އަންދަލުސްގެ ޕްރިންސް 20

ލުދްރީކް އަވަސްވެގަތީ ފްލޮރިންޑާގެ ކޮޓަރިއަށް ވަނުމަށެވެ. އެ ގަނޑުވަރު ތެރެއިން އެއްވެސް މީހެއްގެ ޚަބަރެއްނުވުމުން ހިތުގައި ބިރުވެރިކަން ހިނގާލައިފިއެވެ. ފްލޮރިންޑާގެ ކޮޓަރިއަށް ބޭރުގައި އުފެދުނު ތޫފާން އަރާފައިހެން ހީވިއެވެ. ސާމާނުތައް އެކި ދިމާލަށް އުކާލާފައެވެ. އެންމެންގެ ނަމުން ގޮވާފައި މޮޔައެއްހެން ދެކޮޅަށް ހިނގިއިރު ދިރޭ ފުރާނައެއް ހުރިކަމުގެ އެއްވެސް ޖިލަމެއް ނުވިއެވެ. އޭނަ ދިރިއުޅޭ ބަޔާއި ދިމާލަށް ހިނގައިގަތްއިރު ރުޅީގެ ސަބަބުން މޮޔަވެދާން އުޅެއެވެ. ދަންވަރުގެ ވަގުތު ކަމަށް ވިޔަސް އޭނަ ގަނޑުވަރު ބަލަހައްޓަން އިސްވެ އުޅޭ ހާކިމަށް ގޮވާލިއެވެ. އަދި މި ގަނޑުވަރަށް މިރޭ ވަނީ ކޮން ބަޔެއްކަން އެނގޭތޯ ސުވާލުކުރިއެވެ. އޭނަ ޚާދިމުން ކުރެން އެހުމުން އެންމެންވެސް ބުނީ ފުރަތަމަ ފަންގިފިލާގައި ތިބުމުން އެކަމުގެ އެނގުމެއް ނުވިކަމަށެވެ. އެކަމަކު އެމީހުންނަށް ޔަގީން ވާކަމަކީ ގަނޑުވަރުގެ އެއްވެސް ދޮރެއް ހުޅުވާފައި ނެތްކަމެވެ. ކަޅުފޮއި އަނދިރި ރެއެއްކަމުން އެހެން ވަނަސް އެނގޭނީއެއްވެސް ނޫނެވެ. ވާރެއާއި ތޫފާނީ މޫސުމްގެ ސަބަބުން ތަހުގީގު ކުރަން ދާންވެސް ނުކުޅެދުނެވެ. އެހާ ފިނިކަން ގަދައެވެ.

ފާރަވެރިން ކައިރިން ސުވާލުކުރުމުން އެމީހުންވެސް ބުނީ ތޫފާންގެ ސަބަބުން އެހެން ކަމަކަށް ސަމާލުކަމެއް ނުދެވުނު ކަމަށެވެ.

ދަތުރުކޮށްފާނެ އެހެން މަގެއް ވޭތޯ ބަލަން ތަހުގީގު ކުރަނިކޮށް ކޯރާއި ދިމާލަށް ހުރި ކުޑަދޮރު ނަޒަރުގައި އަޅައިގަތެވެ. އަދި އެ ދިމާލުން ހުރި ގަހުގެ ގޮފިތަކުން ފްލޮރިންޑާގެ ފޭރާމުން ވީދައިގެން ދިޔަ ތަންތަންކޮޅު ފެނުނެވެ.

އޮޕާސް ފްލޮރިންޑާ ފިލައިގެން ދިޔުމުގައި އެހީތެރިވީކަމުގެ ހެއްކެކެވެ.

އެކަމުގެ ސަބަބުން އިސާހިތަކު ލުދްރީކްގެ ރުޅިވެރިކަމުގެ ތޫފާން މުޅި ހަށިގަނޑުގައި އުފެދި މޮޔަވާ ވަރުވިއެވެ. އޮޕާސްއަށް ސަޒާ ދިނުމަށް ނިންމައިގެން ހުރެ ކޮޓަރިއަށް ވަންއިރު ހަށިގަނޑު ރޫރޫއަޅައެވެ.މަސްތު ހާލުގައި ނިދާފައި ހެދުނު ހޭލެވޭއިރު ބޮލަށް ބަރުވެ އެވާ ހުރިހާ އުދަގޫތައް ޖެހި އަރާމުކޮށްލުމުގެ ނިޔަތުގައި އޭނަ އެނދުގައި ޖައްސާލައިފިއެވެ. އެވަރުންވެސް ނިދީގެ ރާހަތެއް ނުލިބުނެވެ. އޮޕާސްގެ މައްސަލަ ކޮޅެއްގައި ޖައްސާލާފައި ނޫނީ ނިދިވެސް ހަރާމް އެއްޗަކަށް ވެއްޖެއެވެ. ތެދުވެ ޚާދިމަކަށް އެންގީ ފާދިރީ މާޓިން ގެނައުމަށެވެ. މާޓިން ނިދަން ތައްޔާރުވަނިކޮށް ޚާދިމު ރަސްގެފާނުގެ އަމުރު އިއްވިއެވެ. ވަގުތުން އޭނަ އެ ގަނޑުވަރަށް ހާޟިރުވެ ރަސްގެފާނާއި ބައްދަލުކޮށް މަޝްވަރާކުރިއެވެ. އޭނަ ލަފާދިނީ އޮޕާސްއާއި އޭނަގެ ގަނޑުވަރުގައި އުޅޭހާ ބަޔަކު ހައްޔަރުކުރުމަށެވެ. ރަސްކަން ވައްޓައިލަން އުޅުމުގެ ކުށަށް އަންނާނެ ހުކުމް ކުޑައެއް ނުވާނެކަން ގައިމެވެ. އޮޕާސްގެ ކުށަކީ ރަސްގެފާނަށް އިންޒާރު ދިނުމެވެ. ރަސްކަން ވައްޓައިލާނެކަމަށް ބުނެ ބިރު ދެއްކުމެވެ.

ޝަރީއަތްކުރުމަށް އޮޕާސް ހައްޔަރުކޮށްފައި އޮތުމަށްފަހު ފަޑިޔާރު ކުރިމައްޗަށް ގެނެވުނެވެ. އޭނަ ވާހަކަދައްކަމުންގޮސް ލުދްރީކްގެ ކުށްވެރި އަމަލުތަކާއި ހަމަޔަށް ވާހަކައިގެ މިސްރާބު ދިޔުމުން ރަސްގެފާނު ބިރުން އަނބުރައިނުގަތީ ހަމަ ކިރިޔާއެވެ. ބިރުވެރިކަން އޭނަ ވަށައިލުމުން އެހީއަކަށް އެދި ބަލައިލެވުނީ މާޓިންއަށެވެ. މާޓިންގެ އެންގުމަށް ވަގުތުން އެ ޝަރީއަތް މެނދުކަޑައިލުމަށްފަހު އޮޕާސް ގެންދެވުނީ ޖަލަށެވެ. އޮޕާސް މޮޔަވެގެން ސިކުނޑި ހަމަނުޖެހޭ ހިސާބަށް ހިގައްޖެ ކަމަށާއި އެދައްކާ ވާހަކަތައް ޝަރީއަތުގެ މަޖުލީހުގައި ގަބޫލު ނުކުރެވޭނެކަމުގައި ބުނެލިއެވެ.

އޮޕާސް ފިކުރުބޮޑުވީ ފްލޮރިންޑާއާއި މެދުގައެވެ.

އެކުއްޖާގެ ޚަބަރެއް އެއްގޮތަކަށްވެސް އެނގެނީއެއް ނޫނެވެ. އެ ހަގުރާމަވެރިންނަށް ނާކާމިޔާބުވެ އަލުން ފްލޮރިންޑާ ގަނޑުވަރަށް ގެންދެވުމަކީ އެކށީގެންވާ ކަމެކެވެ.

***


"ސާހިބާ. އަޅުގަނޑުމެން މިތިބީ ފުރަން ތައްޔާރުވެގެން އަމުރަށް ބަލަ ބަލާ..." އިސްކޮޅުން ދިގު ކަޅުކުލައިގެ އިސްތަށިގަނޑަކާއި ދެލޮލުގެ ވެރި ހަގުރާމަވެރިޔާ ވަމްބާ އަދަބުވެރިކަމާއެކު ގުދުވެލިއެވެ.

"ވަމްބާ މި ގާފިލާގެ ހުރިހާ ކަމެއް ބަލަހައްޓަންވާނެ އިނގޭ....."

"ސާހިބާ. އަޅުގަނޑުމެންގެ މަންޒިލަކީ ކޮބާކަން ވިދާޅުވެ ދެއްވަފާނަންތޯ؟ " ވަމްބާ ސުވާލުކުރިއެވެ.

"އަހަރެމެން ދާން ޖެހެނީ އަސްތިގީއަށް. އެ ސަހަރަށް ދަތުރުކުރާނެ ފަސޭހަ މަގެއް ކަލެއަށް އެނގިފައިވޭތަ؟ " އާލްފް އެހިއެވެ.

ވަމްބާ ތަފްސީލުކޮށް ކިޔާދިންއިރު އާލްފް ވިސްނުންތެރިކަމާއެކު އަހަން ހުއްޓެވެ.

"ރަހުމަތް ލައްވާށި. އަހަރެން އޮތީ ދަތުރާއި ހަގުރާމައާއި ބެހޭގޮތުން އިރުޝާދު ދީފައި. އެކަމަކު އަހަރެން ފިކުރުބޮޑުވާ އެހެން ކަމެއް ހިއްސާކޮށްލާނަން. މިދަތުރުގައި އަހަރެން އެދެނީ އެއްވެސް ހަގުރާމަވެރިޔަކު ދަނޑުވެރިންނަށް ހަމަލާ ނުދިނުން. ފައިސާއާއި ކާތަކެތި ފޭރިނުގަތުން. އެއްވެސް މީހަކާއި ދޭތެރޭ އަނިޔާވެރި ރަހުމްކުޑަކޮށް އަމަލުކޮށްގެން ނުވާނެ. އެއްވެސް ހަގުރާމަވރިޔަކު އެފަދަ އަމަލެއް ހިންގައިފިއްޔާ ހައްދުޖެހޭނެ ނޫނީ އޮތީ ގަތުލުކުރުން. އަދި މަތީ މަގާމެއްގައި ހުރިއްޔާ ދަރަޖަ ތިރިކުރެވޭނެ. މި ގާފިލާ ދާން ޖެހޭނީ މަޑުމައިތިރިކޮށް އަދި ރަގަޅު ތަރުތީބަކުން"

ވަމްބާގެ ދެލޮލުގެ ވިދުން ގަދަވިއެވެ.

"މާތް ރަސްކަލާނގެ މަނިކުފާނަށްވެސް ރަހުމަތް ލައްވާށި. މަނިކުފާނުގެ ބައްޕާފުޅުވެސް އަޅުގަނޑުމެން ތަމްރީނު ކުރެއްވީ ތިޔަ ވިދާޅުވިފަދައިން .އިންސާފުވެރި އަދި އޯގާތެރިވާން ދަސްކޮށްދެއްވި.."

އާލްފްއަށް އެ ޖުމްލަ އިވި އިސްޖަހައިލެވުނެވެ. ބިންމައްޗަށް ބަލަހައްޓައިގެން ހުރެވުނެވެ. އާލްފްބުނީ މިއީއެފަދަ ވާހަކަތައް ދައްކަންވީ އެންމެ ރަގަޅު ދަނޑިވަޅު ނޫންކަމުގައެވެ. އޭނަ އެދުނީ ހުރިހާ ހަގުރާމަވެރިންނަށް އޭނަގެ މެސެޖް ރައްދުކޮށްދިނުމަށެވެ.

"އެއްވެސް ޚާދިމަކަށް ބޭނުންފުޅުތޯ؟ "

އާލްފް ޔައުގޫބަށް ނަޒަރު ހުއްޓާލާފައި އެއްޗެކޭ ބުނަން އުޅުމުން ލޮލުގެ އިޝާރަތުން އެކަން ހުއްޓުވިއެވެ.

"އަހަރެން އެއްވެސް މީހަކަށް ބޭނުމެއްނޫން. އަހަރެންގެ ޚާއްސަ ޚާދިމަކު އެބަހުރި. ކަމަކު ޖެހިއްޖެއްޔާ އޭނަ އެހީތެރިވާނެ. އެހީއަކަށް ބޭނުންވިއްޔާ އަހަރެން ބުނާނަން."

އެދެ ހަގުރާމަވެރިން ކޮމާންޑަރާއިމެދު ހިތްހަމަޖެހުނުކަން މޫނުމަތިން ސާފުކޮށް ފައުޅުވާން ހުއްޓެވެ.

އެދެމީހުން ގޮސް އާލްފްއާއި ޔައުގޫބު ކޮޓަރީގައި އެކަނިވިއެވެ.

"އަޅުގަނޑަށް އިޝާރާތްކުރިކަން އެނގޭ. އެކަމަކު އަދި އަޅުގަނޑުމެން މިވަނީ ދުޝްމިނުންގެ ތެރޭ. ވިދާޅުވެވިދާނެ އެއްޗަކުން ފަހުން ހިތާމަ ކުރައްވަން ޖެހިވަޑައިގެންފާނެ. މާތް ރަސްކަލާނގެ ރަހުމަތުން އަދި ސާހިބާގެ ނަސީބު ރަގަޅު. މިހާރު ފައިސާއާއެކު ހަގުރާމަވެރިން ލިބުމުގެ ފުރުސަތު މި ހުޅުވެނީ......"

"ޔައުގޫބު ތީގެ މާނައަކީ ކޮބާތަ؟ "

"ރަސްގެފާނު ގަނޑުވަރުން ބޭރުުކުރުމުގެ ރޭވުންތައް މިދަނީ ފުރިހަމަވެ ކުލަޖެހެމުން. މިހާރު ސާހިބާގެ ދަށުގައި ހަގުރާމަވެރިންގެ ލަޝްކަރެއް އެބައޮތް. އެމީހުންގެ އިތުބާރާއި ލޯބި ހޯދުން ދެން އޮތީ ފައިސާއިން....ފައިސާ...." އެ ހިސާބަށް ބުނެފައި ދަތްތައް ދިލުވައިލަމުން މޮޔަ ގޮތަކަށް ހިންޏެއް ވެސް އައީ އެ ޚިޔާލުން ލިބުނު ފޮނި މީރުކަމަކުންނެވެ.

" އެކަމަކު ކޮންތާކުން ފައިސާ ހޯދަނީ؟ ދުލުން ކޮންމެފަދަ އެއްޗެއް ބުނެލުމަކީވެސް ފެންފޮދެއް ބޯލުންހާ ފަސޭހަކަމެއް ދޯ. އެކަމަކު އެކަމަށް އަމަލީ ސިފަ ގެނައުމުގާ އުދަގޫތައް ކުރިމަތިވާނީ......"

ޔައުގޫބު އޭނަގެ މޭގައި އަތް ޖައްސާލާ ކުޑަކޮށް ގުދުވެލުމަށްފަހު ދެލޯ މަރާލައިފިއެވެ.

"އަޅުގަނޑުގެ އަތުގައި ފައިސާ އެބަހުރި.."

"ތިހެން ބުނުމުން ހަދާން މިވީ ވައުދުގެ މަތިން. އަހަރެން ތިކަން އެގެން ބޭނުންވެފައިވާ މިންވަރު ކޮންމެހެން ޔައުގޫބު ގާތު ހާމަނުކުރިޔަސް އެނގޭނެ...." އާލްފްގެ ޖަވާބުނ ޔައުގޫބުގެ މޫނުމަތީގައި ހުރި ހިނިތުންވުން ގެއްލި ސީރިޔަސްކަން ވެރިވިއެވެ.

"ތި ހުށަހެޅުން ތަންކޮޅެއް ފަސްކޮށް ދެއްވުން އެދެން. އެންމެ ކުޑަވެގެން އަސްތީގީއާއި ހަމަޔަށް ފޯރަންދެން.. އެ ސަހަރަށް ދެވުނީމަ ފައިސާ އަތަށް އެރިގޮތް ކިޔާދޭނަން. ހުރިހާ ކަމެއް އެންމެ ރަގަޅު ވަގުތުގައި އަތް މައްޗަށް އަންނާނެ. ހިތްހަމަޖައްސާލައްވައިގެން ހުންނަވާ ސާހިބާ. އަޅުގަނޑު ކިތަންމެ ހުތުރުކަމުގައި ވިޔަސް ރަގަޅު ސިފަތަކެއްވެސް ހުރޭ. މިހާރު އަހަށް ސަވާރުވާ ވަގުތު އެއޮތް ޖެހުނީ....."

"އަހަރެންގެ އަސް ގެނޭ... ޚާދިމުންގެ އަތުން ދަތުރަށް ބޭނުންވާ ސާމާނާއި ކާނާ އަތުލާ. އަހަރަންގެ ފަރާތުން ވަހަކަދައްކަން ހުންނާނެ މީހަކީ ޔައުގޫބު. އަދި އެހެން ޚާދިމުން އަހަރެންގެ ގާތަށް ނުފޮނުވާތި. އެމީހުން ކަމަކު ބޭނުންވެއްޖެއްޔާ ޔައުގޫބު ގާތުގައި އެދެންވާނީ........" އާލްފް އިރުޝާދު ދިނެވެ.

"ލައްބަ ސާހިބާ....." ޔައުގޫބު އިރުކޮޅެއްފަހުން އައީ ލަޝްކަރުގެ ތެރޭގައިވި އެންމެ އަގު ބޮޑު އަސްދާނުގޮނޑި އެޅި އެއް އަސް ގޮވައިގެންނެވެ. އާލްފް ޖެނެރަލެއްގެ ޔުނިފޯމްގައި ހުރިއިރު އޭނަގެ ޒުވާންކަމާއި ރީތިކަން އެތައް ގުނަ އިތުރުވެއްޖެއެވެ. އިރުއޮއްސުމުގެ ކުރިން ލަޝްކަރު ދަތުރުކުރަން އާލްފް އަމުރުކުރުމާއެކު އަސްވާރުން ވާދީއިން ގޮސް އިސާހިތަކު އުސް ހިސާބަކަށް އަރައިފިއެވެ. އެހިސާބުގައި މަޑުކޮށްލަމުން އާލްފްގެ ނަޒަރު ދަތުރުކުރީ ތާގޫސް ކޯރުގެ ކައިރިން ފެންނަން ހުރި ރަސްގެފާނުގެ ގަނޑުވަރަށެވެ. ފޮލޮރިންޑާ ދިރިއުޅޭ ގަނޑުވަރަށް މޮޅިވެރިކަމާއެކު ބަލަން ހުރިއިރު ލޮލުން ކަރުނަ ހިލިއްޖެއެވެ. ހިތް ބާރުބާރަށް ތެޅިގަތުމާއކު ޖަޒުބާތުތައް ބަންޑުން ވެގަތެވެ. އެމީހުން އެންމެ ފަހަށް ބައްދަލުކުރިއިރު ދެކެވުނު ވާހަކަތަކާއިމެދު ވިސްނާލަމުން އުޑާއި ދިމާލަށް މައްޗަށް ބަލައިލެވުނެވެ. އުދަރެހުގައި ބޮޑިވަމުން ދިޔަ ވިލާތައްވެސް އޭނަގެ ހިތުގައި އެވާ ބޭގަގާރުކަން ދެނެގަތް ފަދައެވެ. ކޮންމެ އެއްޗެއްވެސް އޭނަގެ ހިތާމައިގާ ބައިވެރިވާފަދައެވެ.

އިރުއޮއްސުމާއެކުހެން ކަނު އަނދިރިކަން ހަތަރު ފަރާތުން ވަށާލައިފިއެވެ. ވާރޭ އޮއްސައިގަތުމާއެކު ވައި ބާރުވިއެވެ. އިތުރަށް ދަތުރު ކުރަން ނުކުޅަދާނަވެ ފޭލިގެތައް ޖަހަން އާލްފް އެންގިއެވެ. އާލްފްއަށް ތައްޔާރުކުރި ފޭލިގެ ޖަހާ ދިނުމުން އޭނަ ޔައުގޫބުއަށްވެސް އެތެރެއަށް ވަންނަން ދައުވަތު ދިނެވެ.

އާލްފް ޔަގީންކޮށްގެން ހުރީ ވަރަށް އަވަހަށް ފްލޮރިންޑާއާއި ބައްދަލުވާނެ ކަމުގައެވެ. ފްލޮރިންޑާ ސަލާމަތްކުރަން އަޖިއްލާއާއި ޗަންޓިއްލާއާއި ހަވާލުކޮށް އެމީހުން ބޯޓުން ދަތުރުކުރާނެކަން އޭނައަށް އޮޕާސް އަންގާފައިވެއެވެ. އެމީހުން ފްލޮރިންޑާ ސަލާމަތްކޮށްގެން ގެންދާނީ އޮޕާސްގެ ގަނޑުވަރަށެވެ. އެއަަށްފަހު އޭނަ ހުރިތަނަކަށް ފްލޮރިންޑާ ފޮނުވައިދޭނެއެވެ. އެއީ ރޭވުމުގައި އޮތް ގޮތެވެ. ކުއްލިއަކަށް އާލްފް ސިހޭގޮތްވިއެވެ. އޮޕާސްއަށް ރަސްގެފާނުގެ ހީލަތްތެރިކަން ނޭގޭނެއެވެ. ރަސްގެފާނު އެންމެ ފަހު ވަގުތުގައި ޚިޔާލު ބަދަލުކޮށް އޭނަ އަސްތިގީއަށް ފޮނުވަން ނިންމީއެވެ. ވީމަ އޭނަ ހުރިތަނެއް އޮޕާސްއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ފިނިކަން ގަދަކަމުން ހީކަރުވައިގަނެ ފޭލިގޭގެ ކަނެއްގައި ބޯ ހެދުންތަކާއިއެކު ރަޖާ އަޅައިގެން ބޮނޑިވެގެން އިން ޔައުގޫބަށް އޭނަގެ ނަޒަރު ހުއްޓުނެވެ. ވާރޭ ހުއްޓުމެއްނެތި ބޯ ކުރަމުން ދިޔައިރު ގުގުރީގެ ސަބަބުން ބިންގަނޑުވެސް ގުޑައިގެން ދެއެވެ.

"ޔައުގޫބު. ރަސްގެފާނު ކުރި އަމުރު ބަދަލުކުރި ސަބަބެއް އެނގޭތަ؟ " އާލްފް ސުވާލުކުރީ އަޑުހަރުކޮށެވެ. ހޮނުގުގުރުމުގެ ތެރެއަށް އަޑު ގެނބިގެން ދާނެ ކަން އެނގޭއިރުވެސް މެއެވެ.

"އަޅުގަނޑަށް އެކަން އެގޭހެން ހީވޭ. މިހާ ފިނިގަދަ ނޫންނަމަ ވާހަކަދެއްކިދާނެ..." ޔައުގޫބު ގެ އަޑުވެސް ތުރުތުރުލައެވެ.

" ކޮންކަމެއް އެނގެނީ؟ އެންމެ ރަގަޅު. ތިހާ ފިނިވެގެން އުޅޭނަމަ ރާ ތަށްޓެއް ބޯލާ. އޭރުން ހޫނުވެދާނެ." އާލްފް އެހެން ބުނަމުން ފޭލިގޭގެ ކަނުގައި ހުރި ކޮތަޅަށް އިޝާރާތް ކުރިއެވެ.

