އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޖަލަށް ލާން ހުކުމް ކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދަށް ބަދަލު ކުރީ އެ ދެ މީހުން ގޭބަންދުގައި ބަހައްޓަން ޑޮކްޓަރުން ލިޔުން ދިނުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގިނަ ދުވަސްތަކަކަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދީބާއި ޒިޔަތު ގޭބަންދުގައި ހުރި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނެވުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، އަދީބާއި ޒިޔަތު ގެއަށް ބަދަލު ކުރީ، ގަވައިދާ އެއްގޮތަކަށް ކަމަށް ކަރެކްޝަންސްއިން ބުނެފައިވާ ކަމަށެވެ.
"އަދީބާއި ޒިޔަތު ގޭގައި ހުރީ ކަރެކްޝަނަލް ސާވިސަސްއިން ބުނަނީ ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކޮށް އޭގެ ތެރެއިން ކަމަށް. ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށް،"
އަދީބު އަދި ޒިޔަތުވެސް ގޭގައި ހުރީ ސިއްހީ ހާލަތު ހުރި ގޮތުން ގޭގައި ހުންނަން ޖެހޭ ކަމަށް ޑޮކްޓަރު ދިން ލިޔުމަކާ އެކީގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް، ރައީސް ޔާމީންގެ ފަރާތްޕުޅުން އެފަދަ ލިޔުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ އެކަހަލަ ލިޔުމެއް އަދިއެއް ނެތް އަޅުގަނޑުމެންނަށް ލިބިފައެއް. ވިދާޅުވެފައި އޮތީ ހަދަން ޖެހޭ ޓެސްޓުތަކެއް ހެދުމަށް ޓަކައި ރާއްޖެއިން ބޭރަށް ފޮނުވައިދޭން އެދިފައި އޮތް ލިޔުމެއް ވަރަށް ކުރިން އައި. އަޅުގަނޑުމެން އެ ފުރުސަތު އެރުވިން ރައީސް ޔާމީނަށް. އެކަމަކު ބޭނުންފުޅުވެވަޑައިނުގެންނެވި ބޭރަށް ވަޑައިގަންނަވާކަށް،"
އޭގެ ފަހުން ސިއްހީ އެއްވެސް ކަމެއްގައި ރައީސް ޔާމީން ފަރުވާއެއް ހޯދުމަށް ލިޔުމެއް ފޮނުވި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޒިޔަތަށް ކުރީ 11 އަހަރުގ ޖަލު ހުކުމެކެވެ. އަދީބަށް ކުރީ 20 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް، އެ ދެ މީހުންވެސް ހުކުމް ތަންފީޒު ކުރަމުން ދަނީ ގޭގަ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އެމަނިކުފާނު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ޖަލުގަ އެވެ.