ލާމަރުކަޒީ ނިޒާމަށް ފައްކާވެފައި ތިބި ބަޔަކީ އެމްޑީޕީ ކެންޑިޑޭޓުން: ރައީސް

ރައީސް ސޯލިހު ރަށްވެހި ފަތިސް ކެމްޕޭން އަލުން ފެށުމުގެ ޖަލްސާ ވާހަކަ ދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ބާރުތައް މާލެއަށް މަރުކަޒުވެފައި އޮތް އޮތުން ދޫކޮށް އަތޮޅުތަކަށް ބާރުތައްދީ ލާމަރުކަޒީ ކުރުމަކީ އެމްޑީޕީގެ ޕްރޮޖެކްޓެއް ކަމަށާއި އެ ނިޒާމު ތަސައްވަރު ކުރި ގޮތަށް ހިންގަން ފައްކާވެފައި ތިބީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީއިން ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕޭން އަލުން ފެށުމަށް މިރޭ އޮންލައިންކޮށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒު ނުވެ އޮތުމުން، އަތޮޅުތަކުގައި ތިބި ރައްޔިތުން ތަހަންމަލު ކުރަންޖެހޭ ތަކުލީފުތައް އެމްޑީޕީ އަށް އަބަދުވެސް ވަރަށް ސާފުކަމަށެވެ. އެ މަންޒަރު ލޮލުން ދެކި ތަޖުރިބާ ކުރި ބައެއްގެ ހައިސިއްޔަތުން އެމްޑީޕީއިން އަބަދުވެސް ބޭނުންވީ ރައީސް ވިދާޅުވި ގޮތުގައި ބާރުތައް ހިފަހައްޓައިގެން ނުތިބެ ކޮންމެފަދަ ހުރަހެއް ގިރާކޮށްގެން ނަމަވެސް ރައްޔިތުންނަށް ބާރުތައް ދޫކޮށްލާށެވެ.

"އޮތް ހުރަހެއް ގިރާކޮށް ބާރުތައް އޭގެ ހަގީގީ މާނައިގައި އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮއްލުން. އެއީ އަޅުގަނޑުމެން [އެމްޑީޕީ]އިން މާ ކުރިން ނިޔަތް ގަނެފައިވާ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ބާރުތައް ދޫކޮށްލުމުގެ ކަންކަން މިހާތަނަށް ވެސް ނުވެ ލަސްވެފައި އޮތީ އަތުގައި އޮންނަ ބާރެއް، އިހުތިޔާރެއް ދޫކޮށްލުމަކީ އެއްވެސް ބަޔަކަށް ފަސޭހަކަމަކަށް ނުވާތީ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. އެއަށް ފަހު ރައީސް ވިދާޅުވީ "ހިލޭ ސާބަހަށް"، ހެޔޮ ނިޔަތުގައި އެމަނިކުފާނު އެކަން ނިންމެވީ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ކުރުމުގެ ވާހަކަތައް އެންމެ ފުރަތަމަ މަޖިލީހުގައި އެމްޑީޕީއިން ދައްކަން ފެށުމުން އެކަމުގެ އޮޔެވަރު ހުރީ އެކަމާ ދިމާ އިދިކޮޅަށް ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީއިން ގަބޫލުކުރީ ދިވެހީންގެ ތޮބީއަތަކީ އެ މީހުން ތިބި ރަށަކުން ހިދުމަތް ލިބުން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިނިޒާމް ލާހިކުވެ ފައްކާވުމަށް ޓަކާ، އެންމެ ފުރަތަމަ މިކަމަށް ރުހި ގަބޫލުވެ، ދަސްވެ އަހުލުވެރިވާން ޖެހޭ. އެމްޑީޕީ އަކީ އެމީހުން. ދެން އަންނަން ޖެހެނީ އިންތިހާބު ކުރެވޭ ކައުންސިލްތައް. ކެންޑިޑޭޓުން ތިޔަ ވާދަ ކުރައްވަނީ އެކަމަށް. އިންތިހާބުވާ ކައުންސިލް ތަކަކީ މިނިޒާމްގެ އިދާރީ އިންޖީނު،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ދިވެހީންގެ މައްޗަށް ހިންގާ އަމްރު މައުރޫފުގެ މުރަނަ ވެރިކަން، ދިވެހި ރައްޔިތުންނާ އެކީ އެރައްޔިތުންގެ ބައިވެރިވުމާއެކު ހިންގާ ހެޔޮ ވެރިކަމަކަށް ފުރޮޅާލި ޕާޓީ،"

