ޖަޕާނުގެ ބިލިއަނަރަކާ އެކު ހަނދަށް ދާނެ އަށް މީހަކު ހޯދަނީ

ޖަޕާނުގެ ބިލިއަނަރު ޔުސަކު މައެޒާވާ -- ފޮޓޯ: ގެޓީ

ޓޯކިޔޯ (މާޗް 3): ޖަޕާނުގެ ބިލިއަނަރު ޔުސަކު މައެޒާވާއާ އެކު ހަނދުގެ ވަށައިގެން ބުރެއް ޖަހަން ދާނެ އަށް މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ޔޫޓިއުބާއި ޓުވިޓާ މެދުވެރިކޮށް ހިއްސާކޮށްފައިވާ ވީޑީއޯއެއްގައި މައެޒާވާ ބުނި ގޮތުގައި "ޑިޔާ މޫން"ގެ ނަން ދީފައިވާ މިޝަންގެ ދަށުން އޭނާ ހަނދަށް ދާނީ 2023ގަ އެވެ. އަދި އެ ދަތުރުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ޑިޔާ މޫންގެ ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އޭގެ ތެރެއިން ދަތުރު ދާން ހޮވާނީ އަށް މީހެކެވެ.

މައެޒާވާ ބުނި ގޮތުގައި އޭނާއާ އެކު ދަތުރު ދާން ނަން ހުށަހަޅާ މީހުންގެ ހުންނަން ޖެހެނީ ދެ ޝަރުތެކެވެ. އެއީ އެމީހަކު ކުރާ މަސައްކަތަކީ އެހެން މީހުންނާއި މުޖުތަމައަށް ފައިދާވާ ފަދަ ކަމަކަށް ފުޅާ ކުރުމުގެ ޝައުގު ހުރުމާއި އެހެން ކުރޫ މެމްބަރުންނަށްވެސް އެހީވުމަށް ބޭނުންވުމާއި އެކަމުގެ ގާބިލުކަން ހުރުމެވެ.

"އެމީހަކު ކޮންމެ ކަމެއް ކުރިޔަސް އެހެން މީހުންނަށް އެހީވެ، މުޖުތަމައަށް ހިދުމަތްކޮށް، ކްރިއޭޓިވް ހަރަކާތްތައް އެހެން ލެވެލަކަށް ގެންދަން ބޭނުން ނަމަ އަޅުގަނޑާ ބައިވެރިލައްވާ،" މައެޒާވާ ބުންޏެވެ.

މައެޒާވާ ހަނދަށް ދަތުރު ކުރަން ހަމަޖެހިފައި ވަނީ ބިލިއަނަރު އީލަން މަސްކުގެ ސްޕޭސް އެކްސް ކުންފުނީގެ އުޅަނދެއްގަ އެވެ. އޭނާ ބުނި ގޮތުގައި އެ އުޅަނދުން ހަނދާ ހަމަޔަށް ދެވޭނީ ދަތުރު ފަށާތާ ތިން ދުވަސް ފަހުންނެވެ. އަދި ދެން ހަނދުގެ ވަށައިގެން ބުރެއް ޖެހުމަށް ފަހު އަނެއްވާސް ތިން ދުވަހުގެ ދަތުރަކުން އެނބުރި ދުނިޔެއަށް އާދެވޭނެ އެވެ.

މައެޒާވާ ބުނި ގޮތުގައި އެ މުޅި ދަތުރަށް ހަރަދު ކުރާނީ އޭނާ އެވެ. އެހެންކަމުން ދަތުރުގައި ދެން ބައިވެރިވާ މީހުން ފީއެއް ދައްކަން ނުޖެހޭނެ އެވެ. އަދި ސްޕޭސް އެކްސްގެ އުޅަނދަކުން ޖާގަ ހޯދުމަށް މައެޒާވާ ހަރަދު ކުރި މިންވަރެއް ހާމަކޮށްފައި ނުވި ނަމަވެސް މަސްކް ވަނީ އެއީ ވަރަށް އަގުބޮޑު ދަތުރެއް ކަމަށް ބުނެފަ އެވެ.

ޑިޔާ މޫން މިޝަންގައި ބޭނުން ކުރަން އުޅޭ ސްޓާޝިޕް އުޅަނދު އަދި އޮތީ ތައްޔާރު ކުރުމުގެ މަރުހަލާގަ އެވެ. އެ އުޅަނދުގެ ދެ ޕްރޮޓޯޓައިޕެއް މިދިޔަ ޑިސެމްބަރު މަހާއި މިދިޔަ މަހު ޓެސްޓު ކުރި ނަމަވެސް ދެ ޓެސްޓުވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

ނަމަވެސް މަސްކް ބުނި ގޮތުގައި 2023 ޖެހޭ އިރު ހަނދަށް އިންސާނުން ގެންދިޔުމަށް ސްޓާޝިޕް އޮންނާނީ ތައްޔާރަށެވެ.

އެ މިޝަން ކާމިޔާބުވެއްޖެ ނަމަ އެވާނީ 1972 ވަނަ އަހަރު އެމެރިކާގެ އެޕޯލޯ މިޝަންއިން ކުރި ދަތުރަށް ފަހު އިންސާނުން ހަނދަށް ދާ ފުރަތަމަ ފަހަރަށެވެ. އަދި އެ ވާނީ ދުނިޔެއިން ބޭރަށް އިންސާނުން ކުރާ ފުރަތަމަ ޕްރައިވެޓް ދަތުރަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް