރާ ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮއްވަ އެވެ. އޭރުގެ ސަރުކާރާއި ސައުދީ ސަރުކާރާ ވަރަށް ގުޅުން ރަނގަޅެވެ.

ރާއްޖެއިން ގަތަރާއެކު އަލުން ގުޅުން ގާއިމް ކުރަން ނިންމީ މި އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. ރާއްޖެއިން އެ ނިންމުން ނިންމި އިރު، ސައުދީ އަރަބިއްޔާ އާއި މެދު އިރުމަތީގެ އެހެން ގައުމުތަކުން ވެސް ވަނީ ގަތަރާ އެކު ސުލްހަވެ އަޅާފައިވާ އެންމެހާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނެސް އަލުން ގުޅުން ގާއިމްކޮށްފަ އެވެ.

ގަތަރަށް ފަހު އަންނަ ބުދަ ދުވަހު ރައީސްގެ ދެކަނބަލުން ބަންގްލަދޭޝަށް ފުރާވަޑައިގަންނަވާނެ އެވެ. އެ ފުރަމާނަ ދަތުރުފުޅުގައި "ބާތު ސެންޓެނަރީ އޮފް ޝެއިހު މުޖީބުއްރަހްމާން" ގެ ރަސްމީ ހަފުލާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އޭގެ އިތުރުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ އަދި އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ އެވެ.

comment ކޮމެންޓް