މިޔަންމާގެ މުޒާހަރާތައް މައިތިރިކުރަން ޖެހީ ބަޑި، 18 މަރު

މިޔަންމާގެ ފުލުހުން މުޒާހަރާ ތެރެއަށް ބަޑި ޖެހުމުން 18 މީހަކު ވަނީ މަރުވެފަ -- ފޮޓޯ: ގެޓީ

ނޭޕިޑޯ (މާޗް 1): މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް އިއްޔެ ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން ބަޑި ޖެހުމުން 18 މީހަކު މަރުވެއްޖެ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނެފި އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ވިދާޅުވި ގޮތުގައި އިއްޔެ މިޔަންމާގައި ސުލްހަވެރިކޮށް މުޒާހަރާ ކުރަމުން ދިޔަ މީހުންނާ ދެކޮޅަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. އަދި އޭގެ ސަބަބުން 18 މީހަކު މަރުވެ، 30 މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު އެ އޮފީހަށް ވަނީ ލިބިފަ އެވެ.

"މިޔަންމާގައި ޑިމޮކްރަސީ ގާއިމު ކުރުމަށް ގޮވާލާ، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގު އެގައުމުގެ ރައްޔިތުންނަށް ލިބިގެންވޭ. އަދި ސުލްހަވެރި މުޒާހަރާތަކާ ދެކޮޅަށް، ފުރާނައަށް ނުރައްކާވާ ފަދަ ބާރުގެ ބޭނުން ކުރުމަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދަށުން އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން،" ޝަމްދަސާނީ ވިދާޅުވި އެވެ.

މިޔަންމާގައި މުޒާހަރާ ކުރާ މީހުން ދަނީ މި މަހުގެ އެކެއްގައި ހައްޔަރު ކުރި އަންގް ސަން ސޫޗީ ދޫކޮށްލުމަށް ގޮވާލަމުން -- ފޮޓޯ: އީޕީއޭ

ރިޕޯޓުތަކުގައިވާ ގޮތުން މިޔަންމާގެ ފުލުހުން ބަޑި ޖެހީ ޔަންގޮން، ޑަވެއި އަދި މަންޑަލޭގައި ބޭއްވި މުޒާހަރާތަކުގެ ތެރެއަށެވެ. އަދި ފުލުހުން ވަނީ ކަރުނަ ގޭސް ޖަހާ، ސްޓަން ގްރެނޭޑުވެސް ބޭނުންކޮށްފަ އެވެ.

އެއީ މިދިޔަ މަހުގެ އެކެއްގައި މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތް ކުރި ފަހުން އެގައުމުގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ދުވަހެވެ. މީގެ ކުރިން އެ މުޒާހަރާތަކުގައި ތިން މީހަކު މަރުވެފައިވެ އެވެ.

އެ މުޒާހަރާތަކުގައި ބައިވެރިވާ މީހުން ދަނީ އަސްކަރީ ވެރިކަން ނިންމާލުމަށާއި މިހާރު ހައްޔަރުކޮށްފައިވާ ކުރީގެ ލީޑަރު އަންގް ސަން ސޫޗީ ދޫކޮށްލުމަށް ގޮވާލަމުންނެވެ.

މިޔަންމާގެ ސިޔާސީ ހައްޔަރީންނަށް އެހީ ފޯރުކޮށްދޭ ދަ އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނާސްއިން ލަފާ ކުރާ ގޮތުގައި އެގައުމުގައި ބާއްވާ ސިލްސިލާ މުޒާހަރާތަކުން ފުލުުހުން މިހާތަނަށް 850 މީހަކު ހައްޔަރުކޮށްފައިވެ އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތް ކުރީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. އަދި އަސްކަރިއްޔާއިން ވަނީ އެއް އަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އާ އިންތިހާބެއް ބާއްވާ، އެ ވޯޓު ކާމިޔާބު ކުރާ ބަޔަކާ ވެރިކަން ހަވާލު ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ އިންތިހާބު ބާއްވާނެ އިރެއް އަދި އިއުލާންކޮށްފައި ނުވެ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ އަށެއްގައި މިޔަންމާގައި ބޭއްވި އިންތިހާބުގައި އެގައުމުގެ ޕާލިމެންޓުގެ 476 ގޮނޑިއަށް މެމްބަރުން ހޮވި އިރު އޭގެ ތެރެއިން 396 ގޮނޑި ކާމިޔާބު ކުރީ ސޫޗީގެ ޕާޓީންނެވެ. އަދި އަސްކަރިއްޔާއިން ތާއިދު ކުރާ ޕާޓީއަށް ލިބުނީ އެންމެ 33 ގޮނޑި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް