ހަތަރު ގުރާފަކުން ކޮވިޑުގެ ބިޔަ ރާޅާއި ނުރައްކާ!

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑުގެ ކޭސްތައް ނުވެއްޓި ހުއްނަތާ މިހާރު މަހެއްވަރު ވަނީ އެވެ. އިއްޔެ އެކަނިވެސް މުޅި ރާއްޖެއިން 165 ކޭހެވެ. އަދި އޭގެ ކުރިން އަންގާރަ ދުވަހުގެ ކޭސްތައް 186 އެވެ. އޭގެ ތެރެއިން 82 ޕަސެންޓް ކޭހަކީ މާލެ ސަރަހައްދުން ފެނުނު ކޭސްތަކެވެ. ކޮވިޑުގެ ކޭސްތައް މައިތިރި ނުކުރެވި މައްޗަށް އަރަމުން މި ދާ ހާލަތް އެޗްޕީއޭގެ ސީނިއާ އެޕިޑޮމިލޮޖިސްޓް ޑރ. ނަޒްލާ ރަފީގު ސިފަކުރެއްވީ މިއީ ރާއްޖެއާ ކުރިމަތިވި ކޮވިޑުގެ ތިން ވަނަ ރާޅުކަމަށެވެ. ޑރ. ނަޒްލާ ސިފަކުރައްވާ ގޮތުގައި މި ރާޅު ވަރަށް ބިޔަވެފައި ނުރައްކާތެރި އެވެ.

ޑރ. ނަޒްލާ އެ ސިފަކުރައްވާ ނުރައްކަލުގެ މިންވަރު އޮތީ ކިހާ ވަރަކަށް ހެއްޔެވެ؟ ގްރާފުތަކާއި ނަމްބަރުތަކުން އެއްކޮށްލުމުން ކުރަހާ ކޮވިޑުގެ ބޮޑު މަންޒަރަކީ ކޮބައި ހެއްޔެވެ؟

މަރުތައް މައްޗަށް

ކޮވިޑުގައި މަރުވާ މީހުންގެ އަދަދު މަތިވަމުން އަންނަ މިންވަރު: ފެބުރުއަރީ މަހު އެކަނި އަށް މަރު -- ގްރާފް/ އެޗްޕީއޭ

ވެރިރަށް މާލޭގައި ކޮވިޑުގެ ރޯގާ ބާރު މިނުގައި ފެތުރި މަރުވާ މީހުންގެ އަދަދު ވަނީ ގިނަވާން ފަށައިފަ އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިއަހަރުގެ ޖެނުއަރީގެ ނިޔަލަށް ކޮވިޑްގައި ރާއްޖެއިން މަރުވީ ހަ މީހުންނެވެ. އެހެން ނަމަވެސް، މިދިޔަ ފެބުރުއަރީ މަހު ތެރޭ އެކަނި ކޮވިޑްގައި އަށް މީހަކު ވަނީ ރާއްޖެއިން މަރުވެފަ އެވެ.

މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 62 އަށް އަރައިފަ އެވެ. އެއާ އެކު ރާއްޖޭގައި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ނުވަތަ މޯޓަލިޓީ ރޭޓް މިހާރު ވަނީ 0.31 އަށް ޖެހިފަ އެވެ.

ކޮވިޑް ފެތުރެނީ ވަރަށް ބާރު ދުވެލީގައި

ކެޕްޝަން.. ފްލޫކުލިނިކްތަކަށް އަންނަ ރެންޑޮމް މީހުން ޕޮޒިޓިވްވާ އަދަދު -- ގްރާފް/ އެޗްޕީއޭ

ކޮވިޑުގައި ސްޕްރެޑް ނޫނީ އާންމު މުޖުތަމައުގައި ކޮވިޑް ފެތުރޭ މިންވަރު އެންމެ ފަސޭހައިން ދެނެގަންނަނީ ފްލޫ ކުލިނިކުތަކާއި ހޮސްޕިޓަލްތަކަށް އަންނަ އާންމު މީހުން ޕޮޒިޓިވްވާ މިންވަރު ބަލައިގެންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ނަމްބަރު ވަނީ 5.6 އިން 7.4 އަށް މައްޗަށް ޖެހިފަ އެވެ. އެޗްޕީއޭގެ ނަމްބަރުތަކުން ދައްކާ ގޮތުގައި ދެވަނަ ރާޅާ އަޅާބަލާއިރު ތިން ވަނަ ރާޅުގައި ފްލޫ ކުލިނިކުތަކުން ޕޮޒިޓިވްވާ ނަމްބަރު އަދި ދަށެވެ. އެކަމަކު، މި ތިން ވަނަ ރާޅުގައި ކުރީ ކޮންމެ ރާޅަކަށް ވުރެ ކޭސްތައް މާ ގިނަ އެވެ. އެހެންކަމުން އެޗްޕީއޭގެ ލަފާކުރުމަކީ އަލާމާތް ފެނުނު ނަމަވެސް ގިނަ މީހުން ފްލޫ ކުލިނިކްތަކަށް ގޮސް ޓެސްޓް ނުހެދުމެވެ.

