މިޔަންމާއިން ސޫޗީއާ ދެކޮޅަށް އިތުރު ދައުވާތަކެއްކޮށްފި

މިޔަންމާގެ ކުރީގެ ލީޑަރު އަންގް ސަން ސޫޗީއާ ދެކޮޅަށް އިތުރު ދައުވާތަކެއް ވަނީ ކޮށްފަ -- ފޮޓޯ: އީޕީއޭ

ނޭޕިޑޯ (މާޗް 1): މިޔަންމާގެ ވެރިރަށް ނޭޕިޑޯގެ ކޯޓެއްގައި މިއަދު އޮތް އަޑުއެހުމެއްގައި އެގައުމުގެ ކުރީގެ ލީޑަރު އަންގް ސަން ސޫޗީ ވީޑިއޯ މެދުވެރިކޮށް ބައިވެރިކޮށް، އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލައިފި އެވެ.

ސޫޗީގެ ވަކީލުންގެ ޓީމުން ބުނި ގޮތުގައި ވީޑިއޯއިން ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށް ބެލެވެ. އަދި ވަކީލުންނާ ބައްދަލު ކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން މިދިޔަ މަހުގެ އެކެއްގައި ބަޣާވާތް ކުރީ ސޫޗީ ގޭބަންދުގައި ބެހެއްޓުމަށް ފަހު އެވެ. އަދި އޭގެ ފަހުން އޭނާގެ ވަކީލުންނަށް އޭނާ ފެނުނީ މިއަދު ފުރަތަމަ ފަހަރަށެވެ.

މީގެ ކުރިން ސޫޗީގެ މައްޗަށް ވަނީ މިޔަންމާއަށް ގަވާއިދާ ހިލާފަށް ވޯކީޓޯކީތަކެއް އެތެރެ ކުރުމުގެ ދައުވާ އާއި ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް ކެމްޕޭން ކުރެއްވުމުގެ ދައުވާކޮށްފަ އެވެ. އޭގެ އިތުރުން މިއަދު ސޫޗީގެ މައްޗަށް ވަނީ ބިރުވެރިކަން ފެތުރޭ ފަދަ މައުލޫމާތު އާއްމު ކުރުމާއި ޓެލްކޮމިއުނިކޭޝަން ގާނޫނަކާ ގުޅުން ހުރި ދައުވާއެއްވެސް ކޮށްފަ އެވެ.

ސޫޗީގެ މައްޗަށް ފުރަތަމަ ކުރި ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާ ގިނަވެގެން ތިން އަހަރަށް ޖަލަށް ލެވޭނެ އެވެ. ނަމަވެސް އާ ދައުވާތަކުގެ އަދަބަކީ ކޮބައިކަން އަދި ކަށަވަރު ނުވާ ކަމަށް ބީބީސީން ރިޕޯޓު ކުރި އެވެ.

އެ މައްސަލައިގެ އަޑު އެހުމެއް ދެން ބާއްވާނީ މި މަހުގެ 15އިގަ އެވެ.

ސޫޗީގެ އަޑު އެހުން ކޯޓުގައި ކުރިއަށް ދިޔަ އިރު މިޔަންމާގެ ރަައްޔިތުން ދިޔައީ ގައުމުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކޮށް، އޭނާ ދޫކޮށްލުމަށް ގޮވާލަމުންނެވެ. މިއަދު އެ އެއްވުންތައް ބާއްވަމުން ދަނީ، އިއްޔެގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބަޑި ޖެހުމުން 18 މީހަކު މަރުވެފައިވާ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާއިން ބުނި ފަހުންނެވެ.

މިޔަންމާގެ އަސްކަރީ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލާ ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގައި މީގެ ކުރިން ތިން މީހަކު މަރުވެފައިވެ އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތް ކުރީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. އަދި އަސްކަރިއްޔާއިން ވަނީ އެއް އަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އާ އިންތިހާބެއް ބާއްވާ، އެ ވޯޓު ކާމިޔާބު ކުރާ ބަޔަކާ ވެރިކަން ހަވާލު ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ އިންތިހާބު ބާއްވާނެ އިރެއް އަދި އިއުލާންކޮށްފައި ނުވެ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ އަށެއްގައި މިޔަންމާގައި ބޭއްވި އިންތިހާބުގައި އެގައުމުގެ ޕާލިމެންޓުގެ 476 ގޮނޑިއަށް މެމްބަރުން ހޮވި އިރު އޭގެ ތެރެއިން 396 ގޮނޑި ކާމިޔާބު ކުރީ ސޫޗީގެ ޕާޓީންނެވެ. އަދި އަސްކަރިއްޔާއިން ތާއިދު ކުރާ ޕާޓީއަށް ލިބުނީ އެންމެ 33 ގޮނޑި އެވެ.

ސޫޗީ އަކީ މިޔަންމާގައި 49 އަހަރުވަންދެން އޮތް އަސްކަރީ ވެރިކަމުގައި، 1989 އާއި 2010އަކާ ދޭތެރޭ 15 އަހަރު ގޭބަންދުގައި ހޭދަ ކުރެއްވި ބޭފުޅެކެވެ. އަދި ޑިމޮކްރަސީ ހަރަކާތުގެ ނަމޫނާއެއްގެ ގޮތުގައި މިޔަންމާގެ ރައްޔިތުންގެ މެދުގައި އޭނާ އަދިވެސް މަގުބޫލު ނަމަވެސް އެގައުމުގެ ރޮހިންގާ މުސްލިމުންނާ މެދު އަމަލު ކުރާ އަނިޔާވެރި ގޮތުގެ ސަބަބުން ބޭރު ގައުމުތަކުގައި ސޫޗީއަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި އެ މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި އޭނާ އަސްކަރިއްޔާ ދިފާއު ކުރައްވާފައި ވާތީ ސޫޗީއަށް ގިނަ ބަޔެއްގެ ނުރުހުންވެސް އަމާޒުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް