މިޔަންމާގެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 50އަށް އަރައިފި

މިޔަންމާގެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 50އަށް އަރާފައިވާ ކަމަށް އދ.އިން ބުނޭ -- ފޮޓޯ: ގެޓީ

ނޭޕިޑޯ (މާޗް 4): މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް އެގައުމުގައި ބާއްވަމުންދާ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 50އަށް އަރައިފި ކަމަށް އދއިން ބުނެފި އެވެ.

އދއިން މިޔަންމާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ކްރިސްޓީން ޝްރޭނާ ބާގެނާ ވިދާޅުވި ގޮތުގައި އިއްޔެ އެގައުމުގައި ބޭއްވި މުޒާހަރާގައި 38 މީހަކު މަރުވެ، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވި އެވެ. އަދި އެ މުޒާހަރާތަކުގައި ފުލުހުން މެޑިކަލް ކުރޫއަކަށް ހަމަލާ ދޭ މަންޒަރާއި މުޒާހަރާގެ ބައިވެރިއެއްގެ ގަޔަށް ވަޒަނެއް އަރާ، މަގުމައްޗަށް ވެއްޓިފައި އޮންނަ މަންޒަރު ފެންނަ ވީޑިއޯތައް އޭނާއަށް ލިބިފައިވެ އެވެ.

ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ސޭވް ދަ ޗިލްޑްރެން ޖަމިއްޔާއިން ބުނި ގޮތުގައި އިއްޔެ މަރުވި މީހުންގެ ތެރޭގައި 14 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިންވެސް ހިމެނެ އެވެ. އަދި 19 އަހަރުގެ އަންހެނަކު މަރުވި ކަމަށްވެސް ރިޕޯޓުތަކުގައިވެ އެވެ.

މީގެ އިތުރުން ރޮއިޓާސްއަށް މައުލޫމާތު ދިން މުޒާހަރާގެ ބައިވެރިއަކު ބުނި ގޮތުގައި ފުލުުހުން ވަނީ އެއްވުމުގެ ތެރެއަށް އެއްވެސް އިންޒާރަކާ ނުލައި ބަޑި ޖަހާފަ އެވެ.

އެ މުޒާހަރާތަކުގައި ފުލުހުން އަމަލު ކުރާ ގޮތާ ގުޅިގެން މިޔަންމާގެ ސަރުކާރަށް ބައިނަލްއަގުވާމީ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި އިނގިރޭސިވިލާތުން ވަނީ އެ މައްސަލައާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ގޮވާލާފަ އެވެ.

އދގެ ސަލާމަތީ މަޖިލީހުން ވަނީ މިޔަންމާގެ ހާލަތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އެ މަޖިލީހުގެ މެމްބަރުން ކަމަށްވާ ރަޝިއާއާއި ޗައިނާއިން ވަނީ އެއީ ދާހިލީ މައްސަލައެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އެހެންކަމުން އެ މަޖިލީހުން މިޔަންމާގެ ބަޣާވާތް ކުށްވެރިކޮށްފައި ނުވެ އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން މިދިޔަ މަހުގެ އެކެއްގައި ބަޣާވާތް ކުރީ އެގައުމުގެ ލީޑަރު އަންގް ސަން ސޫޗީ އާއި އެ ސަރުކާރުގެ އިސް މެމްބަރުން ހައްޔަރު ކުރުމަށް ފަހު އެވެ. އެއީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. އަދި އަސްކަރިއްޔާއިން ވަނީ އެއް އަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އާ އިންތިހާބެއް ބާއްވާ، އެ ވޯޓު ކާމިޔާބު ކުރާ ބަޔަކާ ވެރިކަން ހަވާލު ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ އިންތިހާބު ބާއްވާނެ ތާރީހެއް އަދި އިއުލާންކޮށްފައި ނުވެ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ އަށެއްގައި މިޔަންމާގައި ބޭއްވި އިންތިހާބުގައި އެގައުމުގެ ޕާލިމެންޓުގެ 476 ގޮނޑިއަށް މެމްބަރުން ހޮވި އިރު އޭގެ ތެރެއިން 396 ގޮނޑި ކާމިޔާބު ކުރީ ސޫޗީގެ ޕާޓީންނެވެ. އަދި އަސްކަރިއްޔާއިން ތާއިދު ކުރާ ޕާޓީއަށް ލިބުނީ އެންމެ 33 ގޮނޑި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް