މާލޭ ބޭރު ތޮށގަނޑު މަތީ ބަޔަކު ނިދާފައި ތިބި ފޮޓޯ އަކާ ގުޅިގެން މާލޭ ސިޓީ މޭޔަރު ސިފާ މުހައްމަދު ކުރެއްވި ޓްވީޓަކަށް ފާޑުކިޔުން އަމާޒު ވެއްޖެ އެވެ.
މާލޭގައި ވަންނާނެ ގެދޮރު ނެތް މީހުންނާއި މަގުމަތި ވެފައި ތިބި މީހުން ގިނަވެ އިޖުތިމާއީ މައްސަލަތައް ގިނަވެފައިވާ އިރު، މާލޭ ބޭރު ތޮށި މަތީ ފޮށިގަނޑުތަކަކާއި ބާ ގޮދަޑިތަކެއް މަތީ ޒުވާންނުންތަކެއް ނިދާފައި ތިބޭ ފޮޓޯ އެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލައި މީހަކު ސުވާލުކޮށްފައި ވަނީ އެއީ ސަރުކާރުން ރައްޔިތުންނަށް ހޯދައިދޭން ބުނި ތާހިރު ދިރިއުޅުންތޯ އެވެ.
އެ ޓުވީޓު ރީޓްވީޓު ކުރައްވައި މޭޔަރު ވިދާޅުވީ އެ ފޮޓޯ "މާ އޯވާ" ކަމަށެވެ. އަދި "ޖެނުއިން ފޮޓޯ އެއް" ލުމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.
"މިހާ ގިނަ ސާމާނު ހިފައިގެންގޮސް ނިދާފައި ތިބީމާ ކުޑަކޮށް އޯވާވޭ އެބަ. ޖެނުއިން ފޮޓޯ އެއް ލަމާ،" ސިފާ ވިދާޅުވި އެވެ.
މޭޔަރުގެ އެ ވާހަކައަށް ފާޑު ކިޔައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ބޯހިޔާވަހިކަމެއް ނެތި މާލޭގައި މަގުމަތިވެފައި ތިބި މީހުންނަށް މަގެއް ހޯދައިދިނުމަށް މޭޔަރުގެ ހައިސިއްޔަތުން ސިފާ މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށް ބުނެފަ އެވެ.
އެގޮތުން ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އުޝާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މޭޔަރު އެ ވިދާޅުވި ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭނެ ކަމަށާއި ސިފާ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.
"މިހާލަތުގައި ސިފާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މޭޔަރު ކަމުން ދުރުކުރުމަކީ ކައުންސިލްގެ އެހެން މެންބަރުންގެ ޒިންމާއެއް،" އުޝާމް ވިދާޅުވި އެވެ.
އަދި އެފަދަ މީހުންނަށް މަލާމާތް ރައްދުވާ ގޮތަށް ސިފާގެ ވާހަކަ ހުރުމުން އެކަމާ ގިނަ ބަޔަކު ވަނީ ނުރުން ފާޅުކޮށްފަ އެވެ.
ސިފާގެ ވާހަކައިން ދޭހަވަނީ މާލޭގައި އިޖުތިމާއީ އެފަދަ މައްސަލަތަކަށް އެޑްރެސްކުރުމުގެ ބަދަލުގައި ކަމުން ރެކި މީހުންނަށް މަލާމާތް ރައްދު ކުރުން ކަމަށާއި އެއީ މޭޔަރުގެ ބަސްމަގު ހުންނަންވާނެ ގޮތް ނޫން ކަމަށް ވެސް އާންމުން ވަނީ ބުނެފަ އެވެ.