ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ނުވަވަނަ ދިވެހި ފިލްމު އެވޯޑްސް ހަފްލާގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނު ފިލްމު ވިޝްކާގެ ޓީމު -- ފޮޓޯ/ ރައީސް އޮފީސް

ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސާކް ކަލްޗަރަލް ސެންޓަރުން އިންތިޒާމް ކުރާ މި ފެސްޓިވަލް ކުރިއަށްދާނީ އަންނަ މެއި މަހުގެ ހަތަރަކުން ނުވަޔަކަށް އަވަށްޓެރި ސްރިލަންކާގަ އެވެ.

ނެޝެނަލް ސެންޓާ ފޯ އާޓްސް (އެންސީއޭ) އިން ބުނީ އެ ފިލްމު ފެސްޓިވަލްގައި ދެ ކުރު ފިލްމާއި އަދި ފީޗަރ ފިލްމު، ވެބް ބޭސްޑް ފިލްމެއްގެ އިތުރުން މާސްޓަރ ފިލްމެއް ބައިވެރިކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

އެ ފެސްޓިވަލްގައި ބައިވެރިކުރާ ފިލްމުތަކުގެ ޑައިރެކްޓަރުންނާއި އެހެނިހެން އާޓިސްޓުންގެ ތެރެއިން ގިނަވެގެން 04 ފަރާތަކުން ބައިވެރިވެވޭނެ ކަމަށާއި ފްލައިޓް ޓިކެޓް ފިޔަވާ އެ ބޭފުޅުން ލަންކާގައި ތިބުމާއި އަދި އެ ގައުމުގައި ދަތުރުފަތުރު ކުރުމުގެ ހުރިހާ ހަަރަދެއް އެ ފެސްޓިވަލް އިންތިޒާމްކުރާ ފާރާތްތަކުން ހަމަޖައްސައިދޭނެ ކަމަށްވެސް އެންސީއޭއިން ބުންޏެވެ.

އެންސީއޭއިން ބުނީ އެ ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާނެ ކަމަށެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ފިލްމުތައް ސާކް ފިލްމު ފެސްޓިވަލްގައި ވަނީ ބައިވެރިކޮށްފައެވެ. އަދި އޭގެތެރެއިން އެ ފިލްމު ފެސްޓިވަލް ގައި ބައިވެރިކުރި ދިވެހި ފިލްމު "އިނގިލި" ވަނީ ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ. އަދި ބަތަލާ އާއިޝަތު ރިޝްމީ އަށް ވަނީ ސާކް ސަރަހައްދުގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ފިލްމު "ވިޝްކާ" އިން ހޯދާފަ އެވެ.

comment ކޮމެންޓް