ކޮޅަށް ތެދުވާނެ ހިތްވަރު ހޯދަމުން ޔައުގޫބު އަވަހަށް އެ ހަން ނަގާފައި ރިހިކުލައިގެ ކަންވާރަކަށް އަޅާފައި އާލްފްއަށް ދިއްކޮށްލިއެވެ. އަދި އަމިއްލައަށްވެސް ތަށްޓަކަށް އަޅައިގެން ދަމާލާފައި އާލްފްގެ ތަށިވެސް ދެވަނަ ފަހަރަށް ފުރައިލަދިނެވެ. އޭރު އޭނަގެ ހަށިގަނޑުގައިވާ ފިނިކަން ކެނޑި ލޭ ހޫނުވިކަމުގެ އިހުސާސްކުރެވުނެވެ. ހީ ފިލައިފިއެވެ. ގުގުރީގެ އަޑުވެސް މަޑުވެއްޖެ ތޫފާން މައިތިރިވެލައިފިއެވެ. ޔައުގޫބު ތިންވަނަ ތަށި އެޅިއެވެ.

"އަޅުގަނޑުގެ މި ތަށްޓަކީ އަޅުގަނޑުމެންގެ މި ސިއްރަށްޓަކާ......"ޔައުގޫބު ވަށައިގެން ހޯދައިލިއެވެ. " އުއްމީދަކީ މި ރޭވުން ކާމިޔާބު ވުން. ޔައުގޫބުއަށް ނޭގޭކަމަށް އަޅުގަނޑުގެ މާސްޓަރ އަލްފަންސޫ ހީކުރެއްވިޔަސް ހުރިހާ އެއްޗެއް އެނގޭ. އެކަމަކު އެ ސިއްރު ހާމަކުރަންވެސް އެބަޖެހޭ. ސަބަބަކީ ޔައުގޫބުވެސް މިކަމުގައި ޝާމިލުވާތީ. މި އުއްމީދުގެ ހުޅުކޮޅު އެއްގޮތަކަށްވެސް ނިވިޔަ ދީގެން ނުވާނެ......" ޔައުގޫބު ވާހަކަދައްކަމުން ދިޔައީ ހިނިތުންްވެލައިގެން ހުރެއެވެ. ޔައުގޫބުއަށް އޭނަ ފްލޮރިންޑާދެކެ ވާ ލޯބީގެ ސިއްރުވެސް އެނގިފައިވޭބާވައެވެ.

"ތިޔަބުނަނީ ކޮން އުއްމީދެއްގެ ވާހަކަ...." އާލްފް އެހިއެވެ.

"އަޅުގަނޑުގެ ސިކުނޑިއާއި މި ރާ ކުޅުނީ. އޮޅިގެން ދައްކަން ނުޖެހޭ ވާހަކައެއް ދެއްކުނަސް މާފުކޮށް ދެއްވާތި. މިބުނާ އުއްމީދު ވަނީ ލުދރީކްގެ ގަނޑުވަރުގައި. އެކުއްޖާގެ ސަބަބުން މަނިކުފާނު ދުރު ޝަހަރަކަށް ފޮނުވައިލަން އެ ޒާލިމް ރަސްގެފާނު ނިންމީ. އެކަމުގެ ބަދަލު ހިތިގޮތަކަށް ހިފޭނެ. މަނިކުފާނު ޓޮލެޑޯއަށް އެނބުރި ވަޑައިގަންނަވާނީ ކާމިޔާބީއާއި އެކު....."

އެންމެ ފަހު ޖުމްލަތައް އޭނަ ބުނެލީ ހެމުންނެވެ. އޭރު ރާގެ ތިކިތައް އޭނަގެ ތުނބުޅިން ތިކިތަޅަމުން ދިޔައެވެ. އޭނަ އާލްފްގެ ގާތަށް ގޮސް ހުއްޓުނެވެ.

"އަޅުގަނޑުމެން އަސްތީގީއަށް ފޮނުވާލައިގެން އޭނަގެ ރޭވުން ކާމިޔާބު ވީ ކަމަށް ހީކުރާނެ. އެކަމަކު ހަގީގަތުގައި އޭނަ އަޅުގަނޑުމެންގެ މަސައްކަތް ފަސޭހަކޮށްދިނީ. އަޅުގަނޑުމެންގެ ސިކުނޑީގައިވާ ޕްރޮޖެކްޓް ހިންގަން އެ ޝަހަރަށް ދާން އަސްލު ޖެހެނީ." ޔައުގޫބު ބުނަމުން ދިޔައެވެ.

"ޔައުގޫބު. ތިހާ ދުރުން ނުގޮސް ސިއްރުވެރި ވާހަކަތައް ނުދައްކާ ސީދާ ނުގުތާއަށް ގޮސްދީފާނަން؟ " އާލްފް ކެތްތެރިކަން ކުޑަވެ ރުޅިއަންނަ ގޮތްވެފައި ބުނެލިއެވެ.

"އަޅުގަނޑު ދަންނަވައިފިން. މާތް ރަސްކަލާނގެ އިރާދައާއެކު ބޮޑުކަންތައްތަކެއް ވަރަށް އަވަހަށް ވާނެ. އެކަމަކު ވާހަކަދައްކަން އަޅުގަނޑަށް ބާރުނާޅުއްވާ. އޭރުން ނުރައްކާތެރިވެދާނެ. ކެތްތެރިވެ ވަޑައިގަންނަވާ. ވަރަށް އަވަހަށް އަޅުގަނޑު ހުރިހާ ސިއްރެއް ހާމަ ކުރާނަން....ހަގީގަތް ހާމަކުރުން އަވަސް ކުރަން ވެގެން ލުދްރީކް އަޅުގަނޑުމެން އަސްތީގީއަށް މި ފޮނުވީ."

ކެތްތެރިކަން ކުޑަކުރެވުނީތީ އާލްފް ހިތާމަކުރިއެވެ. އޭނަ ޔައުގޫބުއަށް އިހުތިރާމް ކުރެއެވެ. އިތުބާރުކުރެއެވެ.

"އެންމެ ރަގަޅު. އަހަރެމެން ގެ މި ހަގުރާމައިގެ އޮޕަރޭޝަނުގެ ބޭނުމަކީ ކޮބާ؟ "

"ހީވާގޮތުން ބައެއް ޝަހަރުތަކުގައި ވެރިކަމާއި ދެކޮޅަށް ފާޅުގައި ނުކުމެ މުޒާހަރާ ކުރާތީ. ކޮންމެ އަހަރަކުވެސް މިފަދަ ކަންތައްތަކާ ދިމާވޭ. ގޫތުން އައުމުން އެމީހުން ރޫމީންގެ ފަރާތުން ސަލާމަތްވެވޭނެކަމަށް ހީކުރި. އެކަމަކު އެމީހުންނަށް އެނގުނީ މިހާރު ދިރިއުޅެން ޖެހުނީ އެއްވަރެއްގެ ދެ އަނިޔާވެރި ބަޔަކާއެކުގައިކަން. މިނިވަންކަން ނިގުޅައިގަނެވި އަޅުންނަށްވީ. އެމީހުންގެ ބިމެއް މުދަލެއް އަދި މަގާމެއްނެތް. މިފަހަރު މި އޮތް ރަސްކަމުގެ މާ ބޮޑު އާރެއް ބާރެއްނެތްކަން އެނގި ބަޢާވާތަށް ނުކުމެ އެއުޅެނީ. އެމީހުންނަށް އެކަންތައް އެހާ ބޮޑަށް ފަސޭހަވީ މިފަހަކަށް އައިސް ގޫތުންގެ ރަސްކަލުން ޔަހޫދ މުޖުތަމައާއިމެދު ކަންތައް ކުރާގޮތުން. ގަދަކަމުން އީސާއީ ދީނަށް ވައްދާ ހަދަން ފެށީމަ އެމީހުން ބަޣާވާތަށް އެ ނުކުތީ.." ޔައުގޫބު ކިޔައިދިނެވެ.

"އެކަމަކު ޔަހޫދީން ސްޕޭނުން އެއްކޮށް ނެތިގެން ހިގައްޖެއެއްނު ..." އާލްފް ބުނެލިއެވެ.

"އަޅުގަނޑަށްވެސް އެނގޭ. ސާހިބާގެ ބައްޕާފުޅުގެ ކުރިން އުޅުއްވި ރަސްކަލުން ޔަހޫދީންނާމެދު އަނިޔާވެރިވި. އެމީހުންނަށް ގޮތް ހުސްވި. އެމީހުންނަށް އޮތީ އީސާއީންނަށް ވުން ނޫނީ ގަތުލުވުން. ނޫނީ ރަށުން ފޭބުން. ބައެއްމީހުން ތަން ދޫކޮށް ދިޔައިރު އަނެއްބަޔަކު އީސާއީންނަށްވި. ޔަހޫދީންނަށް އެހެން ހެދިޔަސް އަދިވެސް ސްޕެއިންގައި ޔަހޫދީން ދިރިއުޅެމުން އެބަދޭ." ޔައުގޫބު ކިޔައިދިނެވެ.

"މިހާރު މައުޟޫން ބޭރަށް މިދެވުނީ. "ޔައުގޫބު ރަޖާގަނޑު ގައިގާ ރަގަޅަށް އޮޅައިލީ ގަދަ ފިނިން ހިމާޔަތް ހޯދުމަށެވެ. " ތިބުނާ މައްސަލައިގާ އަޅުގަނޑު ގެރެންޓީ ދީފާނަން. ކަނޑިއާއި ސިލޭހަ ބޭނުންނުކޮށް އެ ބަޣާވާތް ނިމުމަކަށް ގެނެވޭނެ. އެހެންވީމަ އަޅުގަނޑުމެންނަށް މަންޒިލަށް ވާސިލު ވެވެންދެން ހަމަޖެހވަޑައިގެން ކެތްތެރިވެ ވަޑައިގަންނަވާ. އެހިސާބުން މަނިކުފާނަށް ހުރިހާ ސިއްރެއް އެނގިވަޑައިގަންނަވާނެ. މިހާރު ނިދާ ވަގުތު ޖެހުނީ. އަވަހާރަފުޅު ލައްޕަވަން ބޭނުންފުޅު ނުވަނީތޯ؟ "

" އަހަރެމެން ނިދުމުގެ ކުރިން އަދި ދެމީހުން ކުޑަކޮށް ބޮއިގެން މި ވާހަކަ ނިންމައިލަންވާނީ....." އާލްފް ބުނެލިއެވެ.

އާލްފް ބޯ ދަށަށް ލައްވައިގެން އިރުކޮޅެއްވާންދެން ތޫފާނުގެ އަޑުތަކުގެ ތެރެއިން އޭނަގެ ހިތުގެ އަޑު އަހަން މަސައްކަތް ކުރަމުން ދިޔައެވެ. ހިތުގައި އަބަދު ރަނިކަން ކުރީ އޭނަގެ ފްލޮރިންޑާއެވެ. ފްލޮރިންޑާގެ ސަލާމަތަށް އެދި ދުޢާކުރެވުނެވެ. ބޮޑުބޭބެ އޮޕާސްއަށް އިތުބާރުކުރަން ހިތް އޭނައަށް އެންގިއެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު އޭނަ ފްލޮރިންޑާގެ ހުރިހާކަމެއް ހެއްދެވި ފަރާތަށް ވަކީލުކުރިއެވެ. ގުގުރުމާއި ގަދަ ވައިރޯޅިތަކުގެ ސަބަބުން ފޭލިގެ އެއްލައިލަފާނެހެން ހީވި ކިތަންމެ އިރެއްދިޔައެވެ. ދޭތެރެއަކުން ބޯ ވާރޭގެ ހަމަަލަ ފޭލިގެއަށް އައިއިރު ސްނޯވެސް ފޭބިއެވެ. ތޫފާނީ ރެއަކަށް ވި ނަމަވެސް އިރުގަނޑެއްފަހުން ލިބިފައިވާ ވަރުބަލިކަމުގައި އެދެމީހުން ފުން ނިންޖަކަށް ގެނބިފައި އެތައް ދަމެއްވާންދެން ތިއްބެވެ.

***

އިރު ރަގަޅަށް ނާރަނީސް ޔައުގޫބު ފޭލިގެއިން ބޭރަށް ނުކުތްއިރު ފިނިގަދަކަމުން ދުރު ފެންނަނީ ފުސްގަނޑެއްހެންނެވެ. ހިލަތައް މަތީ ސްނޯ ހަރުލާފައިވާއިރު ނިކަން ހިތްގައިމެވެ. އޭނަ އާލްފްއަށް ބޭނުންވާ ކާނާ ތައްޔާރުކޮށް ފެން ހޫނުކުރިއެވެ. އޭރު އެހެން ހަގުރާމަވެރިންވެސް ފޭލިގެތައް ނަގާ ދަތުރަށް ތައްޔާރުވާން ފަށައިފިއެވެ.

އާލްފް ނާސްތާކޮށްލުމަށްފަހު އަހަށް އަރާ ޓޮލެޑޯއާއި ދިމާލަށް ނަޒަރު ހުއްޓައިލިއެވެ. ގިނައިރުތަކެއް ނުވަނީސް އެމީހުން ތާގޫސް ކޯރު މަތިން އަޅާފައިވާ ފާލަން ހުރަސްކުރިއެވެ. ވަށައިގެންވާ ފަރުބަދަތަކުގެ ސަބަބުން މާ ގިނައިރުތަކެއް ނުވެ އެމީހުންގެ ނަޒަރުން އެ ޝަހަރު ކައްސާލައިފިއެވެ. ރޭގެ ތޫފާނަށްފަހު ވިލާތައް ކެހި މޫސުމް ރީތިވެ އިރުގެ ގަދަ ދޯދިތައް ދަނޑުތަކާއި ވާދީތައް އަދި ފަރުބަދަތަކާއި މޭވާ ދަނޑުތަކަށް ދީފައިވާއިރު ރަންދަޅަތަކުން ވިދައެވެ.

ނުނިމޭ

comment ކޮމެންޓް