އެހެންކަމުން އެޗްޕީއޭގެ ލަފާކުރުމަކީ ދެވަނަ ރާޅަށް ވުރެވެސް މި ތިން ވަނަ ރާޅުގައި ކޮވިޑް މާ ބޮޑަށް ފެތުރެމުންދާ ކަމަށެވެ. ސަބަބަކީ ބާރަށް ފެތުރޭ ކޮވިޑްގެ އާ ވައްތަރުތައް މިހާރު ރާއްޖޭގައި ވެސް ފެތުރެމުން ދިޔުން ކަމަށް އެޗްޕީއޭގެ ދިރާސާތަކުން ދައްކާފައިވެ އެވެ.

ސިއްހީ ނިޒާމަށް ބާރުބޮޑުވެއްޖެ

ހޮސްޕިޓަލްގައި އެނދުމަތިކޮށް ފަރުވާ އަދަދުތައް -- ގްރާފް/ އެޗްޕީއޭ

ކޮވިޑުގެ އެންމެ ބޮޑު އެއް ނުރައްކަލަކީ ބަލި ޖެހޭ މީހުން ގިނަވެ ހޮސްޕިޓަލްތައް ފުރި، ބަލި މީހުންނަށް އެކަށީގެންވާ ފަރުވާ ނުދެވި ހާލު ބޮޑުވެގެން މަރުވާ މީހުން ގިނަވުމެވެ. ހެލްތް ނިޒާމަށް ބާރު ބޮޑުވެ މުޅި ނިޒާމް ފެއިލްކޮށްލާ ފެއިލްކޮށްލުމެވެ. އޭގެ ސަބަބުން އެތައް ފުރާނައެއް ގެއްލިދެ އެވެ.

އެޗްޕީއޭއިން ބުނީ މިހާރު ރާއްޖެއާ ލައްވާލާފައި މިވާ ކޮވިޑްގެ ތިން ވަނަ ރާޅުގައި ދެވަނަ ރާޅަށް ވުރެވެސް އެނދުމަތި ކުރަން ޖެހޭ މީހުންގެ އަދަދު ގިނަވެފައިވާ ކަމަށެވެ. އެގޮތުން މި މިދިޔަ މަހުގެ ތެރޭ އެނދުމަތިކޮށް ފަރުވާ ދެމުންދާ މީހުންގެ އަދަދު 209 އަކަށް އެރި އެވެ. މާލޭ ސަރަހައްދުގައި ކޮވިޑަށް ފަރުވާދޭން ހުރީ ވެސް 267 އެނދެވެ. އޭގެ ކުރިން ދެވަނަ ރާޅުގައި އެންމެ ގިނައިން ވެސް އެނދުމަތި ކުރަން ޖެހުނީ 179 މީހެކެވެ.

އެނދުމަތި ކުރާ މީހުންގެ އަދަދު ގިނަވުމާ އެކު އެޗްޕީއޭއަށް މިހާރު މަޖުބޫރުވެފައި ވަނީ އެނދުމަތި ކުރާ ކްރެޓީރިއާ ލުއިކޮށް ގިނަ އެނދުތައް އަވަހަށް ހުސްކުރާށެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އެނދުމަތިކޮށް ފަރުވާ ދޭ މީހުން އެނދުމަތިކޮށް ފަރުވާ ދޭނީ 10 ދުވަހަށެވެ. އެއަށް ފަހު މޮނީޓާކޮށް މީހާގެ ހާލަތު ބެލުމަށް ފަހު ކިރިޔާ ވެސް ގެއަށް ބަދަލުކުރެވެން އޮތް މީހަކު ގެއަށް ބަދަލު ކުރަނީ އެވެ. މީގެ ކުރިން އެނދުމަތިކޮށް 14 ދުވަހު ފަރުވާދެ އެވެ. އެހެން ނަމަވެސް އެޗްޕީއޭއިން ބުނީ ވަރަށް ހާލު ބޮޑު މީހުންނަށް ފަރުވާ ދޭން އެނދު ބޭނުން ވާތީ އެހެން ހަދަން މަޖުބޫރުވީ ކަމަށެވެ.

އިއްޔެއާ ހަމައަށް 181 މީހަކު އެނދުމަތިކޮށް އަންނަނީ ފަރުވާދެމުންނެވެ.

