ވަރުގަދަ އިންޓަނޭޝަނަލް ޓީޓީ މުބާރާތްތަކެއް ރާއްޖޭގައި ބާއްވަނީ

މޮރިޝަސް ބަލިކުރުމަށްފަހު ރާއްޖޭގެ އަންހެން ގައިމީ ޓީޓީ ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އެމްއޯސީ

ކޮމަންވެލްތު ޔޫތު ޓުއާ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް އަންނަ އޮގަސްޓް މަހު ރާއްޖޭގައި ބާއްވަން ފުރުސަތު ލިބިފައިވާކަން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް އިއުލާން ކުރައްވައިފި އެވެ.

މިނިސްޓަރ މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮމަންވެލްތު ޔޫތު ޓުއާ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށާއި، އެ މުބާރާތްތައް ބާއްވަން ރާވާފައިވަނީ އަންނަ އޮގަސްޓް މަހުގައި ކަމަށެވެ.

އަދި އެހެންމެ ޓީޓީ ގައުމީ ޓީމަށް އައު ކޯޗެއް ގެނެސްފައިވާކަމަށާއި، އެއީ ކުރިން ގްރީސްގެ ގައުމީ ޓީމަށް ވެސް ކޯޗުކަން ކޮށްދީފައިވާ ތަޖުރިބާ ހުރި ކޯޗެއް ކަމަށް މަހްލޫފް ވިދާޅުވި އެވެ. ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް ގައުމީ ޓީމްތަކުގެ ކޯޗަކަށް ހަމަޖައްސާފައިވާއިރު، ކޮންސްޓަންޓީނޯސްގެ އެންމެ އިސްކަންދޭނީ އޯގަސްޓް މަހުގައި އޮންނަ ކޮމަންވެލްތު ޔޫތު ޓުއަރ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް މުބާރާތަށް ޓީމް ތައްޔާރުކުރުމެވެ.

ޓީޓީ އަކީ މިފަހުގެ ތާރީހުގައި ރާއްޖެއިން ބައިނަލް އަގުވާމީ މައިދާންތަކުގައި އެންމެ ރަނގަޅު ވަނަތަކެއް ހޯދާފައިވާ ކުޅިވަރެވެ. އެގޮތުން އެންމެ ފަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމްވަނީ 3 ރަން މެޑަލް ހޯދާފައެވެ. އަދި އެއަށްފަހު ސައުތު އޭޝިއަން ގޭމްސްގައި ވެސް ލޯ މެޑަލް ހޯދި އިރު، ޓީޓީ އަކީ މިވަގުތު ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރެވެ.

ކޮވިޑް19 އާއި ގުޅިގެން ޓީޓީ ޓީމްތަކުގެ ފަރިތަކުރުންތަކަށް ބުރުއަރާފައިވާއިރު، މިހާލުގައިވެސް ޓީޓީ ޓީމްތަކުންދަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ވަރަށް ދަތި ހާލުގައި ޓީޓީ ޓީމުތަކުން ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ ނަމަވެސް، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްގެ އެހީތެރިކަމާއެކު ހުޅުމާލޭގައިވަނީ ޓީޓީ ހޯލެއް ގާއިމްކޮށް، ރަގަނޅު ފެންވަރުގައި ޓީޓީ ޓީމުތަކަށް ފަރިތަކުރުންތަށް ކުރިއަށް ގެންދިއުމުގެ މަގުވަނީ ފަހިކޮށްދީފައެވެ.

comment ކޮމެންޓް