ސްޕެނިޝް ކޮޕަ ޑެލްރޭގެ ދެވަނަ ލެގުގައި ސެވިއްޔާ ބަލިކޮށް ބާސެލޯނާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން އެ ޓީމު ކުރި ހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ބާސެލޯނާ 0-2 އިން ބަލިވުމާ އެކު ރޭގެ މެޗަށް އެ ޓީމުން ނުކުތީ ގިނަ ގޯލުތަކެއް ޖަހައި މޮޅުވުމަށްޓަކައި ތަފާތު ފޯމޭޝަނެއްގަ އެވެ. އާއްމުކޮށް ބާސެލޯނާއިން ބޭނުން ނުކުރާ ފޯމޭޝަނަކަށް ކުޅެ އެ ޓީމުން 90 މިނަޓުގެ ކުޅުން ހަމަވި އިރު 0-2 އިން ކުރި ހޯދި ނަމަވެސް އެގްރިގޭޓް އެއްވަރުމުން ވަނީ އިތުރު ވަގުތު ކުޅެފަ އެވެ.
ރޭގެ މެޗު ފަށައިގެން ގިނަ ހަމަލާތަކެއް އުފެއްދި ބާސެލޯނާއަށް މެޗުގެ ކުރީކޮޅު ލީޑު ނަގައިދިނީ އުސްމާން ޑެމްބެލޭ އެވެ. އޭރިއާގެ ވެސް ބޭރުން ޑެމްބެލޭ އެ ގޯލު ޖެހި އިރު، ސެވިއްޔާގެ ގޯލް ކީޕަރަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. އެ ގޯލާ އެކު ބާސެލޯނާއިން ހިތްވަރު ހޯދަައި ގިނަ ހަމަލާތަކެއް އެ ހާފުގައި އުފެއްދި ނަމަވެސް ސެވިއްޔާއިން ވަނީ މުޅި ޓީމު ފަހަތަށް ފައިބައިގެން ކުޅެ ރަނގަޅަށް ޑިފެންސް ކޮށްފަ އެވެ.
ދެވަނަ ހާފު ފަށައިގެން ބާސެލޯނާއިން އިތުރަށް ޓީމު ކުރިއަށް ޖައްސައިގެން ކުޅުނު އިރު އެ ހާފުގެ ކުރީކޮޅު ބާސެލޯނާގެ ޖޯޑީ އަލްބާ ފޮނުވާލި ހަމަލާ އަމާޒުވީ ހުރަސް ދަނޑިއަށެވެ.
އެއަށްފަހު ސެވިއްޔާއިން ލިބުނު ކައުންޓާ އެޓޭކެއްގައި ލޫކަސް އޮކަމްޕޯސްއަށް ބާސާ ޑިފެންޑަރު އޮސްކާ މިންގުއެޒް ކުރި ފައުލަކާ ގުޅިގެން ވަނީ ޕެނަލްޓީއެއް ދީފަ އެވެ. އޮކަމްޕޯސް ތިރި ތިރިން ފޮނުވާލި އެ ޕެނަލްޓީ ފަސޭހަކަމާ އެކު ބާސެލޯނާގެ ކީޕަރު ޓާ ސްޓެގަން ވަނީ ދިފާއުކޮށްފަ އެވެ.
ބާސެލޯނާއަށް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިން އިތުރު ވަގުތުގައި މުހިއްމު ގޯލު ޖަހައިދިނީ ޖެރާޑް ޕޭކޭ އެވެ. އެއަށްފަހު އިތުރު ވަގުތުފެ ފުރަތަމަ ހާފުގައި ބާސެލޯނާއަށް މެޗު ކާމިޔާބުކޮށްދިން ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުން މާޓިން ބްރެއިތްވެއިޓް އެވެ.
ބާސެލޯނާއިން ފައިނަލުގައި ބައްދަލު ކުރަން ޖެހޭނީ ސެމީގައި މިރޭ ލެވަންޓޭއާއި އެތުލެޓިކް ބިލްބާއޯ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.