މިރާޅު އެހާ ބިޔަވެ، ނުރައްކާވީ ކީއްވެ؟

ކޮވިޑްގެ ކޭސްތަކާ އެކު ފިޔަވަޅުތަކަށް އަންނަ ބަދަލު -- ގްރާފް/ އެޗްޕީއޭ

އެޗްޕީއޭއަށް ވެސް އެންމެ ބޮޑު ހައިރާން ކަމަކަށް ވީ ކޭސްތައް ގިނަވާން ފެށުމުން ޖެނުއަރީން ފެށިގެން ކާފިއު އިއުލާންކޮށް ފިޔަވަޅުތައް ހަރުކަށި ކުރި ނަމަވެސް އަދަދުތައް އަދިވެސް ދަށްވަމުން ނުގޮސް މައްޗަށް ދިޔުމެވެ. އެޗްޕީއޭގެ މިހާރުގެ ލަފާކުރުމަކީ ބާރަށް ފެތުރޭ ކޮވިޑްގެ އާ ވައްތަރުގެ އިތުރަށް އާންމުން އަދިވެސް އެއްވެ މަސްހުނިވާ މިންވަރު ގިނައީ އެވެ. މީހުން ފިޔަވަޅުތަކަށް ބޯލަބާވަރު ކުޑައީ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދެވަނަ ރާޅުގައި ހަފްތާއެއްގެ ތެރޭ 970 ކޭސް ފެނިފައިވީ ނަމަވެސް މި ތިން ވަނަ ރާޅުގައި ހަފްތާއަކު 1،000 ކޭސް ދަނީ ފެންނަމުންނެވެ. މިއީ އިންތިހާއަށް މަތީ އަދަދެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. މި ތިން ވަނަ ރާޅު ބިޔަވެ ނުރައްކާ ވަނީ ކޮވިޑް ޖެހޭ މީހުން ގިނަވެ އަދި ފިޔަވަޅުތަކުން ވެސް އަދަދުތައް ދަށްވަމުން ނުދިޔުމެވެ.

އެޗްޕީއޭއިން ބުނަނީ ކޭސްތައް ކޮންޓްރޯލް ކުރަން އޮތް އަނެއް ގޮންޖެހުމަކީ އަލާމާތް ހުންނަ މީހުން ވެސް ރިޕޯޓް ނުކުރުމާއި ކޮންޓްރެކްޓް ޓްރޭސިންއަށް ދޮގު މައުލޫމާތު ދިނުން ފަދަ ކަންތައްތައް ގިނަވަމުން އައުން ކަމަށެވެ.

މި ކަންބޮޑުވުމާ އެކު އެޗްޕީއޭގެ އިލްތިމާސް އަކީ؛

  • ގިނަ ވަގުތު ގެއިން ބޭރުގައި ނޫޅި މިދުވަސްވަރު ގޭގައި މަޑުކުރުން.
  • ގެއިން މަސައްކަތް ކުރުން.
  • މީހުންނަށް ޒިޔާރަތްކުރުމާއި ބައްދަލުކުރުން ހުއްޓާލުން.
  • އާންމުންކޮށް ދިމާވާ މީހުން ދިމާވުން ނުވަތަ ބައްދަލުވާ އެއް ބަބުލްއެއް ގެންގުޅުން.
  • ކެފޭތަކާއި ރެސްޓޯރަންޓްތަކަށް ނުދިޔުން.

މިހާރު ހުރި ސްޕްރެޑް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ވެސް ހަރުކަށިކޮށްފަ އެވެ. އެގޮތުން މީހުން މަސްހުނިވުން ކުޑަކުރަން ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. އަދި އިރުއޮއްސި 6:00 އިން ފެށިގެން ހެނދުނު 6:00 އާ ހަމައަށް މާލޭގައި އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ކެފޭ ރެސްޓޯރަންޓުތައް ރޭގަނޑު 8:00ގެ ފަހުން ބަންދުކުރަން ޖެހެ އެވެ. ޔުނިވަސިޓީތަކާއި ކޮލެޖްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށާފައިވާ އިރު ގުރޭޑް 8 އިން ފެށިގެން މަތީގެ ކުލާސްތަކަށް ވެސް ވަނީ އޮންލައިންކޮށް ކިޔަވައިދޭން ފަށައިފަ އެވެ.

އިއްޔެގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖޭގައި މިވަތު ކޮވިޑްގެ 2،569 އެކްޓިވް ކޭސް ރެކޯޑްކޮށްފައިވެ އެވެ. އަދި މާލެއިން އެކަނި 200 ކޭސް ދުވާލެއްގެ މައްޗަށް ރެކޯޑް ކޮށްފައިވެ އެވެ. ރާއްޖޭގައި ކޮވިޑް ކޭސްތަކުގެ އަދަދު މިހާރު ވަނީ 20،000 އަށް އަރައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް