ރޯދައަށް މާލޭގައި ހުރި އާސާރީ ތަންތަނަށް ވެލި ލަނީ

ކަޅުވަކަރު މިސްކިތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދައަށް މާލެގައި ހުރި އާސާރީ ތަންތަނަށާއި އާސާރީ މިސްކިތްތަކަށް ވެލިލާން ނިންމައިފިއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ކުރި އިއުލާނެއްގައި، އެ މަރުކަޒުން ބަލަހައްޓަމުން ގެންދާ މެދު ޒިޔާރަތް، ބޮޑުތަކުރުފާނު ޒިޔާރަތް، އަލިރަސްގެފާނު ޒިޔާރަތް، ކަޅުވަކަރު މިސްކިތް އަދި މާލޭ ހުކުރު މިސްކިތު ގޯތިތެރެއަށް ހަ އިންޗި ބޯމިނުގައި ވެލި ލައިދިނުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ވަނީ އިއުލާނު ކޮށްފައެވެ.

އެގޮތުން ހުކުރު މިސްކިތުގެ 7358.6 އަކަފޫޓުގެ ސަރަހައްދަށް ކަށިވެލި ލާއިރު ކަޅުވަކަރު މިސްކިތުގެ 6784.1 އަކަފޫޓުގެ ސަރަހައްދަށް ކަށިވެލި ލާން ނިންމާފައިވެއެވެ.

މީގެ އިތުރުން ބޮޑުތަކުރުފާނު ޒިޔާރަތުގެ 148.26 އަކަފޫޓުގެ ސަރަހައްދަކަށް ހިމުން ދޮންވެލި ލާން ނިންމާފައިވާއިރު 1768.30 އަކަފޫޓުގެ ސަރަހައްދަކަށް ލާން ނިންމާފައިވަނީ ކަށިވެއްޔެވެ.

އަލި ރަސްގެފާނު ޒިޔާރަތުގެ 346.1 އަކަފޫޓުގެ ސަރަހައްދަކަށް ހިމުންދޮންވެލި އަދި 4310.7 އަކަފޫޓުގެ ސަރަހައްދަކަށް ކަށިވެލި ލާން ނިންމާފައިވާއިރު މެދު ޒިޔާރަތުގެ 346.1 އަކަފޫޓުގެ ސަރަހައްދަކަށް ހިމުން ދޮންވެލި އަދި 4310.7 އަކަފޫޓުގެ ސަރަހައްދަކަށް ކަށިވެލި ލާން ވަނީ ނިންމައިފައެވެ.

މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މާޗު ހަތަރުވަަ ދުވަހުގެ ކުރިން ބީލަމުގައި ރެޖިސްޓްރީ ވާން ޖެހެއެވެ.

ބީލަން ހުށަހެޅުން އޮންނާނީ 11 މާޗު ވާ ބުރާސްފަތި ދުވަހު ކަމަށާއި ރަޖިސްޓްރީކުރަން ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައި ނުގަންނާނެ ކަމަށް އިއުލާނުގައި ވެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް ފުރުސަތު އޮންނާނެ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުންޏެވެ.

ރޯދަ އާއި ދިމާކޮށް މަގު ތަކަށާއި ގެއާއި ގޯތި ތެރެ އަދި މިސްކިތްތަކުގެ ގޯތި ތެރެއަށް ދޮންވެލި ލައި ރީތި ކުރުމަކީ ކުރީ ޒަމާނުގައި ރާއްޖޭގައި ކުރަމުން ގޮސްފައިވާ ކަމެކެވެ.

comment ކޮމެންޓް