ޕީޕީއެމްގެ މީހެއްގެ ކެންޑިޑެސީ ބާތިލު ކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އިންތިހާބީ މައްސަލައިގެ ތެރެއިން --

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ކަނޑޫދޫ ކައުންސިލުގެ ރައީސް ކަމަށް ވާދަ ކުރަން ހުށަހެޅި އެ ރަށު އުސްގެ، ހަސަން މޫސާގެ ކެންޑިޑެސީ ބާތިލު ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހަސަން މޫސާގެ ކެންޑިޑެސީ ބާތިލު ކުރީ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އޭނާ އެ ދަރަންޏާ އެއްގޮތަށް ފައިސާ ނުދައްކާތީ އޭނާގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ އެވެ. އެގޮތަށް ނިންމީ، އޭނާގެ ކެންޑިޑެސީ ބަލައިގަތް ފަހުންނެވެ.

ހަސަން މޫސާގެ ކެންޑިޑެސީ ބާތިލުވުމުން، ކަނޑޫދޫ ކައުންސިލުގެ ރައީސް ކަމަށް ވާދަ ކުރި އެމްޑީޕީގެ ކެންޑިޑޭޓު އޮޓަމެޓިކުން ހޮވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޮތީ ނިންމައިފަ އެވެ.

ހަސަން މޫސާގެ ފަރާތުން އޭނާގެ ކެންޑިޑެސީ ބާތިލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު އިއްވި ހުކުމުގައި، އިންތިހާބަށް ކުރިމަތިލާތާ 48 ގަޑިއިރު ތެރޭ އެ މީހާގެ ކެންޑިޑެސީ ބަލައިގަތުމާ މެދު އީސީއިން ގޮތެއް ނިންމަން ޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާކަން ފާހަގަކޮށްފައިވެ އެވެ.

އަދި ހަސަން މޫސާގެ ފަރާތުން އިންތިހާބަށް ކުރިމަތިލާން ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން އެ މުއްދަތުގެ ތެރޭގައި އޭނާގެ ކެންޑިޑެސީ ބަލައިގެންފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ކެންޑިޑެސީ ބާތިލު ކުރީ ފަހުން ލިބުނު މައުލޫމާތެއްގެ މައްޗަށްކަން ފާހަގަކޮށްފައިވެ އެވެ.

އިންތިހާބަށް ކުރިމަތިލާން ހުށަހަޅާތާ 48 ގަޑިއިރުގެ މުއްދަތުގައި ކެންޑިޑެސީ ބަލައިގަންނަ ފަހުން އީސީއަށް ކެންޑިޑެސީ ބާތިލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މައްސަލައެއްގައި ކަނޑައަޅާފައިވާ ކަމަށް ހުކުމުގައިވެ އެވެ.

އެގޮތަށް ކެނޑިޑެސީ ބާތިލު ނުކުރެވޭނެ ކަމަށް އެ ކޯޓުން ކުރިން ނިންމި އެއް ސަބަބަކީ އިންތިހާބަށް ކުރިމަތިލާފައިވާ މީހާގެ އިންތިހާބީ ހައްގުތައް ނުރަގަޅު ނުފޫޒާއި ކޮރަޕްޝަންއިން އެއްކިބާވެގެންވާ މާހައުލެއްގައި ހިމާޔަތް ކުރުމެވެ. އަދި ކެންޑިޑޭޓުކަން ބާތިލު ކުރުމުުގެ ބާރު އީސީއަށް އެއްވެސް ގައިދަކާ ނުލައި އޮތުމުގެ ނަތީޖާއަކަށް ވާނީ އިންތިހާބަށް ކުރިމަތިލުމުގެ ދޮރު ބަންދުވާ ފަހުން ކެންޑިޑޭޓުކަން ބާތިލު ކުރެވޭ މީހެއްގެ ބަަދަލުގައި އެހެން މީހެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު ކެންޑިޑެސީ ގެއްލޭ މީހާގެ ޕާޓީއަކަށް ގެއްލިގެން ދިޔުން ކަމަށްވެސް ކުރިން ނިނމްި ނިންމުމުގައިވެ އެވެ.

މިއަދުގެ ހުކުމުގައި ބުނެފައި ވަނީ މީހެއްގެ ކެންޑިޑެސީ ބަލައިގަތުމަށްފަހު، ފަހުން އޭނާގެ ޝަރުތު ހަމަ ނުވާ ކަމަށް ލިބޭ މައުލޫމާތެއްގެ މައްޗަށް އޭނާގެ ކެންޑިޑެސީ ބާތިލު ކުރެވޭނީ އެ ކޯޓުގެ ނިންމުމަކުން ކަމަށެވެ.

ހަސަން މޫސާގެ މައްސަލައިގައި އީސީއިން އެފަދަ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް، އެ މައްސަލަ ކޯޓުގެ ރަޖިސްޓްރާ ބަލައިގެންފައި ނުވެ އެވެ. މިއަދުގެ ހުކުމުގައި ފާހަގަ ކުރީ އިލެކްޝަންސްއިން އެ ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ނުކުރާ ކަމެވެ.

އެ ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ނިންމާފައި ވަނީ ހަސަން މޫސާގެ ކެންޑިޑެސީ ބާތިލު ކުރަން އީސީއިން ނިންމި ނިންމުން ބާތިލު ކުރާށެވެ.

އަދި ހަސަން މުސާގެ ޝަރުތު ހަމަވުމާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން އޭނާގެ ނަން ކަނޑޫދޫ ކައުންސިލުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓުން އުނި ނުކުރަން އަންގާފައިވެ އެވެ.

އެ މައްސަލަ ބައްލެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، އަދި ފަނޑިޔާރު އައިޝާ ޝުޖޫނެވެ. ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރެވެ.

comment ކޮމެންޓް