ފްލެޓު ލިބުނުކަމުގެ ލިޔުމަކީ ބާތިލް ކުރެވިދާނެ ލިޔުމެއް: އޭޖީ

މާޗް، 4، 2021: މަޖިލިސް ކޮމެޓީއަށް ހިޔާ ފްލެޓް ތަކުގެ މައްސަލައިގައި ކަމާ ބެހޭ ހުރިހާ ފަރާތްތަކެއް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިތާ ފްލެޓު ލިބުނު ކަމަށް ކުރީ ސަރުކާރުން ދޫކުރި ލިޔުމަކީ ބާތިލް ކުރެވިދާނެ ލިޔުމެއް ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަަތު ވިދާޅުވެއްޖެ އެވެ.

ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގައި ހިޔާ ފްލެޓުތައް ލިބުނު ކަމަށް ކުރީ ސަރުކާރުން ދޫކުރި ލިޔުންތަކާ ގުޅޭގޮތުން މެންބަރަކ ކުރެއްވި ސުވާލެއްގެ ޖަވާބުގައި އޭޖީ ރިފްއަތު ވިދާޅުވީ ދައުލަތުން ދޫކުރާ ލިޔުމެއްގައި ދައުލަތުގެ ނިޝާން ޖަހާފައި އޮތަސް، ހަގީގަތުގައި އެ ލިޔުމަކީ ގާނޫނީ ގޮތުން ބަދެވޭ ބަނދެވުންތަކެއް އުފައްދާ ލިޔުމަކަށް ވަނީ އެ ލިޔުމުގައި ބަޔާންކޮށްފައިވާ ވާހަކަތައް، އެ ލިޔުމުގައި ބަޔާންކޮށްފައިވާ އިލްތިޒާމު ތަކުން ކަމަށެވެ.

"އެ ލިޔުމުގައި އެބަބުނޭ ލިސްޓުގައި ހިމެނުނަސް، ލިޔުން ހަވާލު ކުރެވުނަސް ފްލެޓު އެއްބަސްވެމެއްގައި ސޮއިކުރަން ޖެހޭނެ ވާހަކަ. އަދި އެބަ ބުނޭ އެއްބަސްވުން ސޮއިކުރުމުގެ ކުރިން އެމީހަކު ދީފައިވާ މައުލޫމާތު، ފްލެޓު ލިބުނު ކަމުުގެ ޝަރުތުތަކާ ދިމާވޭތޯ ނޫނީ އެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް އިތުރަށް ބަލަން ޖެހޭ ކަންތައް އެބަހުރި ކަމަށް،" އޭޖީ ވިދާޅުވިއެވެ.

އިތުރަށް ބަލަން ޖެހޭ ކަންކަމުގެ ތެރޭ 30 އޭޕްރިލް 2018 އާއި ހަމައަށް 600 އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ ރޯހައުސް އެއް ލިބިފައިވާނަމަ އެތަނެއް ސަރުކާރަށް ދޫކޮށްލަން އެއްބަސްވުން ފަދަ ކަންތައް ހިމެނޭ ކަމަށް އޭޖީ ވިދާޅުވިއެވެ.

އޭޖީ ވިދާޅުވީ، ދެމަފިރިން ލިސްޓުގައި ހިމެނުނު ނަމަ، އެ ދެމީހުންގެ ދަރިން ތިބޭ ހާލަތެއްގައި ފްލެޓު ލިބޭނީ ދަރިން ބަލާ މީހާ އަށް ކަމަށާއި ދަރިން ނެތް ނަމަ ދެމީހުންގެ ހާލަތަށް ބަލައި ފްލެޓު ލިބޭ ފަރާތް ހައުސިން މިނިސްޓްރީ އިން ކަނޑައަޅާނެ ކަމަށްވެސް ބުނެފައިވާ ކަމަށެވެ.

"ކަން މިހެން އޮތްއިރުގައި، މިދެންނެވި ކަންކަން ކަށަވަރު ނުކޮށް، މައުލޫމާތު ސާފުނިކޮށް، ހަމައެކަނި ދައުލަތުގެ ނިޝާން ޖަހާފައި އޮތް ލިޔުމަކަށް ބަލައިފައެއް އަލުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއީ ގާނޫނީ ގޮތުން އިލްތިޒާމު އުފައްދާނެ އަދި ހައްގެއް އުފަންކުރުވާނެ ލިޔުމެއް ކަމަކަށް،" އޭޖީ ވިދާޅުވިއެވެ.

އަދި އެ ލިޔުމަކީ "މުދަލެއްގެ މައްޗަށް މީހެއްގެ ހައްގު ގާނޫނީ ހަމަތަކުގެ މަތިން ދަލާލަތު ކޮށްދޭ ލިޔުމެއް ނޫން" ކަމަށްވެސް އޭޖީ ވިދާޅުވިއެވެ.

"އެ ލިޔުމަކީ ޝަރތުގެ މައްޗަށް ބިނާވާ ނުވަތަ ކޮންޑިޝަނަލް ލިޔުމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. އަދި އެ ލިޔުމަކީ އެ ލިޔުމުގައި ބުނާ ޝަރުތުތަކަށް ބެލުމަށްފަހު އެއިން ޝަރުތެއް ފުރިހަމަނުވާ ހަލަތުގައި ބާތިލް ކުރެވެނެ އެއްޗެއް. އަދި އެކަމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް އޮތްކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" އޭޖީ ވިދާޅުވީ އެމޭރުމުން ސުޕްރީމު ކޯޓުން ގަޒިއްޔާތައްވެސް ނިންމާފައިވާ ކަމަށެވެ.

އެގޮތުން 2017 ވަނަ އަހަރުވެސް އެފަދަ ނިންމުމެއް ނިންމާފައިވާ ކަމަށާއި 2015 ގައިވެސް ސުޕްރިމު ކޯޓުން ނިންމާފައިވާ ނިންމުމެއްގައި މީހެއްގެ ކިބާގައި ހުރުން ލާޒިމް ޝަތުރެއް ފުރިހަމަ ނުވާނަމަ އެމީހަކަށް އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ލިބޭ ތަނެއް ނުލިބޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށް އޭޖީ ރިފްއަތު ވިދާޅުވިއެވެ.

ހޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް ބުނެ މިދިޔަ ސަރުކާރުން ވަނީ ލިޔުން ދީފައެވެ. ނަމަވެސް އޭގެ ފަހުން މި ސަރުކާރުން ވަނީ އަލުން ހިޔާ ފްލެޓުތަކުގެ ފޯމުތައް އިވެލުއޭޓުކޮށް ލިސްޓަށް ބަދަލު ގެނެސް ދާއިމީ ލިސްޓު އިއުލާނުކޮށްފައެވެ. އެއާއެކު ކުރީ ލިސްޓުގައި ހިމެނި، ލިޔުން ލިބުނު ބައެއް ފަރާތްތައް ވަނީ ލިސްޓުން އުނިވެފައެވެ.

comment ކޮމެންޓް