އަސްތަކަށް ދެރަ ގޮތެއް ވިޔަނުދޭނެ، އޮތީ ފުރިހަމައަށް ތައްޔާރުވެފައި

އައްޑޫ ސިޓީގައި އަސް ދުއްވާލުމަކީ އެ ސިޓީގެ ގިނަ ބަޔަކު ކުރަމުން އަންނަ އުންމީދެކެވެ. އެ އުންމީދުގެ ވާހަކަ އެކި ފަހަރު މަތިން އެ ސިޓީގެ ޒުވާނުންގެ މެދުގައި އޮތީ ދެކެވިފަ އެވެ. އެންމެފަހުން، އެކަން ހަގީގަތަކަސް ހެދުމަށް ރަސްމީކޮށް މަސައްކަތް ފެށީ "ސަދަން ސްޓޭލިއަންސް" އިންނެވެ.

ސަދަން ސްޓޭލިއަންސް އިން އެ މަސައްކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެ މަސައްކަތާ ގުޅިގެން ސަރުކާރާއެކު ގިނަ މަޝްވަރާތަކެއް ކުރި އެވެ. ކަމާގުޅޭ ބޭރުގެ މާހިރުންގެ ލަފާ ހޯދި އެވެ. ރާއްޖޭގައި މިކަން ކުރެވޭނެތޯ ކަށަވަރުކުރި އެވެ. އެ ޔަގީންކަން ލިބުމުން ދެން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް، ހޯދަންޖެހޭ ހުރިހާ ހުއްދައެއް ލިބުނީ މީގެ ހަ ވަރަކަށް މަސް ކުރިންނެވެ.

ބޮޑެތި ފާޑުކިޔުންތަކެއް، އެތައް ސުވާލެއް!

އައްޑޫއަށް އަސްތަކެއް ގެންނަން ހުއްދަ ހޯދައި އެ މަސައްކަތް ފަށާފައިވާކަން ހާމަކުރެއްވީ މިދިޔަ ދައުރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ ދުވަހުން ފެށިގެން ވެސް މި ޕްރޮޖެކްޓަށް ގިނަ ބައެއްގެ ފާޑުކިޔުމާއި މަލާމާތް އަމާޒުވި އެވެ.

އެކަން ނުކުރެވޭނެ ކަމަށާއި، އެއީ ރާއްޖޭގައި "ފީސިބަލް" ކަމެއް ނޫންކަމަށް ބުނެ ވާހަކަތައް ދެކެވުނެވެ. އެއް ބަޔަކު ބުނަމުން ދިޔައީ އެއީ ޖަނަވާރުންނަށް އިހާނެތިކޮށް ހިތުން ނޫން އިތުރު ކަމެއް ނޫން ކަމަށެވެ.

ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ، އެ ފާޑުކިޔުންތަކުގެ އަޑު ކެނޑުނެވެ. އަނެއްކާވެސް ހަމަ އެވާހަކަތަކުން ސޯޝަލް މީޑިއާ ފުރާލީ މިދިޔަ ބުރާސްފަތި ދުވަހު އަސްތައް ރާއްޖެ ގެނައުމަށް ބޯޓަށް އެރުވި ހަބަރާ އެކު އެވެ. ރޭ މިވަނީ އެ އަސްތައް ރާއްޖެ ގެނެސް އައްޑޫ ސިޓީއަށް ބާލައިފަ އެވެ.

އަސްތަކުގެ މައްސަލައިގައި މިހާރު ވެސް ސޯޝަލް މީޑިއާ އޮތީ ހޫނުވެފަ އެވެ. އެއް ބަޔަކު ސިފަކުރާ ގޮތުގައި އެ ޖަނަވާރުތައް ރާއްޖެ ގެނެސް "ކޮށްޓެއްގައި" ބޭތިއްބުމަކީ އަނިޔާވެރިވުމެވެ. ރާއްޖެއަށް އަސްތަކެއް ގެންނަންޖެހޭ ސަބަބެއް ނެތެވެ. އެ ނުގެނެޔަސް ގެއްލޭނެ އެއްޗެއް ނެތެވެ.

މި ކަންބޮޑުވުންތައް ފާޅުކުރާ މީހުންގެ ތެރޭގައި، ވެޓް ނުވަތަ ޖަނަވާރުންގެ ޑޮކްޓަރަކަށް ވާން ކިޔަވަމުން އަންނަ ފަރާތްތަކާއި ޖަނަވާރުންގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ހިމެނެ އެވެ. އެމީހުން އުފައްދާ ސުވާލަކީ ރާއްޖޭގައި އެކަށީގެންވާ ފެންވަރުގެ "ވެޓް ކްލިނިކް" އެއް ނެތް އިރު، އަދި ޖަނަވާރުންނަށް ބޭނުންވާ ބޭހާއި ފަރުވާ ދެވޭނެ ގޮތެއް ނެތް އިރު، އަސްތަކެއް ރާއްޖެ ގެނެސްގެން ރަނގަޅަށް ބެލެހެއްޓޭނެތޯ އެވެ. އެއަށް ބޭނުންވާ ވަރަށް ކާނާ އާއި އެހެނިހެން ކަންކަން ފޯރުކޮށްދެވޭނެ ހެއްޔެވެ؟

މި ސުވާލުތަކަށް ސަދަން ސްޓޭލިއަންސް އިން ދޭން އޮތީ އެންމެ ޖަވާބެކެވެ. އާނ އެކެވެ. އެމީހުން އަސްތައް ރާއްޖެ ގެނެސްފައި ވަނީ ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެގެންނެވެ.

