އަންނަ އަހަރު ރަށްރަށުގެ ބޯހިޔާވަހިކަމަށް ހާއްސަ އިސްކަމެއް ދޭނަން: ރައީސް

ރައީސް ސޯލިހް ރަށްވެހިފަތިސް ކެމްޕެއިން ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ ---

އަންނަ އަހަރު ރަށްރަށުގެ ބޯހިޔާވަހިކަމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީން އޮންލައިންކޮށް ބޭއްވި ރަށްވެހިފަތިސް ކެމްޕެއިންގައި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ޕްލޭންތަކެއް ހަދަމުންދާ ކަމަށާއި ވަރަށް އަވަހަށް އެކަންކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

"ވަރަށް ރަނގަޅު ޕްލޭނެއް އެބައޮތް. ވެފައިވާ ވައުދާ އެއްގޮތަށް މާލޭގައިވެސް އަތޮޅު ތެރޭގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ދާނެ. އަޅުގނޑުމެންގެ އަމާޒަކީ އަންނަ އަހަރަކީ އަތޮޅުތެރޭ ބޯހިޔާވަހިކަމަށް ވަރަށް ބޮޑު ފޯކަސްއެއް ދީގެން ކަންތައްތަކެއް ހިންގާނެ އަހަރެއް،" ރައީސް ވިދާޅުވި އެވެ.

"އޭގެ މަސައްކަތް ފެށޭނެ މިއަހަރު މެދުތެރޭ. އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ އަހަރު ވަރަށް ބޮޑަށް ފެންނާނެ،"

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، އަތޮޅުތެރެއަށް 1.5 ބިލިއަން ރުފިޔާގެ ބޯހިޔާވަހިކަމަށް މަޝްރޫއު ހިންގުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"ފިނޭންސް މިނިސްޓަރާއެކު ވާހަކަތަކެއް ދެކެވުމުން މިހާރު ދަނީ. ދެކެވެމުންދާ ވާހަކަ އަކީ، 2022 ވަނަ އަހަރު އަތޮޅުތެރެއަށް 1.5 ބިލިއަން ރުފިޔާގެ ހައުސިން ޕްރޮގްރާމެއް ހިންގުމަށް،" އަސްލަމް ވިދާޅުވި އެވެ.

comment ކޮމެންޓް