ކްލޮޕްގެ ބަދަލުގައި ލިވަޕޫލުގެ ކޯޗަކަށް ޖެރާޑް ގެންނަނީ؟

ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް އަދި ރޭންޖާސްގެ ކޯޗުކަން ކުރަމުން އަންނަ ޖެރާޑް ---

ލިވަޕޫލުގެ ކޯޗުގެ މަގާމުގައި ހުރި ޔާގެން ކްލޮޕް ޓީމު ދޫކޮށްލަން އުޅޭ ކަމުގެ ވާހަކަތަކާ އެކު އެކުލަބަށް ކުރިން ކުޅުނު ސްޓީވެން ޖެރާޑް އެ މަގާމަށް ގެނައުމަށް ކުލަބުން ވާހަކަ ދައްކަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.

ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާއެއް ނެރެވިފައި ނުވާ އިރު، އެންމެ ފަހުން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ލިބުނު ބައްޔަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ވަނީ އެ ޓީމަށް ލީގު ތަށި ދިފާއުނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އެ ވާހަކަތަކާ އެކު އިނގިރޭސި މީޑިއާގައި އަޑުފެތުރުނީ ކްލޮޕް ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އެކަމަކު އޭނާ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ކްލޮޕް އޭރު ބުނީ، ޓީމު ދޫކޮށްލަން އަދި ނުވިސްނާ ކަމަށާއި، މިކަމަކީ އޭނާ ނަގައި އުނދަގޫ ޗެލެންޖެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓައިގެން ކުރިއަށްދާނެ ކަމަށާއި، ބޮލުގައި ނުރަ ހުއްޓަސް ކުރިމަތިލައިގެން ހުރީ ހިތްވަރާ އެކު ކަމަށެވެ.

ނަމަވެސް ކުރިއަށް އޮތް ޔޫރޯ މުބާރާތަށްފަހު ޖަރުމަނުގެ ގައުމީ ޓީމާއި ހަވާލުވާން ކްލޮޕް ދާނޭ ކަމަށް ބައެއް ޖަރުމަނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ބްރެޒިލުގައި 2014 ވަނަ އަހަރު އޮތް ވޯލްޑަކަޕް ކާމިޔާބު ކުރުމަށްފަހު ޖަރުމަނަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވި ފަނުފުލުން ގޮސްފައިވާ އިރު، އެ ޓީމުގެ ކޯޗަކަށް ހުރި ޖޯޝިމް ލޯ ގެ މަގާމާއި މެދު ސުވާލު އުފެދިފައި އޮންނަތާ ވަނީ ދުވަސްތަކެއް ވެފަ އެވެ.

ދިގު 30 އަހަރުގެ އިންތިޒާރަކަށްފަހު ލިވަޕޫލަށް މިދިޔަ ސީޒަނުގައި އިނގިރޭސި ލީގު ހޯދައިދިން ކްލޮޕް އެކުލަބު ދޫކޮށްލަފާނެ ހާލަތަކަށް ބަލައި، އެކުލަބަށް ކުރިން 700 އެއްހާ މެޗު ކުޅެދިން ޖެރާޑް މަގާމަށް ގެނައުމަށް ކުލަބުން މިހާރު މަޝްވަރާ ފަށާފައިވާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. ސްކޮޓްލޭންޑުގެ ރޭންޖާސްއަށް ކޯޗުކަން ކޮށްދެމުން އަންނަ ޖެރާޑް އެކުލަބާ އެކު ކާމިޔާބު ސީޒަނެއް ހޭދަކުރަމުން އަންނަ އިރު، ކޮންމެވެސް ދުވަހަކުން ލިވަޕޫލަށް އެނބުރި ދާން ބޭނުންވާކަން އޭނާ ވަނީ މީގެ ކުރިން ހާމަ ކޮށްފަ އެވެ.

ލިވަޕޫލް މިވަގުތު ލީގުގެ ހަވަނައިގައި އޮތީ ކުޅުނު ކުޅުނު 25 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް މިހާރު އެ ޓީމުން ޓާގެޓު ޖަހާފައިވާ އިރު، ލީގުގެ ގަދަ ހަތަރެއްގެ ވާދަވެރިކަން އޮތީ ބޮޑުވެފަ އެވެ.

comment ކޮމެންޓް