ތުހުމަތުތައް ކުރެވުނު ގޭސްގެ އެކްޓިން އެމްޑީ އިކުރާމް އިސްތިއުފާ ދެއްވައިފި

މޯލްޑިވް ގޭސްގެ އެކްޓިން އެމްޑީ އަލީ އިކްރާމް --- ފޮޓޯ/ ކުޅުދުއްފުށީ އޮންލައިން

ޖިންސީ ފުރައްސާރަ އާއި ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު މޯލްޑިވް ގޭސްގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނެވި އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކުރާމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގަ އެވެ. ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ "އަމިއްލަ ސަބަބުތަކެއް ހުރުމުން" އެވެ.

މަގާމުން އިސްތިއުފާ ދެއްވިއިރުވެސް އޭނާ ހުންނެވީ ސަސްޕެންޝަނެއްގަ އެވެ. އެއީ އޭނާއާ ގުޅިގެން ހުށަހަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެންނެވެ.

ސަސްޕެންޝަންގައި ހުންނަވަނިކޮށް އޮކްސިޖަން ސިލިންޑަރުތަކެއް އިމްޕޯޓު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އިކުރާމް އަމަލުކޮށްފައިވާކަމުގެ މައްސަލައެއް ވެސް އޭސީސީއިން ވަނީ ބަލަން ފަށާފަ އެވެ.

އެއީ މިދިޔަ އަހަރު ކޮވިޑް ޕެންޑެމިކްގެ ތެރޭގައި 4،128 އޮކްސިޖަން ސިލިންޑަރު ގަތުމުގައި ބޮޑު ހިޔާނާތެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

އެ މައްސަލައިގެ ތަފްސީލު މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިފަހުން ބޭއްވި ބައްދަލުވުމެއްގައި ވެސް ވަނީ ހިއްސާކޮށްފަ އެވެ.

އެގޮތުން މޯލްޑިވް ގޭސް މެދުވެރިކޮށް ގެނައި 4،128 ސިލިންޑަރުގެ ތެރެއިން ޕްރޯބިޒް ނަމަކަށް ކިޔާ ކުންފުންޏަކުން ގަތް 3،000 ސިލިންޑަރު ހުރީ ބޭނުންކުރެވޭ ހާލަތެއްގައި ނޫން ކަމަށް ކޮމިޓީން ބެލިބެލުމުން ވަނީ ފާހަގަވެފަ އެވެ.

އެކުންފުންޏާ ކޮންޓްރެކްޓް ކުރީ މުޅިން އާ ސިލިންޑަރުތަކެއް ގަތުމަށް ނަމަވެސް، ގެނެސްފައިވަނީ ރިފާބިޝްޑް ސިލިންޑަރުތަކެއް ކަމަށްވެސް އެ ބައްދަލުވުމުގައި ކޮމިޓީން ވަނީ ހާމަކޮށްފަ އެވެ.

comment ކޮމެންޓް