މިލިއަންގެ އިންވެސްޓްމަންޓެއް، އެއްޗަކަށް އެއްޗެއް ނުހަދާނެ!

ސަދަން ސްޓޭލިއަންގެ ފަރާތުން "ސަން" އާ ވާހަކަދެއްކެވި އަހްމަދު އަގްލީލް ބުނީ މީ އެއް ދުވަހެއް ދެ ދުވަހެއްގެ މަސައްކަތް ނޫން ކަމަށެވެ. ގިނަ ބައެއްގެ އެދުމުގެ މަތިން މަސައްކަތް ފެށީ މީގެ އަހަރަކަށްވުރެ ގިނަ ދުވަސް ކުރިންނެވެ. އެތައް ދިރާސާއެއް ކުރެވިއްޖެ އެވެ. މިލިއަނުން ހަރަދުކޮށްފި އެވެ.

އިއްޔެ އައްޑޫއަށް އަސްތައް ގެންގޮސްފައި ވާއިރު، ސްޓާބަލް ހުރީ ތައްޔާރުކޮށް ނިންމައިފަ އެވެ. އަސްތަކަށް ބޭނުންވާ ފަރުވާ އާއި އަޅާލުން ދިނުމަށް، އިނގިރޭސިވިލާތުން ޖަނަވާރުންގެ ހާއްސަ ޑޮކްޓަރެއް ހުރީ ގެނެސްފަ އެވެ.

"ސީދާ އަސްގެ ކަންތައްތަކާ ގުޅޭ ހާއްސަ މީހެއް އަޅުގަނޑުމެން މި ހުރީ ހޯދާފަ. ބޭހާއި ކާނާ ބޭރުން ގެނެވޭނެ ހުރިހާ އިންތިޒާމެއް ހުރީ ހަމަޖެހިފަ،" އަގްލީލް ބުންޏެވެ.

އަސްތައް ކުޑަ ތަންކޮޅެއްގައި ގެންގުޅުމުގެ ކަންބޮޑުވުން އޮތް ނަމަވެސް، އަގްލީލް ބުނީ އެކަން ރާވާފައި އޮތީ އެގޮތަށް ނޫން ކަމަށެވެ. އަސްތަކަށް ދުވެލާފައި އުޅެވޭނެ ގޮތަށް 14،000 އަކަފޫޓުގެ ބިމެއް އޮތީ ތައްޔާރުކޮށްފަ އެވެ.

"އަޅުގަނޑުމެން އެ އެއްޗެހި ބަންދުކޮށްގެން ގެންގުޅޭގޮތަކަށް ނޫން އޮތީ. ސްޓޭބަލް އަށް ވައްދާނީ ނިދަން. ހަމަ މިތަނުގައި ދޫކޮށްލާފަ ތިބޭނީ. އަޅުގަނޑުމެން ވަރަށް ބޮޑު ހަރަދެއް ކޮށްގެން ކުރާ ކަމެއް މީ. އެހެންވީމަ މިކަމާ އެންމެ ކަންބޮޑުވާނީ އަޅުގަނޑުމެން. އަޅުގަނޑުމެން މި ލައިޓްކޮށް ދުލެއް ނުކުރާނަން،" އޭނާ ބުންޏެވެ.

އަގްލީލް ބުނީ އަސްތައް ރާއްޖެ އައިސްފައި ވަނީ ދިގު ދަތުރެއް ކޮށްފައި ކަމަށާއި، ވަރުބަލި ފިލުވާލައި އެ މާހައުލަށް އަސްތަކަށް ވަގުތު ދޭނެ ކަމަށެވެ. އަދި އެތަން އާންމުންނަށް ހުޅުވާލާނީ މަހެއްހާ ދުވަސް ފަހުން ކަމަށެވެ.

ސަދަން ސްޓޭލިއަންސް އިން ވިސްނާފައި އޮތީ އަސްދުއްވަން ދަސްކޮށްދޭ ސްކޫލެއް ހިންގުމަށެވެ. އެތަން ހުޅުވާނީ އަސް ދުއްވުމާއި، އަސް ދުއްވަން ދަސްކުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިފަ އެވެ. އަސް ދުއްވަން ދަސްކޮށްދޭނެ ޓްރެއިނަރުން ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަގްލީލް ބުނީ ފީއެއް ނަގާނެ ކަމަށާއި ނަމަވެސް އަގުތައް އަދި މުޅިން ފައިނަލް ނުވާ ކަމަށެވެ. ނަމަވެސް ތަން ހުޅުވާލާއިރު ފޮޓޯ ޝޫޓުތަކަށް ވެސް ފުރުސަތު ހުޅުވާލާނެ އެވެ.

