ފުވައްމުލަކުގެ ކާފިއު އުވާލައި ފިޔަވަޅުތަކަށް ލުއި ދީފި

ފުވައްމުލައް ---

ކޮވިޑް19 އާ ގުޅިގެން ފުވައްމުލަކު ސިޓީގައި އިއުލާނު ކުރި ކާފިއު އުވާލައި، އެހެން ފިޔަވަޅުތަކަށް ލުއި ދީފި އެވެ.

ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ފަލާހު ޝަރީފް ވިދާޅުވީ އެކްޓިވް ސަވައިލެންސްގެ ތެރެއިން އެ ސިޓީން ނެގި އެއްވެސް ސާމްޕަލް އެއް ފަހަކަށް އައިސް ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ.

އެހެންކަމުން އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ފުވައްމުލަކުގެ މޮނިޓަރިންގ އުވާނުލާނެ ކަމަށެވެ.

ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 8:30 އިން ފަތިހު 4:00 އަށް ފުވައްމުލަކު ސިޓީގައި އުޅަނދުފަހަރު ދުއްވުމާއި ބޭރަށް ނުކުމެ އުޅުން އޮޓީ މަނާކޮށްފަ އެވެ. އަދި މިސްކިތުގައި ޖަމާއަތް ހެދުން މެދުކަނޑާލައި، އިތުރު ފިޔަވަޅުތަކެއް އެޅި އެވެ.

ފުވައްމުލަކު ސިޓީގައި އަޅާފައިވާ އެހެނިހެން ފިޔަވަޅުތައް

  • ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުން
  • ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން
  • އާންމު ދަތުރުފަތުރުގެ ހިދުމަތާއި ޓެކްސީގެ ހިދުމަތް އެޗްޕީއޭގެ މިންގަނޑާ އެއްގޮތަށް ދިނުން
  • ފުވައްމުލަކުގައި ހިންގާ ފިހާރަތަކާއި ބޭންކު ފަދަ އާންމު ޚިދުމަތްތައް ދިނުމުގައިވެސް އެކަންކަމަށް، އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ގަވާއިދުތަކަށް އަމަލުކުރުން
  • ކޮލެޖް ޔުނިވާސިޓީތަކާއި ސްކޫލްތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔެވުން ކުރިއަށް ނުގެންދިއުން
  • ކެފޭ ހޮޓާ ރެސްޓޯރެންޓުތަކުންދޭ ހިދުމަތް ހުއްޓާލުން
  • ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޑެލިވަރީގެ ހިދުމަތް ދިނުން

މިދިޔަ މަހުގެ 27 ވަނަ ދުވަހު އެޗްޕީއޭ އިން ވަނީ އެ ފިޔަވަޅުތައް އިތުރު ހަފްތާއަށް ދަންމާލައިފަ އެވެ. ނަމަވެސް ރޭ ދަންވަރު އެ ފިޔަވަޅުތަކުގެ މުއްދަތު ހަމަވެފައި ވާއިރު ފިޔަވަޅުތައް ދަމަހައްޓާފައެއް ނުވެ އެވެ.

އިއްޔެގެ ހުކުރު ނަމާދުން ފެށިގެން، ފުވައްމުލަކުގައި ޖަމާއަތުގައި ނަމާދުކުރަން ވެސް ވަނީ ފަށައިފަ އެވެ.

ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް، ބަލިން ރައްކާތެރިވުމަށް ގައިދުރުކަން ބެހެއްޓުމަށާއި، ތަންތަނަށް އެއްވެ ނޫޅުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފުމައްމުލަކުގައި ކޮވިޑު ފެތުރޭކަން އެނގުނީ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހު އެރަށުން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވުމުންނެވެ. އޭނާ އާއި ގުޅުންހުރި އިތުރު ބަޔަކު ޓެސްޓުކުރި އިރު އޭގެ ތެރެއިން އިތުރު ބަޔަކު ޕޮޒިޓިވްވި އެވެ.

މިހާތަނަށް އެ ސިޓީން ޖުމްލަ 51 މީހަކު ޕޮޒިޓިވްވި އިރު، އޭގެ ތެރެއިން 34 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 17 މީހެެކެވެ. އަދި އެއްވެސް މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ނުދެ އެވެ.

comment ކޮމެންޓް