މަލީހު ވަކިކުރުމާ ގާސިމް ސީދާ ދެކޮޅު، ވިދާޅުވީ އަސާސެއް ނެތްކަމަށް

ގާސިމް އިބްރާހިމް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސައިންސް އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލު މަޖިލީހުން ވަކިކުރުމަށް މަސައްކަތް ކުރަނީ އެއްވެސް އަސާސެއް ނެތި ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށް އޭނާ ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާޙިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ އިސް މެމްބަރަކު ގާސިމްއާ ހަވާލާދީ "ސަން"އަށް ވިދާޅުވީ ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން މިއީ މުޅި ދުނިޔެ ހުއްޓިފައިވާ ވަގުތެއް ކަމަށާއި އިންޓަނެޓް އަގު ހެޔޮ ނުކުރިއޭ ކިޔައި، މަލީހް ވަކިކުރަނީ އެއްވެސް އަސާސެއް ނެތި ކަމަށެވެ. އޭނާ ވިދާޅުވީ، މަލީހު މަގާމުން ވަކިކުރުމާ ގާސިމް ދެކޮޅު ކަމަަށެވެ.

"ވުޒާރާއަކީ އާ ވުޒާރާއެއް. ވުޒާރާ ހިންގަމަށް ބޭނުންވާ ވަސީލަތްތަކާއި މީހުން ފޯރުނުކޮށްދޭކަން ގާސިމް ވިދާޅުވޭ. އެމަނިކުފާނު ވިދާޅުވަނީ، މުޅި ދުނިޔެ ހުއްްޓިފައި އޮތް ވަގުތެއްގައި ނެތް ފައިސާއަކުން ކަން ނުވިއޭ ކިޔައި، އެގޮތަށް މަލީހް މަގާމުން ވަކިކުރުމަކީ ބަލައިނުގަނެވޭނެ ކަމެއް ކަމަށް،" ގާސިމްގެ އަރިސް ބޭފުޅެއް ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއަކީ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެއް ކަމަށެވެ. އޭނާ ވިދާޅުވީ، ކޯލިޝަންގެ މިނިސްޓަރަކު މަސްއޫލިއްޔަތު އަދާނުކުރާނަމަ އެކަން އެ ޕާޓީއަކަށް އެންގުމަށް ކޯލިޝަންގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"މިހާތަނަށް މަލީހާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް މި ޕާޓީއަށްވެސް ޕާޓީގެ ލީޑަރަށްވެސް އައިސްފައި ނުވޭ،" އޭނާ ވިދާޅުވި އެވެ.

ސާދަ މެމްބަރުންގެ ސޮޔާއެކު މަލީހު މަގާމުން ވަކިކުރުމަަށް ހުށަހެޅީ، އެމްޑީޕީ ޕާލިމަންޓްރީ ގުރޫޕު(ޕީޖީ)ގެ ލީޑަރު، އަލީ އާޒިމް އެވެ. ގާސިމް ވަކިކުރުމަށް އެޕާޓީން ވަނީ އިއްޔެ ތްރީލައިން ވިޕެއް ނެރުމަށް ޕީޖީން ނިންމައިފަ އެވެ.

މިއަދު މަޖިލިސް ޖަލްސާގައި ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި މަލީހު ވިދާޅުވީ، އޭނާ މަގާމުން ވަކިކުރަން އުޅެނީ ބަރުލަމާނީ ނިޒާމާ ދެކޮޅަށް މީގެ ކުރިން ވާހަކަ ދައްކާފައިވާތީ ކަމަށެވެ.

"އަޅުގަނޑުގެ ވަޒީފާއަށް ވުރެ މިގައުމު މާ ބޮޑު. ގާނޫނުއަސާސީން ލިބޭ ހައްގުތައް ކަށަވަރުވާން އޮތީ ވަޒީފާ ގުރުބާންކޮށްގެން ކަމަށް ވާނަމަ، ހޭވައްލާ މި ހުރީ ތައްޔާރަށް،" މަލީހު ވިދާޅުވި އެވެ.

މަލީހު މަގާމުން ވަކިކުރަން ހުށަހެޅި މައްސަލައިގައި އެ މިނިސްޓްރީން ހަދަން ޖެހޭ ގަވައިދުތައް ހަދާފައި ނުވާކަމަށް ބުނެ އެވެ. މަލީހު ވިދާޅުވީ އެ މިނިސްޓްރީން ނުހަދާ ކަމަށް މައްސަލައިގައި ބުނެފައިވާ ހުރިހާ ގަވާއިދެއް ހަދާ ނިންމާފައިވާ ކަމަށެވެ. އަދި އެއީ މަލީހުގެ ކުރިން އެ މަގާމުގައި ތިއްބެވި ތިން މިނިސްޓަރުންނަށް ނުކުރެވުނު މަސައްކަތެއް ކަމަށެވެ.

މިއަދުގެ ޖަލްސާއަށް ޖުމްހޫރީ ޕާޓީގެ ގިނަ މެމްބަރުން ހާޒިރެއް ނުވެ އެވެ. އޭނާގެ ދިފާއުގައި ވާހަކަ ދެއްކެވީ، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. މަލީހް ވަކިކުރުވުމާ ދެކޮޅު ހައްދަވައި ރިޔާޒު ސިފަ ކުރެއްވީ، އެއީ ސިޔާސީ ކަމެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް