މިއަދުގެ ކޭސްތައް 200އާ ގާތްކޮށްފި، މާލޭ ސިޓީން 178

ޖޫން 8، 2020: ނިއު ނޯމަލް އާއި އެކު މާލޭގެ މަޖީދީމަގު ބާރު ބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން ކޮވިޑް19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 200އާ ގާތްކޮށްފި އެވެ. އޭގެ ތެރެއިން މާލެ ސިޓީން ވަނީ 178 މީހަކު ޕޮޒިޓިވްވެފަ އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި ކޮވިޑް ތަފާސް ހިސާބުތައް ދައްކާގޮތުން، ވޭތުވެދިޔަ 24 ގަޑިއިރު ނެގި 5،142 ސާމްޕަލް ތެެރެއިން މިއަދު 196 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު، 80 ކޭސްގެ އިތުރުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 118 އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި، ރިސޯޓުތަކުން 12 މީހަކު އަދި ސަފާރީތަކުން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރަށްތަކުން ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 19،793 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 117 އެވެ. އެއާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 17،249 އެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 2،475 އެވެ. އޭގެ ތެރެއިން 179 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 62 އެވެ. އޭގެ ތެރޭގައި ދަރުމަވަންތައިގެ ޑީއެޗް-11ގައި ފަރުވާ ދެމުންދަނިކޮށް މިއަދު މަރުވި އުމުރުން 62 އަހަރުގެ ދިވެހި ފިރިހެން މީހާ ހިމެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް