ކަނޑޫދޫ ހަސަނުގެ ޝަރުތުހަމަވާ ނުވާ ކަމަށް ކަނޑައަޅަން އަލުން ކޯޓަށް

ސުޕްރީމް ކޯޓް: ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމް އިން ވާދަކުރާ ހަސަން މޫސާގެ މައްސަލަ ވަނީ އެ ކޯޓަށް ހުށަހަޅާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ އެ ރަށު އުސްގެ، ހަސަން މޫސާގެ ކެންޑިޑެންސީ ބާތިލްކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް އޭނާގެ ކެންޑިޑެންސީ ބާތިލް ކުރަން އީސީން އަނެއްކާ ވެސް ސުޕްރީން ކޯޓަށް ގޮސްފި އެވެ.

ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ހަސަން މޫސާގެ ކެންޑިޑެންސީ އީސީއިން ބާތިލް ކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމީ ކެންޑިޑެންސީ ބަލައިގަތުމަށް އޮންނަ 48 ގަޑިއިރުގެ ތެރޭ އޭނާ އަކީ ކެންޑިޑޭޓެއް ކަމަށް ބަލައިގަތުމަށް ފަހު އޭގެ ފަހުން ލިބުނު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އޭނާގެ ކެންޑިޑެންސީ ބާތިލް ކުރުމުންނެވެ. އެ ހުކުމުގައި ބުނަނީ 48 ގަޑިއިރަށް ފަހު ކެންޑިޑެންސީ ބާތިލް ކުރާ ނަމަ އެކަން ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުގެ ހުކުމަކުން ކަމަށެވެ.

އީސީއިން ބުނަނީ ހަސަން މޫސާގެ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާކަން ޑީޖޭއޭއިން އެންގީ ކެންޑިޑެންސީ ދިން ފަހުން ކަމަށާއި އެކަމާ ގުޅޭ ރަސްމީ ލިޔުންތައް އެ އިދާރާއަށް އެ ފަރާތުން މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. އެހެންވެ، އޭނާ އަކީ އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަނުވާ ފަރާތްތެއް ކަމަށް ވެސް އީސީއިން ބުނެ އެވެ.

އެ އޮޅުން އެރީ ޑީޖޭއޭގެ މައްސަލައަކުންނެވެ.

އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް "ސަން"އަށް ވިދާޅުވީ ހަސަން މޫސާގެ ކެންޑިޑެންސީއާ މެދު އީސީން ގޮތް ނިންމުމުގެ ކުރިން ސުޕްރީމް ކޯޓަށް އޭނާގެ ކެންޑިޑެންސީގެ މައްސަލަ ހުށަހެޅި ނަމަވެސް ރެޖިސްޓްރާ އެ މައްސަލަ ބަލައިނުގަތް ކަމަށެވެ. އެ ހިސާބުން އީސީގެ ޖަލްސާއަކުން ހަސަން މޫސާގެ ކެންޑިޑެންސީ ބާތިލް ކުރަން ނިންމީ އެވެ.

ހުކުމުގައި ވެސް ފާހަގަކޮށްފައި ވަނީ އީސީއިން އެ ނިންމުން ނިންމިއިރު ހައިކޯޓުގެ ރެޖިސްޓްރާގެ ނިންމުން އިސްތިއުނާފުކޮށްފައި ނުވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ހަސަން މޫސާގެ ކެންޑިޑެންސީ ބާތިލް ކުރުމުގެ މައްސަލަ އީސީއިން އަލުން ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ވަނިގޮތެއް ކަނޑަނާޅާހާ ހިދަކު ހަސަން މޫސާގެ ކެންޑިޑެންސީ ދެމި އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ވިދިގެން ކަނޑޫދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި އެރަށު ރީހުއްސަބާ، އަހްމަދު ރީހާން އިންތިހަބަކާ ނުލައި ކޮނޑި ކަށަވަރުކުރި ކަމަށް ކަނޑައަޅައި ކުރި އިއުލާން އެ ކޮމިޝަނުން ވަނީ ބާތިލް ކޮށްފަ އެވެ. އަދި ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ލިސްޓުގައި ހަސަން މޫސާގެ ނަން މިހާރު ވަނީ އަލުން ހިމަނައިފަ އެވެ.

comment ކޮމެންޓް