އުރީދޫ މޯލްޑިވްސްއާއި ގަތަރު ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފިއެވެ.
އެ މަޝްވަރާތައް ކުރީ، ގަތަރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖާސިމް ބިން ޖާބިރު ޖޭބީ އަލް-ސުރޫރު، އުރީދޫ މޯލްޑިވްސްއަށް ޒިޔާރަތް ކުރެއްވުމުންނެވެ.
އެ ޒިޔާރަތުގައި ސަފީރު ވަނީ ރާއްޖެއާއި ގަތަރާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އުރީދޫ މޯލްޑިވްސްއަކީ ގަތަރުން ކުރާ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ އިސް ވެރިން ވަނީ ސަފީރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް ކުރިއެރުވުމުގައި އުރީދޫއިން ކުރަމުން ގެންދާ މަސައްކަތްތަކާއި އިނޮވޭޝަން ކުރިއެރުވުމުގައި އުރީދޫއިން އަދާކުރާ ދައުރާއި މުޖުތަމައަށް އަމާޒުކޮށްގެން އެ ކުންފުނިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

ގަތަރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖާސިމް ބިން ޖާބިރު ޖޭބީ އަލްސުރޫރު އުރީދޫ މޯލްޑިވްސް އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން--- ފޮޓޯ/ އުރީދޫ
މި ދަތުރުފުޅުގައި ސަފީރު އުރީދޫގެ ހެޑްކުއާޓާސްއަށް ޒިޔާރަތްކުރައްވައި، އެ ކުންފުނިން ކުރިއަށްގެންދާ ޚާއްސަ ޕްރޮޖެކްޓްތަކުގައި ހަރަކާތްތެރިވާ މުހިންމު ޓީމުތަކާ ބައްދަލުކުރެއްވިއެވެ.
މީގެ އިތުރުން ޑިޖިޓަލް އެކްސެސިބިލިޓީ އިތުރުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތައް ބާރުވެރިކުރުވުމުގެ މަގްސަދުގައި އުރީދޫއިން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ސަފީރު ވަނީ މައުލޫމާތު ހޯއްދަވާފައެވެ.
އުރީދޫގެ ސީއީއޯ ވަނީ، ސަފީރުގެ ދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެ ކުންފުންޏަށް ސަފީރު ޒިޔާރަތްކުރެއްވުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް ވިދާޅުވެފައެވެ.

ގަތަރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖާސިމް ބިން ޖާބިރު ޖޭބީ އަލްސުރޫރު އުރީދޫ މޯލްޑިވްސް އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން--- ފޮޓޯ/ އުރީދޫ
މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި، ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ހިންގުމުގައި އުރީދޫއިން އަދާކުރާ މުހިންމު ދައުރަށް ޔަގީންކަން ލިބޭ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.
މި ދަތުރުފުޅު ނިންމަވާލައްވާފައި ވަނީ އުރީދޫއާއި ގަތަރާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެ ގައުމުގެ ކުރިއެރުމާއި، ދެ ގައުމުގެ މެދުގައި ކާމިޔާބަށް މަސައްކަތް ކުރުމަށް ދެ ފަރާތުން ޔަގީންކަން ދެމުންނެވެ.