މާދަމާ 20 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން ފަށަނީ

މާލޭގައި ވެކްސިން ޖެހުން: މާދަމާއިން ފެށިންގެ 20 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީގެ ވެކްސިން ސެންޓަރުތަކުން މާދަމާ 20 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

މީގެ ކުރިން ވެކްސިން ދެމުން އައީ 25 އަހަރުން މަތީގެ މީހުންނަށެވެ.

އެޗްޕީއޭ އިން މިރޭ ބުނީ މާލެ ސަރަހައްދުގައި ދިރިއުޅޭ 20 އަހަރުން މަތީގެ އެންމެންނަށް މާދަމާއިން ފެށިގެން ވެކްސިން ޖަހައިދޭނެ ކަމަށެވެ.

ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން ހަވީރު 4:30 އަށް ވެކްސިން ޖެހޭނެ އެވެ. އެކަމަށްޓަކައި ހަ ވެކްސިނޭޝަން ސެންޓަރެއް މާލޭ ސަރަހައްދުގައި ވަނީ ގާއިމްކޮށްފަ އެވެ.

ވެކްސިން ސެންޓަރުތައް (މާލެ ސަރަހައްދު):

  • ސޯޝަލް ސެންޓަރު
  • އިސްލާމީ މަރުކަޒު
  • ވިލިމާލެ ޒުވާނުންގެ މަރުކަޒު
  • ހުޅުމާލޭ ކުރީގެ ފްލޫ ކުލިނިކް
  • ރައްޔިތުންގެ މަޖިލިސް
  • ޓްރީޓޮފް ހޮސްޕިޓަލް

މިއިއްޔެއާ ހަމައަށް އެއްލަކަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އޭގެ ތެރެއިން މާލެ ސިޓީން 72،872 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އަތޮޅުތަކުން ވެކްސިން ޖަހާފައިވަނީ 32،620 މީހުންނެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖޭގައި ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހު އެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ. ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިން އެވެ.

comment ކޮމެންޓް