ހިޔާ ފްލެޓުތަކަށް އޯޕަން އެކްސަސް ނެޓްވޯކް އަޅަނީ

ހިޔާ ފްލެޓުތަކަށް އޯޕަން އެކްސަސް ނެޓްވޯކް އަޅަނީ --- ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގާއިމްކުރާ "އޯޕަން އެކްސެސް ނެޓްވޯކް" ހިދުމަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓް ސަރަޙައްދުގެ މަސައްކަތްތަކަށް ބޭނުންވާ ޕެސިވް ކޮމްޕޯނަންޓްގެ ވަސީލަތްތައް ރާއްޖެ ގެނެސްފިއެވެ.

އެޗްޑީސީ އިން ބުނީ ޕެސިވް ކޮމްޕޯނަންޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިކަމަށް ބޭނުންވާ ޑަކްޓްގެ މަސައްކަތްތައް ނިމި
ފައިބާ ކޭބަލް އެޅުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށާއި، މަސައްކަތްތައް އޭޕްރިލް މަހުގެ ތެރޭގައި ނިންމުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.

އެ މަސައްކަތް ނިމުމުން ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ޔުނިޓްތަކަށް ބޭނުންވާ ހުރިހާ މުއާސަލާތީ ހިދުމަތްތަކެއް އެއް ނެޓްވޯކަކުން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އޯޕަން އެކްސެސް ނެޓްވޯކްގެ ދަށުން މުޅި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހުރިހާ އިމާރާތެއް މުއާސަލާތީ ވިއުގާއަކުން ގުޅާލުމަށް މައިގަނޑު އެއް އިންފްރާސްޓްރަކްޗާ ގާއިމު ކުރާނެއެވެ. އެ ނެޓްވޯކްގެ ސަބަބަބުން މިހާރު މުއާސަލާތީ އެކި ހިދުމަތްތައް ދެމުންދާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޗްޑީސީ އިން ބުންޏެއެވެ.

އެޗްޑީސީ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހުޅުމާލެއަކީ ޒަމާނީ ވަސީލަތްތަކާއި އެކު ދިރިއުޅެން ފަސޭހަ އަވަށަކަށް ހެދުން ކަމަށެވެ.

comment ކޮމެންޓް