އެމްއީއެސްގެ އިމާރާތް މަންދު ކޮލެޖާ ހަވާލު ކުރި އެއްބަސްވުން ބާތިލްކޮށް އެތަން އެ ކޮލެޖުގެ އަތުން އަތުލީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުންވެސް ހުކުމްކޮށްފި އެވެ.
މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑާއެކު އެޑިއުކޭޝަން މިނިސްޓްރީއިން 10 އަހަރު ދުވަހުގެ އެއްބަސްވުމެއް ހެދީ 28 ޑިސެމްބަރު، 2008 ގަ އެވެ. އެތަން މާލޭ ހައިއަށް ދިނީ އިންޓަނޭޝަނަލް ސުކޫލެއް ހިންގާށެވެ. ނަމަވެސް، އެއްބަސްވުމުގައިވާ ގޮތަށް ސްކޫލު ނުހިންގާ ކަމަށް ބުނެ ޖެނުއަރީ 25، 2015 ގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.
އެ މައްސަލަ މާލޭ ހައި ކުންފުނިން ސެޕްޓެމްބަރު 20، 2016 ގައި ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެދުނީ ގެއްލުމުގެ ބަދަލާއި ވަކީލު ފީ ނަގައިދިނުމަށެވެ. ނަމަވެސް، އޮގަސްޓް 29، 2017 ގައި ސިވިލް ކޯޓުން ހުކުމް ކުރީ މާލޭ ހައިއަށް ގެއްލުމުގެ ބަދަލާއި ވަކީލު ފީ ނަގައިދެވޭނެ ތަނެއް ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމާފައި ވަނީ، އެއްބަސްވުން އުވާލާފައި ވަނީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ދައުލަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު މާލޭ ހައި ކުންފުންޏަށް ލިބިގެންވާ ކަމަށް ނިންމާފައިވެ އެވެ. އެކަމަކު ގާނޫނީ ވަކީލުންގެ ފީއަށް ހަރަދުވި 53،000 ރުފިޔާ ނަގައިނުދެވޭނެ ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ.
ދައުލަތުން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، މިއަދު ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ، ހައިކޯޓުގެ ނިންމުން ނިންމާފައި ވަނީ ރަނގަޅަށް ކަމަށާއި އެ ހުކުމަށް ބަދަލު ގެންނަން ޖެހޭނެ ތަނެއް ނެތް ކަމަށެވެ. އެއްބަސްވުމާ މާލޭ ހައިއިން ހިލާފުވިކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށްވެސް ހުކުމުގައި ބުނެފައިވެ އެވެ.
އެއްބަސްވުން ބާތިލު ކުރީ ސްކޫލު ނުހިންގައިގެން ކަމަށްވާއިރު، އެޑިއުކޭޝަނުން މާލޭ ހައިއަށް ކިޔައިވައިދޭ ތަންތަނުގެ ރެޖިސްޓްރީ ދޫކޮށްފައިވާކަން ހުކުމުގައި ފާހަގަ ކުރި އެވެ. އެ ލިޔުމަކީ އޭގެ މައްޗަށް ޝަރީއަތުން ކަމެއް ސާބިތު ކުރަން ބުރަވޭނެ އެއްޗެއް ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައި ބުނެފައި ވަނީ އެޑިއުކޭޝަނުން ސްކޫލު ހިންގަން ހުއްދަތައް ދޭން ޖެހޭއިރު، އެއްބަސްވުން ބާތިލު ކުރީ ހުއްދަތައް އެޑިއުކޭޝަނުން ނުދީ ތިބެ ކަމަށްވެސް ހުކުމުގައި ފާހަގަ ކުރި އެވެ.
ލީސް އެގްރީމަންޓުގައިވާ ގޮތަށް އިންޓަނޭޝަނަލް ސްކޫލެއް ނުހިންގާ ކަމަށް ބުނެ އެއްބަސްވުން ބާތިލު ކުރެވޭ ހާލަތެއްގައި ދައުލަތެއް އެކަމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައި ހުންނަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. ނަމަވެސް، ދައުލަތުން އެއްބަސްވުން ބާތިލު ކުރީ ސްކޫލު ހަދަން ހަވާލު ކުރިތާ ހަ އަހަރު ފަހުން ކަމަށްވާއިރު، ސްކޫލެއް ނުހިންގައިގެން އެ މުއްދަތުގައި ދައުލަތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން، ދައުލަތަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް ހުކުމުގައިވެ އެވެ.
އެ ދުވަސްވަރު އަރަބިއްޔާ ސްކޫލު ހިންގަމުންދިޔަ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމާ ގުޅިގެން، އެ ސްކޫލު ހިންގާނެ ތަނެއް ނެތިގެން އެމްއީއެސްގެ އިމާރާތް އިމާރާތުގައި މަންދު ކޮލެޖުން އޭ ލެވެލް ސްކޫލެއް ފެށުމަށް އޮތް ޖާގަ އަރަބިއްޔާ ހިންގުމަށް އޭޕްރީލް 6، 2009 ގައި ދޭން އެއްބަސްވެފައިވެ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އަރަބިއްޔާއިން އިމާރާތް ބޭނުން ކުރާ މުއްދަތު ލީސް އެއްބަސްވުމަށް އިތުރުވާނެ އެވެ.
އިންޓަނޭޝަނަލް ސްކޫލެއް ހިންގަން އެންމެ ފަހި ނޫން ގޮތަކަށް އެކުލަވާލި އެ އެއްބަސްވުމުގައި، އަރަބިއްޔާ ހިންގުމަށް އެ އިމާރާތް ބޭނުން ކުރާ މުއްދަތު، އެ އިމާރާތުގެ ލީސް އެގްރީމަންޓަށް އިތުރުވާނެ ކަމަށްވެސް ބުނެފައިވާއިރު، ލީސް އެގްރީމަންޓު އެޑިއުކޭޝަނުން ބާތިލު ކުރީ، ހެޔޮ ނިޔަތެއްގައި ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ހުކުމުގައިވެ އެވެ.
"ކަން މިހެން އޮތް އިރު 14 ދުވަހުގެ ނޯޓިސްއެއް ދީ އެޑިއުކޭޝަންގެ އަމިއްލަ އިސްނެގުމަށް ލީސް އެގްރީމަންޓު ބާތިލު ކުރުމުގައި ދައުލަތުގެ ހެޔޮ ނިޔަތް އޮތް ކަމަކަށް އަހުރެންނަކަށް ބުރައެއް ނުވެވޭ،"
މައްސަލަ ބެއްލެވީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން އާއި، ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އާއި ޑރ. މުހައްމަދު އިބްރާހިމް އެވެ. ރިޔާސަތު ބެލެހެއްޓެވީ އުއްތަމަފަނޑިޔާރެވެ.
އެމްއީއެސް އިމާރާތުން މަންދު ކޮލެޖު ބޭރުކުރުމަށް ފަހު އެތަން ބޭނުންކުރީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީއެއްގެ ހިންގާށެވެ. މިހާރު އެ އިމާރާތުގައި ހިންގަނީ މި އަހަރު އަލަށް ފެށި އިއްޒުއްދީން ސްކޫލެވެ.