ލާމަރުކަޒީ ނިޒާމުގެ ސިޔާސަތުތަކާ އެކު ކުރިން ނާންނަ އެތައް ތަރައްގީއެއް އަތޮޅުތަކަށް އައިސްފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އަތޮޅުތަކުގައި ޓާޝަރީ ފަސް ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތާ އެކު އަތޮޅުތަކުގެ ސިއްހީ ނިޒާމު ރަނގަޅުވެ ބޮޑެތި އޮޕަރޭޝަންތައް މިހާރު އަތޮޅު ތެރޭގައި ވެސް އެބަ ކުރެވޭ ކަމަށެވެ. އަދި ކޮވިޑުގެ ތެރޭގައި ވެސް ކޮންމެ ރަށެއްގައި ޓާސްކު ފޯސް ގާއިމްކޮށް ކުރެވުނު މަަސައްކަތުން ކޮވިޑުގެ ހާލަތު މުޅި ރާއްޖޭގައި ގޯސްނުވެ ކޮންޓްރޯލް ކުރެވިފައިވާކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، ސަރަހައްދީ ބަނދަރުތަކަށް ދިރުން ލިބި މުދަލާއި ހިދުމަތް އެއް އަތުން އަނެއް އަތަށް މިހާރު ބަދަލުވަނީ މާލޭގެ ބައިވެރިވުމެއް ނެތި ކަމަށެވެ.

"އެންމެން ތިބީ ކޮވިޑްގެ ދަތިކަމުގެ ތެރޭގައި ވަރަށް ބޮޑައް ތާށިވެފަ. އެހެން ވިޔަސް... ކާމިޔާބު މައިބަދައިގެ އޮޮޕަރޭޝަން އައްޑޫގައި ކުރެވިއްޖެ. ކުޅުދުއްފުށީގައި، ސީޓީ ސްކޭން ގާއިމް ކުރެވިއްޖެ. ކުރިން އޮތް ޝައްކު ވެސް ފިލައި ހިނގައްޖެ . ލާމަރުކަޒުވުން ނޫން ގޮތެއް ނެތިއްޖެ. އެމްޑީޕީގެ އެ ބައްޓަމަށް ފެތިނިމިއްޖެ،" ރަައީސް ސޯލިހު ވިދާޅުވި އެވެ.

ނަމަވެސް އެންމެ ބޮޑު ގޮންޖެހުމަކީ އަސާސީ ހިދުމަތްތައް ވެސް އެންމެ އެކަށީގެންވާ ގޮތުގައި ރަށްރަށުގައި ގާއިމްވެފައި ނެތުން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެންމެ ފުރަތަމަ ލާމަރުކަޒު ވާން ޖެހެނީ ތަރައްގީ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ ވައުދު އެ ދަނީ ބާރު ދުވެލީގައި ފުދެމުން. އެއަށް ފަހު އެކަންކަން ދެމެހެއްޓެނިވި ގޮތުގައި ލާމަރުކަޒުވެ ކައުންސިލް ތަކުން ކުރިއަށް ގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނެސްފައިވާ އާ އިސްލާހުތަކާއެކު މި ފަހަރު ހޮވޭ ކައުންސިލުތަކަކީ އެމްޑީޕީއިން ތަސައްވަރު ކުރަމުން އަންނަ ފަދަ ފުރިހަމަ އަދި ފުރަތަމަ ކައުންސިލުތަކަށް ވެގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމާއި ކައުންސިލުތަކުގެ ދައުރުވެސް މާބޮޑަށް ފުޅާވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކައުންސިލުތަކުގެ އިހްތިސާސްތައް ހިނގާ ސަރަޙައްދުތައް މިހާރު ކަނޑައެޅިފައިވާ ގޮތުން ކައުންސިލުތަކުގެ މިލްކުވެރިން އިތުރުވެ މާލީ ބާރުވެރިކަން ކައުންސިލުތަކަށް ބޮޑުތަނުން ލިބިގެންދާނެ އެވެ. މިއީ އެމްޑީޕީ ދެކުނު އަދި ތަސައްވަރު ކުރި ހުވަފެންކަން ވެސް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.

"އެއް ތަނެއްގައި ކަންކަން މަރުކަޒުވެ ހިފެހެއްޓިފައި އޮތުމަށް ވުރެ ގައުމަށް ލާބައޮތް ގޮތަކީ ލާމަރުކަޒުވުން. އެއީ އެމްޑީޕީގެ ހުވަފެން. އެހުވަފެނުގެ ތައުބީރަކީ ރައްވެހިފަތިހަށް ފައްކާވެފައިވާ އެމްޑީޕީގެ ކެނޑިޑޭޓޫން،" ވާހަކަ ނިންމާލައްވަމުން ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް