ސިއްހީ ހިދުމަތްތެރިން ވަރުބަލިވެއްޖެ: އެޗްއޯއީސީ

ޑރ. މޫސާ ހުސައިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖެއިން ކޮވިޑް19ގެ ފުރަތަމަ ކޭސް ފެނުނުތާ އަހަރެއް ފުރުނު އިރު، ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުނުވެ، ސިއްހީ ހިދުމަތްތެރިން މިހާރު ވަރުބަލިވެފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑޮކްޓަރުންގެ ޓީމުން ބައިވެރިވެވަޑައިގެންނެވި ޑރ. މޫސާ ހުސައިން ވިދާޅުވީ ރާއްޖެއިން ކޮވިޑް ފެނުނުތާ އަހަރެއް ވެފައިވާ އިރު، މިހާތަނަށް 2500 އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހާލު ސީރިއަސްވެ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި 92 މީހަކަށް ފަރުވާދޭން ޖެހުނެވެ. އަދި 21 މީހަކު ވެންޓިލޭޓަރަށް ލާންޖެހުނު އިރު، އޭގެ ތެރެއިން 16 މީހަކު މަރުވި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ކޮވިޑް19 އާ ގުޅިގެން، ސިއްހީ ހިދުމަތްތެރިންގެ އަދަދު އިތުރުކުރުމަށް ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ކުދިން ވެސް ރާއްޖެ ގެނަ އެވެ. ނަމަވެސް މިހާރު ކޮލެޖުތަކައި ޔުނިވާސިޓީތަކުގެ ކިޔެވުން ފެށުމާ އެކު ދަރިވަރުން ވަނީ އެނބުރި ގޮސްފަ އެވެ.

އެއާއެކު ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިންގެ އަދަދު މަދުވި ނަމަވެސް، ބަލިވާ މީހުންގެ އަދަދު ދަށަށް ނުދާ ކަމަށާއި، ކޮވިޑްގެ ބަލި މީހުންނާއި އެހެން ބަލިތަކަށް ވެސް ފަރުވާ ދޭން ތިބީ އެއް ބައެއްކަން ޑރ. މޫސަ ފާހަގަ ކުރެއްވި އެވެ.

"ޕޮޒިޓިވްވާ މީހުންނާއި ބަލިވާ މީހުންގެ އަދަދު ވަކި މަދެއް ނުވޭ. އެހެންވީމަ ސިއްހީ ހިދުމަތްތެރިންނާ އަދި މިކަމުގަ މި އުޅޭ އެހެން ބޭފުޅުން ވެސް މިހާރު ވަނީ ވަރަށް ވަރުބަލިވެފައި،" ޑރ. މޫސަ ވިދާޅުވި އެވެ.

ޑރ. މޫސަ ވަނީ އެންމެން ވެސް ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވައިފަ އެވެ. ޑޮކްޓަރު ވިދާޅުވީ އުމުރުން ދުވަސްވީ މިހުން ނޫނަސް، ޒުވާން އުމުރުފުރައިގެ މީހުންގެ ފުއްޕާމެއިން ވެސް މިހާރު ނިއުމޯނިއާގެ އަސަރު ފެންނަމުންދާ ކަމަށާއި ވެކްސިން ޖެހުމުން ބަލީގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަވާ ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ އާ ވޭރިއަންޓްތަކާ ދެކޮޅަށް ވެސް ރައްކާތެރިކަން ލިބޭނީ ވެކްސިނުން ކަމަށެވެ.

comment ކޮމެންޓް