އެއް ކޮޓަރީ ފްލެޓް ކެޓަގަރީތައް ބާތިލު ކުރަން ޖެހުނީ ގެރެންޓީ ނުދީ އޮތުމުން: އަސްލަމް

މިނިސްޓަރު އަސްލަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ހިޔާ މަޝްރޫއުގެ އެއް ކޮޓަރީގެ ފްލެޓްތަކުގެ ފޯމުތައް ބާތިލު ކުރީ، ކުރީގެ ސަރުކާރުން އެ ފްލެޓްތަކަށް ގެރެންޓީ ނުދީ އޮތުމުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އެކަށީގެންވާ ވަރަށް ފްލެޓް ނެތްކަމަށް ބުނެ، ހިޔާ މަޝްރޫއުގެ އެއް ކޮޓަރީގެ ފްލެޓް ހިމެނޭ ތިން ކެޓަގަރީއަކަށް ފްލެޓް ނުދޭން މި ސަރުކާރުން ނިންމީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަތަކީ މިދިޔަ ސަރުކާރުން ފްލެޓް ލިބުނު ކަމުގެ ލިޔުންތައްވެސް ދީފައިވާ ފަރާތްތަކެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ފްލެޓްތައް އެޅުމަށް ސަރުކާރު ކުންފުނިތަކާއި އޮފީސްތަކާއި އަދި އަމިއްލަ ފަރާތްތައް ހިމޭނޭ ގޮތަށް 20 ފަރާތްތަކާއެކު އޭރުގެ އޮތް ސަރުކާރުން ނޮވެމްބަރު 5، 2017ގައި ހަވާލު ކުރި ކަމަށެވެ. އެ ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓްގެ 50 ޕަސަންޓަކީ އެއްބަސްވުމާ އެއްގޮތަށް ސަރުކާރަށް ވިއްކަން ޖެހޭ ފްލެޓްތައް ކަމަށް އެއްބަސްވުމުގައި ބުނެފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި އެކަން ކުރެވެން އޮތީ، ސަރުކާރުން އެކަމަށް ގެރެންޓީ ދިނުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ކޮޓަރީގެ 50 ޕަސަންޓުގެ ފްލެޓް 38،000 ޑޮލަރުގެ ރޭޓުން ސަރުކާރަށް ވިއްކަން ޖެހޭ ކަމަށް [އެގްރިމަންޓް ކުރީ]. އެހެން ނަމަވެސް އެގްރިމަންްޓްގައިވާ ގޮތުން އެއަށް އަމަލުކުރަން ޖެހޭނީ، ސަރުކާރުން އެއަށް ގެރެންޓީއެއް ދިނުމުން،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ އެގްރިމަންޓަށް އެއް އަހަރުވެ، އެ ސަރުކާރު ނިމުނު އިރުވެސް އެ ގެރެންޓީ ސަރުކާރުން ދީފައި ނުވާ ކަމަށެވެ.

"އެއް އަހަރު ވެގެން ދިޔަ އިރުވެސް އެކަން ކޮށްފައި ނެތް،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، 20 ފަރާތުގެ ތެރެއިން އެގްރިމަންޓް ދެމި އޮތީ ހަތް ފަރާތެއްގެ އެގްރިމަންޓް ކަމަށެވެ. އެހެން ކަމުން މަސައްކަތް ކުރިއަށް ދިޔައީ ވަރަށް މަދު ކުންފުންޏެއް ކަމަށާއި މިހާރު މަސައްކަތް ކުރަމުންދަނީ އެންމެ ތިން ކުންފިނިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ކުންފުނި ތަކުން އެއްގޮތަކަށްވެސް މަސައްކަތް ނުވެސް ފަށައި. މިހާރު ޓާމިނޭޓް ނުކުރެވި [އުވާނުލާ] އޮތީ ހަތް ފަރާތެއްގެ ކޮންޓްރެކްޓް. އެއީ އެމްޑަބްލިއުއެސްސީ، އެމްޕީއެލް އަދި އެމްއޭސީއެލް،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރީ ސަރުކާރުން ގެރެންޓީ ދީފައި ނެތުމުން، އެ ތިން ކުންފުނިންވެސް އެއް ކޮޓަރީގެ ފެލްޓްތައް އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދީފައިވާ ކަމަށެވެ.

"ކުރިން މި ދެންނެވި ޕާޗޭސް ގެރެންޓީއެއް ދީފައި ނެމުން، މަސައްކަތް ކުރިއަށްދާ ކުންފުނިތަކުން އެއް ކޮޓަރި ފްލެޓްތަކަށް އެ ކުންފުނިތަކުގެ މުވައްޒަފުންނަށް އެލޮކޭޝަން ހާދަމުން ގެންގޮސްފައި އޮތީ،" އަސްލަމް ވިދާޅުވި އެވެ.

ފްލެޓް ކޮމިޓީގެ މަސައްކަތުގެ ތެރެއިން ފަހުން އެ ފްލެޓްތައް ބެލި އިރު، ސަރުކާރަށް ގަންނަ ލިބުނީ 36 ފެލްޓް ކަމަށް އަސްލަމް ވިދާޅުވި އެވެ.

ސަރުކާރުން ވަނީ އެ 36 ފްލެޓްގެ ތެރެއިން 34 ފްލެޓް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީއަށް އިތުރުކޮށް، ބަކީ ދެ ފްލެޓް މާލޭ ރަށްވެހިންގެ ކެޓަގަރީއަށް އިތުރުކޮށްފަ އެވެ.

https://sun.mv/149262

comment ކޮމެންޓް