އިންސްޕެކްޝަނުގައި އުސޫލާ އެއްގޮތަށް ހިދުމަތް ދޭ ކަމުގެ ސްޓިކާ ލިބުނީ މަދު ތަނަކަށް

އޮގަސްޓު 23، 2020: މާލޭގެ ކެފޭއަކުން ޓޭކްއަވޭ ހިދުމަތް ހޯދަން ތިބި ބަޔަކު-- ސަން ފޮޓޯ -- ފަޔާޒު މޫސާ

އެޗްޕީއޭއާއި ކަމާބެހޭ ފަރާތްތަކުން އެންމެ ފަހުން ކުރިއަށްގެންދިޔަ މާސް އިންސްޕެކްޝަންތަކުގައި މާލެ ސަރަހައްދުގައި އާންމު ހިދުމަތް ދޭ ތަންތަނުގެ ތެރެއިން އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ހިދުމަތްދޭ ކަމުގެ ސްޓިކާ ލިބުނީ ނިސްބަތުން މަދު ތަނަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒާމިރު ވިދާޅުވީ މިފަހަރުގެ އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ މާލެ ސަރަހައްދު ހަތް ބަޔަކަށް ބަހާލައިގެން 10 ޓީމަކުންނެވެ. ޒާމިރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް 568 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. ވަކިވަކިން ނަންބަރުތަކަށް ބަލާއިރު އެއީ:

  • ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން: 198
  • ޖިމް، ފިޓްނަސް ސެންޓަރު: 12
  • މާރުކޭޓު: ހަތަރެއް
  • ސެލޫން، ބޯކޮށާ ތަންތަން: 10
  • ކަންމަތީ ފިހާރަ، ހޯލްސޭލަރުން، ރީޓެއިލަރުން: 344

ޖުމުލަކޮށް ބަލާއިރު، ގިނަ ފަރާތްތަކުން އެ އިންސްޕެކްޝަނަށް ވަރަށް ބޮޑަށް އެއްބާރުލުންދީ، ކަންކަން ރަނގަޅުކުރަން ބޭނުންވާކަން ފާހަގަކުރެވުނު ކަމަށާއި އެހެން ނަމަވެސް ފަރުވާކުޑަވުމުގެ ސަބަބުން ބައެއް ތަންތަނަށް ނޯޓިސް ދޭން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޯޓިސް ދިނުމުގައި ފުރަތަމަ ކޮންމެ ތަނަކަށް ވެސް މި ދެނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ދޭ ތަނެއް ނަމަ، އެއީ ރައްކާތެރި ތަނެއްގެ ގޮތުގައި ބަލާ ތަނެއް ކަމުގެ ސްޓިކާއެއް އެބަދެން. އަދި އެތަނުގައި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަވާނަމަ މި ދެނީ ވައިޓް ނޯޓިސް." ޒާމިރު ވިދާޅުވި އެވެ.

އެގޮތުން ގައިޑްލައިންތަކާ އެއްގޮތަށް ވިޔަފާރިކުރާ ކަމަށް މިހާތަނަށް ފާހަގަވެފައިވާ 243 ތަނަކަށް ސްޓިކާ ދީފައިވާ ކަމަށް ޒާމިރު ވިދާޅުވި އެވެ. އެއީ އިންސްޕެކްޓް ކުރި ޖުމުލަ އަދަދުގެ ނިސްބަތުން ބަލާއިރު 42 ޕަސެންޓެވެ.

ފެބްރުއަރީ 4، 2021: މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާތީ ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުރަތަމަ އިންސްޕެކްޝަނުގައި ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް ފާހަގަވެގެން ވައިޓް ނޯޓިސް ދިނީ 288 ތަނަކަށެވެ. އަދި ވައިޓް ނޯޓިސްގައި ރަނގަޅުކުރަން ބުނާ ކަންކަން ރަނގަޅު ނުކޮށްގެން 37 ތަނަކަށް ރެޑް ނޯޓިސް ދިން ކަމަށް ޒާމިރު ވިދާޅުވި އެވެ.

"ރެޑް ނޯޓިސްގައި ބަޔާންކުރާ ކަންކަން ރަނގަޅު ނުކުރާނަމަ، ދެން ދާ ބުރުގައި މިހާރު ހުރި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖޫރިމަނާ ކުރަނީ،"

އުސޫލުގައި ބުނާ ގޮތުން ފުރަތަމަ ފަހަރަށް ނަމަ ޖޫރިމަނާއަކީ 5000 ރުފިޔާ އެވެ. އަދި ދެވަނަ ފަހަރު ނަމަ 25،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭއިރު، އެންގުމާ ހިލާފުވެ ކަންކަން ރަނގަޅު ނުކުރާނަމަ، ތިންވަނަ ފަހަރަށް 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. ހަތަރުވަނަ ފަހަރުގެ ޖޫރިމަނާއަކީ 75،000 ރުފިޔާ އެވެ. ފަސްވަނަ ފަހަރު ޖޫރިމަނާ ކުރާނީ އެއްލައްކަ ރުފިޔާއިންނެވެ.

ޒާމިރު ވިދާޅުވީ މިއަހަރު މާސް އިންސްޕެކްޝަން ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ މީގެ ކުރިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކާ ތަފާތުކޮށް ކަމަށެވެ.

އެގޮތުން ވިޔަފާރީގެ މާހައުލާއި އެ މާހައުލުތަކުގައި ކޮވިޑު ނުފެތުރޭނެ ފަދަ ގޮތަކަށް ކަންކަން ބައްޓަން ކުރެވޭނެ ގޮތަކަށް އިންސްޕެކްޝަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާސް އިންސްޕެކްޝަންގެ މައިގަނޑު މަގްސަދަކީ ވިޔަފާރިކުރާ ފަރާތްތަކާއި ވިޔަފާރީގެ ހިދުމަތް ހޯދަންދާ ފަރާތްތަކަށް ކޮވިޑުން ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމެވެ.

comment ކޮމެންޓް