އަސްތައް ބަހައްޓާފައި ހުންނަތަން --

"ގައިމުވެސް އައްޑޫގެ ޕަބްލިކް ވަރަށް ބޮޑަށް ބޭނުންވެފަ އޮތް ކަމެއް މީ. ހަމަ ފެންނަ އިރަށް އަހާނެ ކޮން ދުވަހަކުންހޭ އަސްތައް ގެންނަނީ. ކޮން ދުވަހަކުން ހޭ އަސް ދުއްވާލެވޭނީ،" އަގްލީލް ބުންޏެވެ.

އަގްލީލް މެން މަސައްކަތް ކުރީ ފަސް އަސް ގެނައުމަށެވެ. ނަމަވެސް މާލީ ގޮތުން ދިމާވި ތާށިކަމާއެކު އައްޑޫއަށް ގެންގޮސްފައި ވަނީ ތިން އަހެވެ. ނަމަވެސް ތިން އަހުން އާބާދީއަށް ކޭޓާ ނުކުރެވޭނެ ކަމަށާއި، އަދި އަސްތަކަށް ވެސް ރެސްޓް ދޭން ޖެހޭނެތީ، ތަރުހީބަށް ބަލައި މުސްތަގުބަލުގައި އިތުރު އަސް ގެންނާނެ ކަމަށް އަގްލީލް ބުންޏެވެ.

އައްޑޫގެ ފަތުރުވެރިކަމަށް އެހީވާނެ ޕްރޮޖެކްޓެއް!

އައްޑޫ އަކީ ފަތުރުވެރިކަން އެންމެ ރަނގަޅަށް ފައްކާވެފައި އޮތް ސިޓީއެއް ނޫނެވެ. އެހެން ނަމަވެސް ރާއްޖޭގައި މުޅިން އަލަށް ފަށަން ތައްޔާރުވެފައިވާ މި ޕްރޮޖެކްޓުގެ ސަބަބުން އައްޑޫ އަށް ދިވެހީންނާއި ބޭރު މީހުންގެ ޝައުގުވެރިކަން ހުއްޓޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރާ ކަމަށް އަގްލީލް ބުންޏެވެ.

އަގްލީލް ބުނީ ބޭރުން އަންނަ ފަތުރުވެރިންނަށް އަސް ދުއްވުމަކީ އާ ކަމަކަށް ނުވާނެ ކަމަށެވެ. އަދި ގޮނޑުދޮށުގައި ވެސް އަސް ދުއްވުން އެމީހުންނަށް އާ ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ދޮންވެލި ގޮނޑުދޮށުގައި އަހެއް ދުއްވާލުން އެމީހުންނަށް މުޅިން ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށް އޭނާ ބުންޏެވެ.

އެގޮތުން ގެސްޓްހައުސްތަކާއި ރިސޯޓުތަކަށް ވެސް ހާއްސަ ޕެކޭޖުތަކެއް ތައްޔާރުކުރަން ވަނީ ނިންމައިފަ އެވެ. އަސްތަކާއެކު "ބަލާ ނިއޭށި އައްޑޫ އެ ކާލޯ؟" ނުވަތަ އައްޑޫ ބަލައިލަން އާދޭ ގެ އަޑު އަނެއްކާވެސް މިވަނީ ވައިގައި ހިފައިލައިފަ އެވެ.

"ހާސްނުވޭ، އަޅުގަނޑުމެން މިކަން ކުރާނީ ރަނގަޅަށް"

އަގްލީލް ބުނީ ގިނަ ބައެއްގެ ކަންބޮޑުވުމުން މިކަމުގައި ހުރިކަން އެނގޭ ކަމަށެވެ. ފަހަރުގައި އެއީ އެކަށީގެންވާ މައުލޫމާތު ލިބިފައި ނެތުމުން ކަމަށް ވެދާނެ ކަމަށާއި ނަމަވެސް ސަދަން ސްޓޭލިއަންސް އިން މިކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، އެއްވެސް ކަމެއް އެމީހުން ދޫނުކޮށްލާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.

އަގްލީލް ބުނީ އެހެން މީހުން ޖަނަވާރުންނާ މެދު ކުރާ ރަހުމު، އެމީހުން ވެސް ކުރާ ކަމަށާއި އަސްތަކަށް ދެރަގޮތެއް ވިޔަ ނުދޭނެ ކަމަށެވެ.

"ހާސް ނުވޭ. ވީ ހޭވް ގޮޓް އިޓް ކަވާޑް އޭ،" އަގްލީލް ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް