ފަހު ކުއާޓަރުގައި މަސް އެކްސްޕޯޓު ކުރި މިންވަރު ދެގުނަ އިތުރު

މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރި މިންވަރު އޭގެ ކުރީ އަހަރުގެ އެ މަުއްދަތާ އަޅާބަލާއިރު ދެ ގުނަ އިތުރުވެފައިވާ ކަމަށް ބުނެފިއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ކުއާޓާލީ އިކޮނޮމިކް ބުލެޓިންގައި ބުނީ ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި މަސްވެރިކަމުގެ ދާއިރާ ކުރިއަރަން ފެށި ކަމަށެބެ. އަދި ހަތަރުވަނަ ކުއާޓަރާ ހަމައަށް އައި އިރު، މަސްވެރިކަމުގެ ދާއިރާ އަށް އައި ކުރިއެރުން އިތުރުވެފައިވާ ކަމަށާއި މަސްވެރިންގެ އަތުން މަސް ގަންނަ އަދަދުވެސް އެ ކުއާޓަރުގައި އިތުރުވި ކަމަށެވެ.

އެގޮތން މަސް ޕްރޮސެސް ކުރާ ކުންފުނިތަކުން މަސްވެރިންގެ އަތުން ގަތް މަހުގެ އަދަދު 12 ޕަސެންޓު އިތުރުވިކަމަށާއި 23,807.3 މެޓްރިކް ޓަނުގެ މަސް އެ މުައްދަތުގައި ކުންފުނިތަކުން ގަނެފައިވާކަމަށް ބުނެފައިވެއެވެ.

އެ މުއްދަތުގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރި މަހުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރުވިކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެގޮތުން މިދިޔަ އހަހަރުގެ ފަހު ކުއާޓަރުގައި 27,394.6 މެޓްރިކް ޓަނުގެ މަސް ރާއްޖެއިން ބޭރަށް ވަނީ އެކްސްޕޯޓު ކޮށްފައެވެ.

މިފްކޯ އިން މަސް ގަތުމުގެ ކޮންޓްރޯލު އަގު ދޫކޮށްލުމުން މަހުގެ އަގު މާކެޓުގައި ދަށްވިކަންވެސް އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

comment ކޮމެންޓް