އަށް ހަފްތާތެރޭ އާމްދަނީ އަށް ލިބުނީ 2.8 ބިލިއަން

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މި އަހަރުގެ ފުރަތަމަ އަށް ހަފްތާ ތެރޭ ދައުލަތަށް އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކުރި ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޓެކްސް އާމްދަނީ އަށް 2.4 ބިލިއަން ރުފިޔާ ލިބުނެވެ. ޓެކްސް ނޫން އާމްދަނީ އަށް 375.4 މިލިއަން ރުފިޔާ އަދި ހިލޭ އެހީ އަށް 3.1 މިލިއަން ރުފިޔާ ލިބިއިވެ އެވެ.

އެ މުއްދަތުގައި ދައުލަތުގެ ހަރަދުތައް ހުރީ 3.3 ބިލިއަން ރުފިޔާ ގައެވެ. މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ހިންގުމުގެ ހަރަދަށް 1.1 ބިލިއަން ވަނީހޭދަކޮށްފަ އެވެ.

އެ މުއްދަތާ ހަމައަށް ދައުލަތުގެ ލޯނުތައް ދެއްކުމަށް ހޭދަކުރީ 170.3 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލޯނު ދެއްކުމަށް 126.2 މިލިއަން ހޭދަކުރި އެވެ.

ފިނޭންސްގެ ހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފުރަތަމަ އަށް ހަފްތާ އާއި ހަމައަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ހަރަދުކޮށްފައި ވަނީ 366.7 މިލިއަން ރުފިޔާ އެވެ.

މި އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ 34 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 21 ބިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރުން ފެށިގެން ޓެކްސް އާމްދަނީ ދަށްވާން ފެށި ނަމަވެސް ޑިސެމްބަރުން ފެށިިގެން ޓޫރިޒަމް ހަމައަކަށް އެޅެންފެށުމާ އެކު ޓޫރިޒަމް ދާއިރާ އިން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ ވަނީ ރަނގަޅުވާން ފަށައިފަ އެވެ.

comment ކޮމެންޓް