އީސްޓާ ހަމަލާގެ މޭސްތިރިޔާއާ ދިވެހިންތަކެއް ބައްދަލުކުރި ކަމަށް ބުނެފި

ސްރީލަންކާގައި 2019 ވަނަ އަހަރުގެ އޭޕްރިލް މަހު ދިން ޓެރަރިސްޓް ހަމަލާތަކުގެ މޭސްތިރިޔާ، ޒަހްރާން ހާޝިމް އާ ދިވެހިންތަކެއް ލަންކާގައި ބައްދަލުކޮށްފައިވާކަމަށް އެގައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ސަރަތު ވީރަސެކަރަ ވިދާޅުވެއްޖެ އެވެ.

ސަރަތު އެކަން ހާމަކުރެއްވީ، އެ ހަމަލާ ތަހުގީގުކޮށް އެގައުގެ އިންކުއަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓަށް، ގާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

ސަރަތު ވިދާޅުވީ، ހަމަލާގެ ކުރިން ހަތަރު ދިވެއްސަކު ޒަހްރާން ހާޝިމް އާއި އަދިވެސް އެ ހަމަލ ާރޭވުމުގައި އިސްކޮށް އުޅުނު އިތުރު ބަޔަކާ ބައްދަލުކޮށްފައިވާ ކަމަށެވެ.

އެމީހުން ބައްދަލުކޮށްފައި ވަނީ ލަންކާގައި، 2016 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދު އެކި ފަހަރު މަތިން ކަމަށާއި އަދި އެ ހަތަރު ދިވެހީންނަކީ ވެސް ހަރުކަށި ފިކުރުގެ، ޓެރަރިޒަމް އާ ގުޅުންހުރި ބައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޒަހްރާން ހާޝިމް އާ ދިވެހިން ބައްދަލުވީ އޮސްޓްރޭލިއާގައި އުޅޭ ލަންކާގެ ދެ މީހަކު މެދުވެރިވެގެން ކަމަށެވެ.

ނަމަވެސް ހަމަލާތަކުގައި ދިވެހީންގެ ބައިވެރިވުން އޮތް ކަމަށް ވިދާޅުވެފައެއް ނުވެ އެވެ.

ހަމަލާތަކުގެ ކުރިން ޒަހްރާން ހާޝިމް ރާއްޖެ އައި ކަމަށް ވެސް ވާހަކަ ފެތުރުނެވެ. ނަމަވެސް އިމިގްރޭޝަނުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ޓެރަރިޒަމް މަނާކުރާ ގާނޫނު ހަރުކަށިކޮށް، އެ ގާނޫނުގެ ދަށުން ހައްޔަރުކުރި 153 މީހުންގެ ތެރޭގައި ހަތަރު ދިވެހިން ހިމެނޭކަމަށް އެގައުމުގެ ނޫސްތަކުން މީގެކުރިން ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް ދިވެހި ފުލުހުން ބުނެފައި ވަނީ ހަމަލާތަކުގައި ދިވެއްސެއްގެ ބައިވެރިވުން އޮތް ކަމެއް ނުވަތަ ހަމަލާތަކާ ގުޅިގެން ދިވެއްސަކު ހައްޔަރުކުރިކަން ލަންކާ ސަރުކާރުން ކަށަވަރުކޮށްދީފައި ނުވާ ކަމަށެވެ.

ނަސާރާއިން ފާހަގަ ކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގެ ތިން ފައްޅިއަކަށާއި ތިން ލަގްޒަރީ ހޮޓަލަކަށް ދިން ބޮމުގެ ހަމަލާތަކުގައި 259 މީހުން މަރުވެ، 500އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ. އަދި މަރުވި މީހުންގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 45 މީހުންވެސް ހިމެނުނެވެ.

އެ ހަމަލާތައް ދިނީ ޖިހާދީ ފިކުރުގެ ހަރުކަށި ދެ ޖަމާއަތް ކަމުގައިވާ ނެޝަނަލް ތައުހީދު ޖަމާއަތު (އެންޓީޖޭ) އާއި ޖަމާއަތު މިއްލަތު އިބްރާހީމް ގުޅިގެން، ބޭރުގެ އެހީ ހޯދައިގެންނެވެ. އަދި ހަމަލާގައި އެންޓީޖޭގެ ލީޑަރު ޒަހްރާން ހާޝިމް ވެސް ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް